ސުޕްރީމް ކޯޓު: ކޮނޑޭ ކައުންސިލްގެ އެކައުންޓް ފްރީޒްކުރީ އެރަށު ކޯޓުން ނެރުނު އަމުރަކަށް --ފޮޓޯ/މިހާރު
07 ޖޫން 2017 - 20:11
ގއ. ކޮނޑޭ ކައުންސިލްގެ އެކައުންޓްތައް ފްރީޒް ކުރަން އެރަށު ކޯޓުން ނެރެފައިވާ އަމުރެއް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
ކޮނޑޭ ކައުންސިލްގެ އެކައުންޓް ފްރީޒް ކުރަން އެރަށު ކޯޓުން އެންގީ މީހަކަށް އެ ކައުންސިލުން ދައްކަންޖެހޭ ފައިސާތަކެއް ނުދީގެން އެ މީހާގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުންނެވެ. އެ މައްސަލާގައި އެރަށު ކޯޓުން އަމުރު ނެރުނީ އެ ކައުންސިލް އިދާރާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އޮތް އެކައުންޓް ފްރީޒް ކުރުމަށެވެ.
އެ އަމުރު ބާތިލްކޮށް، ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ނެރުނު އަމުރުގައިވަނީ ކޮނޑޭ ކައުންސިލްގެ ނަމުގައި އޮތް އެކައުންޓަކީ އާންމު މަސްލަހަތާ ގުޅުންހުރި އެކައުންޓެއް ކަމަށާއި އެފަދަ އެކައުންޓެއް ފްރީޒްކޮށްފި ނަމަ އާންމުންނަށް ދޭ ޚިދުމަތްތަކަށް ބުރޫ އަރައި، ދައުލަތުގެ އިދާރާއެއްގެ ހިންގުން ހުއްޓުމަކަށް އައިސްދާނެ ކަމަށެވެ. އެހެންވެ، އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތުގެ ހައިސިއްޔަތުން ކޮނޑޭ ކޯޓުގެ އެ އަމުރު ބާތިލްކުރީ ކަމަށް އެ އަމުރުގައިވެ އެވެ.
މީގެކުރިން 2014 ގައި ވެސް ކޮނޑޭ ކައުންސިލްގެ އެކައުންޓް ފްރީޒް ކުރަން އެރަށު ކޯޓުން އަމުރެއް ނެރުނެވެ. އޭރު ވެސް އެކައުންޓް ފްރީޒްކުރީ މީހަކަށް ދޭންޖެހޭ ފައިސާތަކެއް ނުދީ އޮތުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy