ލީގުގެ މެޗެއްގެ ތެރެއިން ނިއުގެ ކޯޗު ޓަވަރޭޒް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 ޖޫން 2017 - 12:59
އެސްޓީއޯ މާލޭ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ގްރީން ސްޓްރީޓްސް އަތުން ބަލިވުމުން ނިއު ރޭޑިއަންޓް އޮތީ ވަރަށް ބޮޑަށް މާޔޫސްވެފައިކަމަށާއި އެކަމުން އަރައިގަންނަން ބޭނުންވަނީ މިރޭ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުން މޮޅެއް ކަމަށް ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނެފި އެވެ.
ލީގުގައި ރޭ އީގަލްސް އަތުން މާޒިޔާ 4-0 އިން ބަލިވުމުން މިރޭގެ މެޗުން ޓީސީ އަތުން ތިން ޕޮއިންޓް ހޯދައިގެން ނިއު އަށް މާޒިޔާއާ ޕޮއިންޓުގެ ގޮތުން ހަމަކުރުމުގެ ފުރުސަތު އެބައޮތެވެ. މާޒިޔާ މި ވަގުތު ނުވަ މެޗުން 21 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި ނިއު އޮތީ ނުވަ މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގައި މިދިޔަ މަހު 26 ވަނަ ދުވަހު ކުޅުނު މެޗުން ނިއު ވަނީ ގްރީން ސްޓްރީޓްސް އަތުން 3-0 އިން ބަލިވެފަ އެވެ. މިރޭގެ މެޗަށް ނުކުންނައިރު ނިއުގެ ކޯޗު ޓަވަރޭޒް ބުނީ ބޭނުންވަނީ އެންމެ ފަހު މެޗުގެ ނަތީޖާ ހަނދާން ނައްތާލުމަށް އާ ފެށުމެއް ކަމަށެވެ.
"ގްރީން ސްޓްރީޓްސް އަތުން 3-0 އިން ބަލިވުމަކީ ޓީމަށް ލިބުނު ބޮޑު ވެއްޓުމެއް. ގާތްގަނޑަކަށް އެއް މަސް މި މަޑުކުރަން ޖެހުނީ އެހެން މެޗެއް ކުޅެން. މިއީ ކުޅުންތެރިންގެ ކޮންފިޑެންސަށް އެންމެ ރަނގަޅު ކަމަކަށް ނުވާނެ. އެހެންވުމުން ބޭނުންވަނީ މި މަޔޫސްކަމުން އަރައިގަންނަން މޮޅެއް ހޯދަން،" ޓަވަރޭޒް ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު ނިއު އަށް އޮތް ހިތްހަމަ ޖެހުމަކީ ސަސްޕެންޝަންގެ ސަބަބުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ނުކުޅެވުނު ގޯލްކީޕަރު އިމްރާން މުހައްމަދާއި ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ އަދި ނެދަލެންޑްސްގެ މިޑްފީލްޑަރު ޖަމެލް ލީފްލެންގަށް މި މެޗުގައި ކުޅެވުމެވެ.
"މި މެޗުގައި ސަސްޕެންޝަނުން އެނބުރި އައިސް ޓީމުގެ މުހިއްމު ކުޅުންތެރިންތަަަކަކަށް ކުޅެވޭއިރު. އަނެއްކާ އެހެން ކުޅުންތެރިން ވެސް އެބަތިބި ސަސްޕެންޑްވެފައި. އަހަރެމެން ކުޅެން މި ޖެހެނީ އުނދަގޫ މެޗެއް. ޓީސީ އަކީ އުނދަގޫ ޓީމެއް ދެކޮޅަށް ކުޅެން. ކުރިން ކުޅުނު މެޗުގައި ވެސް އެކަން ފާހަގަވި އެ ޓީމުގައި އެބަތިބި ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް،" ޓަވަރޭޒް ބުންޏެވެ.
ލީގުގެ ފުރަތަމަ ބުރުގައި ނިއު އާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ލީގުގެ ފުރަތަމަ ބުރުގައި ނިއު ވަނީ 2-1 އިން ޓީސީ ބަލިކޮށްފަ އެވެ. އެ މެޗު ކުޅުނު ހާލަތާ މިހާރުގެ ހާލަތު މުޅިން ތަފާތު ކަމަށް ނިއުގެ ކޯޗު ޓަވަރޭޒް ދެކެ އެވެ.
"ބޭނުންވަނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ހާސިލްނުކުރެވިދިޔަ ކަންތައްތައް މި މެޗުން ހޯދަން. ފުޓްބޯޅައިގެ މަގްސަދަކީ މޮޅުވުން. އަހަރެމެން މިއޮތީ އެންމެ ފަހުން ބަލިވެފައި. އެހެންވުމުން މިހާރު ބޭނުންވަނީ މޮޅުވާން. ފުރަތަމަ ބުރު ޓީސީ އަތުން މޮޅުވި ނަމަވެސް މި މެޗު އުނދަގޫވާނެ. އެއީ އަހަރެމެންގެ ކޮންފިޑެންސް ދަށްވެފައި އޮތް ވަގުތެއްގައި މި މެޗު މި ކުޅެނީ،" އޭނާ ބުންޏެވެ.
ލީގުގައި މިރޭ ކުޅޭ މެޗަކީ މަގާމު ދަމަހައްޓަން ވެސް ނިއު އަށް މުހިއްމު މެޗެކެވެ. އެއީ މިރޭ ނިއު އަށް ތިން ޕޮއިންޓް ނުލިބިއްޖެނަމަ މާދަމާރޭ ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ނިއު އަށް ލީގުގެ ދެ ވަނަ ގެއްލުމުގެ ފުރުސަތު އެބައޮތެވެ. ގްރީން ސްޓްރީޓްސް ތިން ވަނައިގައި އޮތީ ނިއު އަށް ވުރެ ޕޮއިންޓެއް މަދުކޮށެވެ.
"ފުޓްބޯޅަ އަކީ ޕްރެޝަރު އޮންނަ ކަމެއް. މާޒިޔާ އަތުކުރަން އެ ޓީމު އަތުން ޕޮއިންޓް ގެއްލޭނެކަމަށް އުއްމީދުކޮށްގެން މާލޭ ލީގު ހޯދަން ބޭނުންނަމަ އަހަރެމެން މި މެޗުން މޮޅުވާންޖެހޭ. ފުރަތަމަ ޓާގެޓަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުން. އެ ހިސާބަށް ދެވެން އެބައޮތް މާލޭ ލީގުގެ ގަދަ ހަތަރަަކަށް ވަދެވިގެން. އެ މަސައްކަތް މިހާރު މިކުރަނީ،" ޓަވަރޭޒް ބުންޏެވެ.
އަންނަ މަހުގެ ޓްރާންސްފާ އަށް ފަހު ނިއު އިން އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އަލީ އަޝްފާގު (ދަގަނޑޭ) ފެންނާނެ އެވެ. އެ ދެ ކުޅުންތެރިންނާ އެކު ނިއު ފެންނާނީ މުޅިން ތަފާތުކޮށް ކަމަށް ޓަވަރޭޒް ވަނީ ބުނެފަ އެވެ.
ނިއު އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިރޭ 10 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯރަފުށި
23 June 2017
ޒުވާނުންނޭ އެއްޗެކޭ މީއްޗެކޭ ކިޔާނެ. ދެއިރު ދެ ދަޅައަށް ޓީވީ ޗެނަލެއް ހަދާނެ. އެކަމް ޒުވާނުންގެ އެއްމެ މަގުބޫލު ކުޅިވަރ. ފުޓްބޯޅަ މެޗެއް ދައްކާ ނުލެވެ. މީތަ ފުޓްބޯޅައަށް އިސްކަން ދޭވަރަކީ ........
ޑްރައިވަރ
23 June 2017
ނިއުއަށް މިހާރު ބޭނުންވަނި ތަޖްރިބާ ހުރި މޮޅު ކޯޗެއް. މިހާރު ހުރިކޯޗު މާ ކަމްދާ ހެންނެއް ހިއެއް ނުވޭ. ރިސްކެއްނަގަށް ނުކުރޭ. މިސީޒަށް ނިންމާލައިފަ މިކޯޗު ބަހަށްޓަށް ހިޔާލު ނުކުރާތި.
ޕަސެންޖަރ
23 June 2017
ޑްރައިވަރ ހާސްނުވޭ މިއީ ކޯޗްގެ ފަހުމެޗް މިހާރު މިގެންނަނީ އޮސްކާ ބްރޫޒޯން ކިޔާ ސްޕެއިން ކޯޗެއް މި އީ އިންޑިއާގެ އައިލީގު ގެ މުމްބާއީ އެފް ސީ ގެ ކޯޗް
މުރާދް
23 June 2017
މާޔޫސް ކަމުން އަރާގަންނަށް މިރޭ މޮޅުވުން ވަރަށް މުހިންމް. އަހަރަމެން ސައްކެއް ނުކުރަށް. ފަސޭހަ ނުކުރާތި މާޒިޔާ ބުއިކަހަލަ ބޮޑިއެއް ބޮވިދާނެ.
ކުކުޅު ކަތީބު
23 June 2017
ނިއުގެ ކޯޗު ވެސް މޮޅީ އަގައިން ދަނޑް މަތިން ފެންނަނި ލަޑެއް ޖެހޭތަނާ ޑިފެންސް ކުރާތަން މުޅި ޓީމް ފަހަތަށް ފައިބެގެން. ރީތި ފުޓްބޯޅަ ކުޅޭ ތަނެއް ނުފެނޭ. އަހަރަމެންގެ އުއްމީދަކީ އަބަދުވެސް ނިއުމޮޅުވުން ފޮއިންޓް ޓޭބަލުގަ އެއްވަނާގަ އޮތުން.