ކުޅިވަރު / މާލޭ ލީގް 2017

ވެލެންސިއާ އަތުން ގްރީން ސްޓްރީޓްސް އަށް ޕޮއިންޓެއް

ލަނޑު ޖެހުމަށް ފަހު ގްރީން ސްޓްރީޓްސްގެ އިލިއާ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް ވެލެންސިއާއާ 1-1 އިން ގްރީން ސްޓްރީޓްސް އެއްވަރުވެއްޖެ އެވެ.

ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިރޭގެ މެޗުން މޮޅުވެގެން ލީގުގެ ތިން ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ގްރީން ސްޓްރީޓްސް އަށް އޮތެވެ. އެހެން ނަމަވެސް ލިބުނު އެއް ޕޮއިންޓާ އެކު އެ ޓީމު އޮތީ 10 މެޗުން 20 ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް އީގަލްސް އަށް ލިިބިފައިވަނީ ނުވަ މެޗުން 16 ޕޮއިންޓެވެ.

ލީގުގެ އެންމެ ފުލުގައި އޮތް ވެލެންސިއާ އަށް 10 މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. ލީގުގައި ބާކީ ހަތަރު މެޗު ކުޅެން ޖެހިފައި އޮތްއިރު އެ ޓީމު ވަނީ އަންނަ އަހަރުގެ މާލޭ ލީގުން ޖާގަ ހޯދަން މާލެ ލީގު ކޮލިފިކޭޝަންގައި ކުޅެން ޖެހިފަ އެވެ.

މިރޭގެ މެޗަށް ދެ ޓީމުން ނުކުތްއިރު މުހިއްމު ދެ ޑިފެންޑަރުން ތިބީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ. ގްރީން ސްޓްރީޓްސްގެ ޒުވާން ޑިފެންޑަރު މުހައްމަދު ސާއިފް ނުލައި އެ ޓީމުން ކުޅުނުއިރު، ވެލެންސިއާގެ ކެޕްޓަން ޝާފިއު އަހުމަދު (ޝާފީ) ވެސް ނުކުޅެ އެވެ. ވެލެންސިއާ ބޭންޑް އަަޅައިގެން މިރޭ ކުޅުނީ ކީޕަރު މުހައްމަދު ފައިސަލް އެވެ.

މެޗު ފަށައިގެން ވެލެންސިއާ އިން ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި އެވެ. ނަތީޖާއެއްގެ ގޮތުން ލިބުނު ފުރުސަތުގެ ބޭނުން ހިފައި އެ ޓީމުން ލީޑުނެގި އެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި މި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ގޮޑްފްރޭ ވެސްޓް އެވެ. މި ޕެނަލްޓީ އަކީ ގްރީން ސްޓްރީޓްސްގެ އޭރިއާ ތެެރެއިން އެ ޓީމުގެ ކުޅުންތެރިއަކު ވެލެންސިއާގެ އަލީ ހަމްދާން އަށް ފައުލުކުރުމުންނެވެ.

އެހެން މެޗުތަކާ ހިލާފަށް ފުރަތަމަ ހާފްގައި ގްރީން ސްޓްރީޓްސްގެ މެދުތެރެއިން މި މެޗުގެ ފުރަތަމަ ހާފްގައި ފެނުނީ ދަށް ކުޅުމެކެވެ. އޭގެ ފައިދާ ނަގައި ލިބޭ މަދު ފުރުސަތުގައި ވެލެންސިއާ ރަނގަޅު އެޓޭކްތަކެއް އުފެއްދި އެވެ. އަދި މެޗުގެ 20 ވަނަ މިނިޓްގައި އެ ޓީމުގެ ޕްރިންސް އަށް ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ.

ގްރީން ސްޓްރީޓްސް އޭރިއާ ތެރެއިން ހުސްކޮށްލާފައި ވެސްޓް އެ ޓީމުގެ ޕްރިންސަށް ދިން ބޯޅަ ގޯލަށް ފޮނުވާލަން ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ. އެ ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުން ވަނީ ބޭރުކޮށްލައިފަ އެވެ.

ގްރީން ސްޓްރީޓްސްގެ ރިޒުހާން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލެންސިއާ އަށް ލިބުނު ފުރުސަތުގެ ބޭނުން އެ ޓީމަށް ނުހިފުމުގެ ނަތީޖާ އަށްވީ ގްރީން ސްޓްރީޓްސް އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި އެ ޓީމުން ނަތީޖާ ހަމަހަމަ ކުރުމެވެ. މި ލަނޑު މެޗުގެ 27 ވަނަ މިނިޓްގައި ކާމިޔާބުކުރީ އެ ޓީމަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔޫކްރޭންގެ މިޑްފީލްޑަރު ސޮބޮލް އިލިއާ އެވެ.

ގްރީން ސްޓްރީޓްސްގެ އިބްރާހިމް ރިޒުހާން ނަގައިދިން ހުރަހަކުން އެ ބޯޅަ ވެލެންސިއާ ޑިފެންޑަރުން ބޭރުކޮށްލި އެވެ. އެހެން ނަމަވެސް ދެ ވަނަ ފަހަރަށް އެ ބޯޅަ ހޯދައި ގްރީން ސްޓްރީޓްސްގެ އަހުމަދު ރަޝީދު (އައްމަޑޭ) އަށް ލިބުނު ބޯޅަ އޭނާ ފައިގައި ޖެހިފައި އޭރިއާ ތެރެއިން ލިބުނީ އިލިއާ އަށެވެ. އޭނާ ވަނީ ހަމަޖެހިލައިފައި ކީޕަރު ފައިސަލް ގައި މަތިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

މެޗުގެ 40 ވަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި ގްރީން ސްޓްރީޓްސް އަށް ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް އިލިއާ ހުސްކޮށްލާފައި ރިޒުހާނަށް ދިން ބޯޅަ ބާރުވުމުގެ ސަބަބުން އޭނާ އަށް ލިބޭ ގޮތެއްނުވި އެވެ.

