ނިއުގެ ގަލާޑޯ ފަހު ވަގުތު ވައްދާލި ލަނޑަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
24 ޖޫން 2017 - 02:05
ފޯރިގަދަ ކުރިމަތިލުމެއްގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް ފަހު ވަގުތު 4-3 އިން ބަލިކޮށް ނިއު ރޭޑިއަންޓުން އެސްޓީއޯ މާލޭ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ގަދަ ހަތަރެއް ކަށަވަރުކުރުމާ ގާތަށް ޖެހިލައިފި އެވެ.
ނިއު އާއި މާޒިޔާ އަށް 21 ޕޮއިންޓް ލިބިފައިވާއިރު އެއް މެޗު މަދުން ކުޅެފައިވާ މާޒިޔާ އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ނިއު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި 17 ޕޮއިންޓާ އެކު އޮތީ ގްރީން ސްޓްރީޓްސް އެވެ. މާދަމާރޭ ވެލެންސިއާ އަތުން މޮޅުވެގެން އެ ޓީމަށް ނިއުއާ ފަރަގު ކުޑަކުރުމުގެ ފުރުސަތު އެބައޮތެވެ. ހަތަރު ވަނައިގައި 16 ޕޮއިންޓާ އެކު އީގަލްސް އޮތްއިރު ޓީސީ އޮތީ 14 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.
އެންމެ ފަހުން ކުޅުނު ތިިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވި ނިއު މިރޭ މި ހޯދީ ވަރަށް މުހިއްމު ތިން ޕޮއިންޓެވެ. ވާދަވެރި މާޒިޔާ ރޭ އީގަލްސް އަތުން 4-0 އިން ބަލިވުމުގެ ފައިދާ ނިއު އަށް ނެގެން އޮތީ މިރޭ މޮޅުވެގެންނެވެ. އަނެއްކޮޅުން މިރޭ މޮޅުވި ނުވި ނަމަ މާދަމާރޭ ގްރީން ސްޓްރީޓް މޮޅުވެއްޖެ ހާލަތެއްގައި ނިއު އަށް ދެ ވަނަ މަގާމް ވެސް ގެއްލުނީހެވެ.
ސަސްޕެންޝަށް ފަހު ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި ފޯވާޑް އެޑްރިއެން ގަލާޑޯ އަދި މިޑްފީލްޑަރު ޖަމީލް ލީފްލޭންގް ކުޅުނު މި މެޗުގައި ނިއުގެ ތަފާތަކަށްވީ ޓީސީ އަށް މިދިޔަ ސީޒަނުގައި ކުޅުނު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ ވަނީ ދެ ލަނޑު ޖެހުމުގެ އިތުރުން އެއް ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ.
ފުރަތަމަ ބުރުގައި ޓީސީ އަތުން ހަނި ގޮތަކަށް 2-1 އިން މޮޅުވި ނިއު އިން މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނެގުމާ އެކު އެ ޓީމުން ފަސޭހަކަމާ އެކު މެޗު ކާމިޔާބުކުރާނެ ކަމަށް ބެލެވުނެވެ. އެކަމަކު ފެނުނީ ތަފާތު މަންޒަރެކެވެ. ޓީސީން ފަހަތުން އަރައި އެއްވަރުކުރިއިރު އަލުން ނިއު އިން ލީޑު ނެގުމުން ވެސް ޓީސީން އެއްވަރުކުރި އެވެ. ނިއު މޮޅުވީ ފަހު މިނެޓުގައި ވައްދާލި ލަނޑުންނެވެ.
ނިއު އިން ލީޑު ނެގީ 20 ވަނަ މިނެޓުގައި ސެންޓޭ ޖެހި ގޯލުންނެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ތަނަވަސްކުރި ފުރުސަތެއްގައި އޭރިއާ ތެރެއިން އޭނާ ޖައްސާލި ބޯޅަ ސެންޓޭ ވަނީ ގޯލުގެ ދުރު ކަނަށް ވައްދާލައިފަ އެވެ. ނިއުގެ ދެ ވަނަ ލަނޑު 34 ވަނަ މިނެޓުގައި ސެންޓޭ ދިން ބޯޅައަކުން ޖެހީ ހަމްޕު އެވެ.
ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޓީސީ އަށް ތަފާތު ކުޑަކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. އޭގެ ކުރިން ވެސް ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އަލީ ނާފިއު އަދި ކޮނޭލިއަސް ސްޓެވާޓަށް ވަނީ ރަނގަޅު ފުރުސަތު ލިބި ބޭކާރުވެފަ އެވެ.
ދެ ވަނަ ހާފު ފަށައިގެން 50 ވަނަ މިނެޓުގައި ޓީސީން އެއްވަރުކުރީ ސްޓެވާޓް ވައްދާލި ޕެނަލްޓީންނެވެ. މިއީ އޭރިއާ ތެރެއިން ނިއުގެ އަހުމަދު ނުހާދު (ގުއްޕެ) ގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
އެކަމަކު 55 ވަނަ މިނެޓުގައި ހަމްޕު ދިން ބޯޅައަކުން ސެންޓޭ ވަނީ ގޯލް ޖަހައި އަލުން ނިއު އަށް ލީޑު ނަގައިދީފަ އެވެ. މި ލީޑު ދެމި އޮތީ ފަސް މިނެޓަށެވެ. އޭރިއާ ތެރެއިން ނިއުގެ އަކްރަމް އަބްދުލް ގަނީ ޓީސީގެ ނާފިއު އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ މި ފަހަރު ވެސް ސްޓެވަޓް ކާމިޔާބުކޮށް 3-3 އިން އެއްވަރުކުރި އެވެ.
ނިއުގެ ސެންޓޭ (ކ) އަށް ގަލާޑޯ މަރުހަބާ ކިޔަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓީސީގެ ލަނޑާ އެކު ނިއު އިން އެޓޭކްތައް ވަރުގަދަކުރިއިރު ސެންޓޭ އާއި ހަމްޕު ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެކަމަކު އެ ތިން ބޯޅަ ވެސް ޓީސީގެ ނޭޕާލް ގޯލްކީޕަރު ކިރަން ޝެމްޔޮން ވަނީ މަތަކޮށްފަ އެވެ. އަދި 76 ވަނަ މިނެޓުގައި ނިއުގެ ޖަމާލް ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހުނެވެ. އެ ބޯޅަ އަލުން ކުޅުމުގެ ތެރެއަށް ދިޔަ ވަގުތު ޓީސީގެ އަހުމަދު އައިހަމް އަތުގައި ޖެހުމުން ނިއު އިން ޕެނަލްޓީއަކަށް އެޕީލްކުރި އެވެ. އެކަމަކު ރެފްރީ ހުސެއިން ސިނާން ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
މެޗު އެއްވަރުވާން ދަނިކޮށް ނިއު އިން ތިން ޕޮއިންޓް ހޯދީ ގަލާޑޯ ވައްދާލި ލަނޑާ އެކު އެވެ. ހަމްޕު ދިން ބޯޅަ ގަލާޑޯ އޭރިއާ ތެރެއިން ހޯދައި އައިހަމް ކައިރިން ނައްޓާލި ވަގުތު ޓީސީގެ ޑިފެންޑަރު އަބްދުﷲ ހަނީފް ދިޔައީ އެ ބޯޅަ ހަމްޕު އަށް ދޭނެ ކަމަށް ބަލައި އޭނާ ކައިރި އަށެވެ. އެ ވަގުތު ހުސްވި ޖާގައިގެ ފައިދާ ނަގައި ގަލާޑޯ ވަނީ ކުރިއަށް ޖެހި ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ. މި ލަނޑާ އެކު ނިއު އިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.
ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނީ މި މެޗުގައި އެންމެ ބޮޑު ފަސޭހައަކަށްވީ ސަސްޕެންޝަނަށް ފަހު މުހިއްމު ކުޅުންތެރިންތައް އެނބުރި އައުމުން ސްކޮޑް ވަރުގަދަވުން ކަމަށެވެ. އެގޮތުން ދަނޑު މަތީގައި އަދި ބެންޗުގައި ވެސް ރަނގަޅު ކުޅުންތެރިންތަކެއް ތިބުމުގެ ފައިދާކުރި ކަމަށް އޭނާ ބުންޏެވެ.
"ފުރަތަމަ ހާފުގައި ވަރަށް ގިނަ ފުރުސަތު ލިބުނު. ތިން ވަނަ ލަނޑެއް ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ހިފުނު ނަމަ ދެ ވަނަ ހާފުގައި އަހަރެމެންނަށް އުނދަގުލާ ކުރިމަތިނުވީސް. ޓީސީން ދެ ވަނަ ހާފުގައި ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު އަހަރެމެން ޓީމެއްގެ ގޮތުގައި ކުޅެ މި ކާމިޔާބީ ހޯދީ،" ޓަވަރޭސް ބުންޏެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ކުޅުން ވަރަށް ރަނގަޅު ކަމަށާއި ބަލިވީ ޑިފެންސް ލައިނުގައި ތިބި ބައެއް ކުޅުންތެރިންނަށް ގޯސްތަކެއް ހެދިގެން ކަމަށެވެ. އަދި ޓީސީން ކުރި އެޓޭކްތަކާއި ދެއްކި ކުޅުމަށް ތައުރީފް ހައްގު ކަމަށާއި އެކަމަކު މުހިއްމު ނަތީޖާ ކަމަށް ވެފައި އެކަން ނުވުމުން ހިތްހަމަނުޖެހޭ ކަމަށް އޭނާ ބުންޏެވެ.
"މިރޭ މި ފެނުނީ މިދިޔަ ދެ އަހަރު ޓީސީގެ ފަރާތުން ފެނުނު މޮޅު ކުޅުން. މި ކުޅުން ތަކުރާރުކުރެވިއްޖެއްޔާ ޓީސީ ގަދަ ހަތަރަކަށް އަރާނެ،" ނިޒާމްބެ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
24 June 2017
ދެން ބޭނުންވަނީ ގުރީންސްޓްރީޓް ސައިޒް ކޮށް އިންސާ ﷲ
ކޮންކޮ
24 June 2017
ގާޑިޔޯލާ ހެދިގެން ކޮޅުކޮޅަށް ފުމެ ޖިމްނާސްޓިކު ޖެސްސިޔަސް އަދި ނިއު އާ އަރާ ހަމަ ކުރަށް 100 އަހަރު ބޭނުންވާނެ. ރެފްރީ ދިން ދެފެނަލްޓީ .ކުޅިގެން ޖެހި ލަޑެއްކޮބާ?
ނާސިރު
24 June 2017
ރޭގަ ހަމްޕު ތަފާތު ބޮޑުކޮން މޮޅަށް ކުޅުނު. އަސްލު އެ ގޮތަށް ހަމްޕު މެން ކަހަލަ ކުޅުންތެރިން ނަށް ފްރީ ރޯލެއް ދީފިކަމަށް ވަނަމަ ތަފާތު ދައްކާނެ ކަން ފެނިގެން އެ ދިޔައީ. އެއީ ޓީ.ސީ ބަލިވުމަށް ދިމާވި އެއް ސަބަބު.
ޓިޒާމު
24 June 2017
މަށަކަށް ދެންނުވާނެ. މަ ކޯޗުކަންވެސް ދޫކޮށްލާނަން
ރަދީފް
24 June 2017
މަރުހަބާ ނިއު.ނިއުއާ އެއް ލެވެލްއަށް އަންނަން ޓީސީ ބޭނުންވާނެ 40 އަހަރު.ވ.ވެދުން.
ނާޒިމާ
24 June 2017
ޓީސީން މެޗުގެ ކުރިން ކުރި ޗެލެންޖުގެ ރައްދު ދަނޑުމަތީގައި ނިއު އިން ދީފި! ނިޒާމްބެއަށް ވަރަށް ސަލާމް!