ޔާމީންގެ އެކައުންޓު ދޫކޮށްލި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ނެރުނު އަމުރު ހައި ކޯޓުން ބާތިލްކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.


ޔާމީންގެ އެކައުންޓްތައް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފްރީޒް ކުރިޔަސް، އެކަމުގައި ދައުލަތުން އަމަލުކުރީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ އިޖްރާއާތު ފުރިހަމަ ނުކޮށް ކަމަށް ވާތީ، ހައި ކޯޓުން މިދިޔަ މާޗް މަހު ވަނީ އެ އަމުރު ބާތިލްކޮށް، އެ އެކައުންޓްތައް ދޫކޮށްލަން އަމުރުކޮށްފަ އެވެ. އެ މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުން މިއަދު ހެނދުނު ފަށައި، ދެ ފަރާތުގެ ވާހަކަތަކަށް ފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. އެކަމަކު ހުކުމް އިއްވާނެ ދުވަހެއް ބެންޗުން އިއުލާނެއް ނުކުރައްވަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ ޔާމީންގެ އެކައުންޓްތައް ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން ދަށު ކޯޓުގައި އެދުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އޮންނަ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ފުލުހުންނަށް އެކަން ހުށަހެޅުމުން ކަމަށެވެ. އެފްއައިޔޫ އިން އެކަން ފުލުހުންގެ ސަމާލު ކަމަށް ގެނައީ އެ އެކައުންޓްތައް މޮނީޓާ ކުރުމަށް ފަހު ކަމަށާއި އެހެންވެ، އެ އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރެއް ހޯދުމުގެ ކުރިން އިތުރަށް އެ އެކައުންޓްތައް މޮނީޓާ ކުރުމުގެ އަމުރެއް ހޯދަން ފުލުހުންނަށް ނުޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.

އެކައުންޓް ފްރީޒް ކުރުމުގެ އަމުރެއް ހޯދޭނީ އެކައުންޓް މޮނީޓާ ކުރުމުގެ އަމުރެއް ހޯދައިގެން ބެލުންތައް ބަލަނިކޮށް، ޖިނާއީ ބޮޑު ކުށަކާ ގުޅުން ހުރި ކަމެއް ފާހަގަވާ ހާލަތެއްގައި ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 72 ވަނަ މާއްދާގައި ހ. ގައި ބަޔާން ކޮށްފައި ވިޔަސް، އެ މާއްދާގެ ބ. ގައި އެކަމަށް އިސްތިސްނާއެއް އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ.

އެގޮތުން، ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު އޮތް ފަރާތަކުން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް އެދިގެން ބޭންކް ކަސްޓަމަރުންގެ އެކައުންޓްތަކާއި ޑިޕޮސިޓްތަކާއި ޓްރަސްޓްތަކާއި ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތު ހޯދިދާނެ ކަމަށް އެ މާއްދާގެ ބ. ގައި ބުނާ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލައިގައި ދައުލަތުން އެދުނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް ދިނުމަށާއި އެކައުންޓް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ރަނގަޅު ކަމަށް ނިންމައި ދިނުމަށެވެ. އަދި އެ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ހައި ކޯޓުގެ ހުކުމަށް އަމަލު ކުރުން ފަސް ކުރުމުގެ ވަގުތީ އަމުރެއް ނެރެދޭން ދައުލަތުން އެދުނެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގައި ޔާމީން ނަމުގައި ހުރި އެކައުންޓް ފްރީޒް ކުރުމުގެ އަމުރެއް ނެރެދޭން ވެސް ދައުލަތުން އެދުނެވެ.

ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ބ. އަކީ އެ މާއްދާގެ ހ. އަށް އޮތް އިސްތިސްނާއެއް ނޫން ކަމަށާއި އެކަމުގައި އިތުރު މާނަ ކުރުމެއް ކުރަން ނުޖެހޭނެ ކަމަށެވެ. އެކައުންޓެއް ފްރީޒް ކުރެވޭނީ މޮނީޓާ ކުރުމުގެ އަމުރެއްގެ ދަށުން މޮނީޓާ ކުރަމުން ދަނިކޮށް ޖިނާއީ ބޮޑު ކުށެއްގެ ކަމެއް ފާހަގަވާ ހާލަތްތަކުގައި ކަން ވަރަށް ސާފު ކަމަށާއި އަދި އެއީ ގާނޫނުގެ މަގްސަދު ކަމަށް ބަލަންޖެހޭ ކަމަށް ޝިޔާޒް ވިދާޅުވި އެވެ. މީގެ އިތުރުން އެ މައްސަލާގައި ހިމެނޭ އެކައުންޓް ފްރީޒް ކުރުމުގެ އަމުރަކީ މިދިޔަ މާޗް މަހު މުއްދަތު ހަމަވެފައިވާ އަމުރެއް ކަމަށާއި އެހެންވެ، ހައި ކޯޓުގެ ހުކުމަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމަށް ޝިޔާޒް ވިދާޅުވި އެވެ. އަދި ޔާމީނަށް ދައުލަތުން ދައުވާކުރާ މައްސަލާގައި ހިމެނޭ ފައިސާ ހުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ޔާމީން ހައްދަވާފައިވާ އެސްކްރޯ އެކައުންޓެއްގައިި ކަމަށް ވާތީ އެ ފައިސާތައް ގެއްލިގެންދާނެ ކަމަށްޓަކައި އެކައުންޓް ފްރީޒް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

މިއަދުގެ އަޑުއެހުމަށް ޔާމީން ވެސް ހާޒިރުވެވަޑައިގަތެވެ. އެކަމަކު އަޑުއެހުމުގައި އެމަނިކުފާނު އެއްވެސް ވާހަކަފުޅެއް ނުދެއްވަ އެވެ.

ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމުގެެ އިތުރުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުކުރަން ވެސް ކްރިމިނަލް ކޯޓުން ކުރިން އަމުރުކުރި އެވެ. އެކަމަކު އެ އަމުރު ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.