ބެންގަލޫރުގެ ވެޓްސަން (ވ) ކައިރިން މާޒިޔާގެ އުމެއިރު ބޯޅަ ކޮންޓްރޯލް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
03 ޖޫން 2017 - 12:19
މި އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭއޮފް ބުރުން ވެލެންސިއާ ކެޓުމާ އެކު އެ މުބާރާތުގައި ރާއްޖެ ތަމްސީލްކުރި ހަމައެކަނި ޓީމަކަށްވީ މާޒިޔާ އެވެ. އުއްމީދީ ފެށުމަކާ އެކު މާޒިޔާ އިން މި މުބާރާތުގައި ކުރިއަށްދިޔަ އެވެ. ހުރިހާ މެޗެއްގައި ވެސް ޖުމްލަކޮށް ކުޅުން ރަނގަވެޅެވެ. ގްރޫޕްގެ އެއް ވަނަ ހޯދައިގެން ދެ ވަނަ ބުރުން ޖާގަ ލިބެން އޮތްއިރު މާޒިޔާ އަށް ލިބުނީ ދެ ވަނަ އެވެ. މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގެ ޓާގެޓަށް ވާސިލްނުވެވުނަސް މިއީ ނިސްބަތުން ބަލާއިރު މާޒިޔާ އަށް ކާމިޔާބު އަހަރެކެވެ.
އޭއެފްސީ ކަޕްގެ ފޯމެޓަށް ގެނައި ބަދަލާ އެކު މުބާރާތް ކުރިއަށްދަނީ ދެ ޒޯނަކަށް ބަހާލައިގެންނެވެ. އެއީ އީސްޓް ޒޯނާއި ވެސްޓް ޒޯނުގަ އެވެ. މާޒިޔާ ކުޅެން ޖެހުނީ އީސްޓް ޒޯނުގެ ސައުތު އޭޝިއާ އަށް ހާއްސަ ގްރޫޕުގަ އެވެ. މާޒިޔާ އާއި ބެންގަލުރުގެ އިތުރުން ގްރޫޕް އީގައި އޮތީ ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ ލިމިޓެޑާއި އިންޑިއާގެ ވަރުގަދަ ބާރު މޯހަން ބަގާން އެވެ.
މުބާރާތް ފެށުމުގެ ކުރިން މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނީ މިހާރުގެ ފޯމެޓް އުނދަގޫ ކަމަށާއި އެއީ ދެ ވަނަ ބުރުން ޖާގަ ލިބެނީ އެއް ޓީމަކަށް ކަމަށްވެފައި ވާދަކުރަން ޖެހެނީ ފަރިތަ ކުޅުންތެރިންތަކެއް ތިބި ވާދަވެރި ގައުމުތަކުގެ ޓީމުތަކާ ކަމަށް ވުމުންނެވެ. އެހެން ނަމަވެސް އެންމެ ފަހު މެޗާ ހަމައަށް މަސައްކަތް ކުރާނެ ކަމަށް އޭރު ވެސް ސެކުލޮސްކީ ބުންޏެވެ.
އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުތަކަށް ފާއިތުވި އަހަރުތަކުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ސީޒަން ލަހުން ފަށާތީ ރަނގަޅު ޕްރީ ސީޒަނެއް ނެހެދުމެވެ. އެހެން ނަމަވެސް އެފްއޭއެމް ކަލަންޑަރަށް މި ފަހަރު ގެނައި ބަދަލާ އެކު ސީޒަން ކުރިން ފަށާތީ އެންމެ ކުރިން ޕްރެކްޓިސް ފެށި ޓީމަކީ ވެސް މާޒިޔާ އެވެ.
ސެކުލޮސްކީގެ ވިސްނުމާ އެއްގޮތަށް މާޒިޔާ ބައްޓަން ކުރުމަށް އޭނާ އަށް ވަގުތު ލިބުނެވެ. ނަތީޖާއެއްގެ ގޮތުން ޓީމަށް ބޭނުންވާ ކަހަލަ ބިދޭސީ ކުޅުންތެރިން ހޯދަން އޭނާ އަށް ފަސޭހަތަކެއް ވެގެންދިޔަ އެވެ. މާޒިޔާ އިން ގެނައި ބިދޭސީ ކުޅުންތެރިންނަކީ ރުމޭނިއާގެ ޑިފެންޑަރު އަންދްރެއި ކޯޑޯސް، ސާބިއާގެ މިލޮސް ކޮވަސެވިޗް އަދި އަލެކްސަންޑަ ރަކިޗް އަދި ކިރްގިސްތާންގެ ގައުމީ ޓީމުގެ ކީޕަރު ޕަވެލް މަޓިއަޝް އެވެ.
މި ކުޅުންތެރިންގެ ބޭނުން މާޒިޔާ އިން ވަރަށް ރަނގަޅަށް ހިފި އެވެ. މާޒިޔާއާ ދެކޮޅަށް ނުކުންނަ ކޮންމެ ޓީމަކުން މާޒިޔާގެ ތައްޔާރީތަކަށް ތައުރީފްކޮށް ބިދޭސީ ކުޅުންތެރިންގެ ވާހަކަ ދައްކަ އެވެ.
އޭއެފްސީ ކަޕްގެ މެޗުތަކުގައި ދެއްކި މޮޅު ކުޅުން ތަކުރާރުކޮށް ރާއްޖޭގެ ސީޒަން ފެށުމުން އެސްޓީއޯ މާލޭ ލީގުގައި ވެސް މާޒިޔާ އިން ދިޔައީ ތަފާތު ދައްކަމުންނެވެ. ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުގެ ވަރުބަލިކަމާ އެކު ވެސް މާޒިޔާ އިން ދިޔައީ ނަތީޖާ ނެރެމުންނެވެ.
މެޗުތަކުގެ ކުރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކުޅުންތެރިން ވަރުބަލިވުމުގެ ޝަކުވާ ސެކުލޮސްކީ ކުރި ނަމަވެސް އޭނާ އަބަދުވެސް ފާހަގަކުރި ކަމަކީ އެ ޓީމުގެ ޕްރީ ސީޒަން ރަނގަޅު ވާހަކަ އެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދިއުމަށް މި ފަހަރު މާޒިޔާ އަށް އެންމެ ބޮޑު ހުރަހެއް ކުރިމަތިވާނީ ބެންގަލޫރުގެ ފަރާތުން ކަމަށް މުބާރާތުގެ ކުރިން ވެސް ބެލެވުނެވެ. އެއީ ބެންގަލޫރަކީ މިދިޔަ އަހަރު ރަނަރަޕް ކަމަށްވެފައި އެ ޓީމުގެ ފެންވަރު ރަނގަޅުވުމުންނެވެ. ބެންގަލޫރާ ދެކޮޅަށް ކުޅުނު ދެ މެޗު ފިޔަވައި އަނެއް ހަަތަރު މެޗު މާޒިޔާއިން ކާމިޔާބުކުރި އެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު މާޒިޔާ އާއި ބެންގަލޫރު އޮތީ 12 ޕޮއިންޓުން އެއްވަރުވެފަ އެވެ. ބެންގަލޫރު ދެ ވަނަ ބުރަށްދިޔައީ މާޒިޔާއާ ދެކޮޅަށް ކުޅުނު ދެ މެޗުން މޮޅުވެފައިވާތީ ހެޑް ޓު ހެޑް ގަވައިދަށް ބަލައިގެންނެވެ.
މާލޭގައި ބެންގަލޫރު އަތުން މާޒިޔާ ބަލިވީ ފަހު ސިކުންތުގައި މާޒިޔާގެ ކީޕަރު ޕަވެލް އަތުން ހެދުނު ގޯހެއްގެ ސަބަބުން ބެންގަލޫރުން ވައްދާލި ލަނޑުންނެވެ. ބެންގަލޫރު ދަނޑުގައި ބެންގަލޫރު މޮޅުކޮށްދިނީ ސުނިލް ޗެތުރީގެ ހިލޭ ޖެހުމުންނެވެ. މި ދެ މެޗަށް ބަލާއިރު ވެސް މާޒިޔާ އިން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހަން ފުރުސަތު ވެސް ތަނަވަސްކުރި އެވެ. އެހެން ނަމަވެސް ކާމިޔާބު ނުވުމުގެ ނަތީޖާއަކަށްވީ މާޒިޔާ އަށް އަނެއް ބުރުން ޖާގަ ގެއްލުމެވެ.
ބެންގަލޫރަށް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ލިބުނު ނަމަވެސް އެ ޓީމުގެ ކޯޗު އަލްބާޓް ރޮކާ ވަނީ މި މުބާރާތުގައި މާޒިޔާ އިން ދެއްކި ކުޅުމަށް ވަނީ ތައުރީފް ކޮށްފަ އެވެ.
މި ފަހަރު އޭއެފްސީ ކަޕްގައި މާޒިޔާ އިން ނެރުނު ނަތީޖާތަކަށް ބަލާއިރު އެ ޓީމުން ވަނީ ތައުރީފް ހައްގު ނަތީޖާތަކެއް ނެރެފަ އެވެ. އެގޮތުން ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ އަތުން ދެ މެޗުން ވެސް ވަނީ 2-0 އިން މޮޅުވެފަ އެވެ. އަދި މާލޭގައި މޯހަން ބަގާން އަތުން 5-2 އިން މޮޅުވިއިރު، މިއީ އިންޑިއާ ޓީމެއް އަތުން ރާއްޖޭގެ ކްލަބަކަށް ފަހަކަށް އައިސް ލިބުނު އެންމެ ބޮޑު މޮޅެވެ. އަދި ކަލްކަތާގައި 1-0 އިން ބަގާން އަތުން މޮޅުވި މެޗަކީ އިންޑިއާގައި އަހަރުތަކެއް ފަހުން ރާއްޖޭގެ ޓީމަކަށް ހޯދުނު ފުރަތަމަ މޮޅެވެ.
މިއީ މާޒިޔާ އިން އޭއެފްސީ ކަޕްގައި ވާދަކުރި ފަސް ވަނަ ފަހަރެވެ. މިދިޔަ ހަތަރު އަހަރާ އަޅާކިޔާއިރު މިއީ މާޒިޔާގެ އެންމެ ނަތީޖާ ރަނގަޅު ފަހަރެވެ. އެ ޓީމު ހަތަރު މެޗުން މޮޅުވިއިރު ވަނީ ނުވަ ލަނޑު ޖަހައިފަ އެވެ. ބައިކޮޅަށް ވަނީ ހަތަރު ލަނޑެވެ.
މި ފަހަރުގެ މުބާރާތުގައި މާޒިޔާ އަށް އެންމެ ގިނަ ލަނޑު ޖަހައިދިނީ ހަތަރު ލަނޑު ޖެހި މުހައްމަދު އުމެއިރު އެވެ. އޭނާ އަކީ މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ލަނޑުގެ ރެކޯޑް އެންމެ ރަނގަޅު މިޑްފީލްޑަރެވެ.
އޭއެފްސީ ކަޕްގެ ދެ ވަނަ ބުރުގެ ޖާގައެއް މާޒިޔާ އަށް ނުލިބުނު ނަމަވެސް ވަކިވަކި މެޗުތަކުގައި ނެރުނު ނަތީޖާ އާއި އެ މެޗުތަކުގައި އެ ޓީމުން ދެއްކި ކުޅުމަށް ބަލާއިރު މިއީ މާޒިޔާގެ ތާރީހުގައި އޭއެފްސީ ކަޕްގައި ކުރިއަށް ފިޔަވަޅެއް އެޅި ފަހަރެކެވެ. އެޓީމުން ފަހު ސިކުންތާ ހަމައަށް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުޓްބޯލް ފޭން
03 June 2017
ރަނގަޅު ވަަހަކަ އެއް. ކުޅުން ކިތަންމެހާވެސް ރަނގަޅު. އެކަމު މެޗު ނިމުނީމަކާ ކުޅުމެއް ފެންނާކަށް ނޯންނާނެ. އެއިރުން ފެންނާނީ ނަތީޖާ. ދިވެހި ޓީމުތައް ނިސްބަތުން ކުރިއަރަމުން އަންނަތަން ފެނޭ. އެކަމަކު އެ ކުރިއެރުން ކުޅުމުގެ އިތުރުން ނަތީޖާއިންވެސް ދައްކަންވާނެ. މުބާރާތެއްގަ ސަރަހައްދީ ޓީމުތައް ވާދަކޮށްގެން ގްރޫޕް ސްޓޭޖެއް ފަހަނައަޅާ ނުދެވެންޏާ ކިހިނެއްތޯ ފުޓުބޯޅަޔަށް ކްލަބްލެވެލްގަ ގެއްލިފަ މިއޮތް ފޯރި އަލުން ދިރުވާނީ.
ޢަހްމަދު
04 June 2017
ތިކަން ދެން ވެސް ކުރާނީ ނިއު އިން
ޢަހްމަދު
03 June 2017
މޮޅެތި ލިޔުންތައް ލިޔާނެ ކަމެއް ނެތް..މަޒިޔާ ބޮޑެތި ހަރަދުތައް ކުރީ ސީދާ އޭއެފްސީ ކަޕަށް ޓާގެޓް ކޮށްގެން.އެކަމަކު ގްރޫޕް ސޭޖްވެސް ފަހަނަޅާ ނުދެވުން..އެހެންވީމާ ތީ ބޮޑު ފޭލިއާއެއް.