ހާގުގެ ފަހު މިނިޓްގައި ވެލެންސިއާ އަށް ލިބުނު ކޯނަރަކުން އެ ޓީމުގެ ވެސްޓް ބޮލުން ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސް ކުޅުންތެރިން ވަނީ ގޯލު ރޮނގުމަތިން ބޭރުކޮށްލައިފަ އެވެ.

ދެ ވަނަ ހާފްގެ ފުރަތަމަ ފުރުސަތު ލިބުނީ ވެލެންސިއާ އަށެވެ. މެޗުގެ 49 ވަނަ މިނިޓްގައި އަރިމަތިން މުހައްމަދު ފުހެއިދު (ޓޯޑް) ނަގައިދިން ބޯޅަ އޭރިއާ ތެރެއިން އެ ޓީމުގެ ހަމްދާން ފޮނުވާލަން މަސައްކަތްކުރި ނަމަވެސް ރަނގަޅަށް ފަަޔަށް އަރާ ގޮތެއްނުވި އެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް ލިބުނީ އެ ޓީމުގެ ޕްރިންސް އަށެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މެޗުގެ 62 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އަހުމަދު އަޖުވަދު ނަގައިދިން ހުރަހަކުން ރިޒުހާން އެއް ފަހަރުން ފޮނުވާލި ބާރު ބޯޅަ ގޯލާ ދިމާލަށް ދިޔަ ނަމަވެސް އެ ބޯޅަ ބްލޮކްވީ އެ ޓީމުގެ އިލިއާ ގައިގައި ޖެހިފަ އެވެ.

އޭގެ ހަތަރު މިނިޓް ފަހުން ގްރީން ސްޓްރީޓްސް އަށް ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. ވެެލެންސިއާ އޭރިއާ ތެރެއިން ގްރީން ސްޓްރީޓްސް ކުޅުންތެރިންނަށް ދެ ފަހަރެއްގެ މަތިން ގޯލަށް ފޮނުވާލަން ފުރުސަތު ލިބުނެވެ. ފުރަތަމަ ބޯޅަ އިލިއާ ފޮނުވާލުމުން ބްލޮކްވިއިރު، ރިޒުހާން ފައިގައި ޖެހިފައި އެ ބޯޅަ އަލުން ލިބުނީ އައްމަޑޭ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް މަތަކުރި އެވެ.

މެޗުގެ 69 ވަނަ މިނިޓްގައި ވެލެންސިއާ މުހައްމަދު މުސްލިހު (މުއްޓި) ރަނގަޅު ހަަމަލާ ފޮނުވާލި އެވެ. ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް މުއްޓި ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ޖަޕާން ކީޕަރު ޖުން ކޯޗީ ވަނީ މަތަކޮށްފަ އެވެ.

ވެލެންސިއާގެ އައްޒާމް (ކ) ކައިރިން ގްރީން ސްޓްރީޓްސްގެ އައްމަޑޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ފަހުން ގްރީން ސްޓްރީޓްސް އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުއިރު، ބޭނުމެއް ހިފޭގޮތެއް ނުވި އެވެ.

މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ ބަލިނުވެ ފަރުޖައްސާލުމުން އެއީ އޮތް ހިތްހަމަ ޖެހުމެއް ކަމަށާއި އެހެން ނަމަވެސް ލިބުނު ފުރުސަތުތަކާ ބަލާއިރު ތިން ޕޮއިންޓް ނުލިބުމުގެ މާޔޫސްކަން ވެސް އެބައޮތް ކަމަށެވެ.

"ހަގީގަތުގައި ބަލިނުވެ ޕޮއިންޓެއް ލިބިފައި އޮތުމުން ފަހަތަށް އެޅުނު ފިޔަވަޅެއް ނޫން މިއީ. އެކަމަކު ލިބުނު ފުރުސަތުތަކާ އަޅާކިޔާއިރު އަޅުގަނޑުމެންނަށް ލަނޑު ޖަަހަން ވަރަށް ގިނަ ފުރުސަތު ލިބުނު. އެ ކަމަށް ބަލާއިރު ތިން ޕޮއިންޓް ނުލިބުމުގެ މާޔޫސްކަން އެބައޮރް. އެއީ މޮޅުވެގެން ލީޑުފުޅާކުރުމުގެ ފުރުސަތު އޮތުމުން،" ސޮބާ ބުންޏެވެ.

އޭނާ ބުނީ ރޯދަ މަހުގައި ކުޅެން ޖެހުމުގެ ވަރުބަލިކަން ގިނަ ކުޅުންތެރިންގެ ފަރާތުން ފެނުނު ކަމަށާއި އެހެން ކަމުން އެ ކުޅުންތެރިންގެ އެންމެ ރަނގަޅު ކުޅުން ނުދެއްކުނު ކަމަށެވެ.

ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ވަރަށް ގިނަ ދުވަހަށް ފަހު ޕޮއިންޓެއް ލިބުމަކީ ވެސް މިހާލަތަށް ބަލާއިރު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ވަރަށް ގިނަ ދުވަސްކޮށްފައި ޕޮއިންޓެއް މި ލިބުނީ އެއީ އޮތް ހިތްހަމަ ޖެހުމެއް. ދެން ބޭނުންވަނީ މި ގޮތަށް ކުރިއަށްދާން. ދެން ކޮންމެ ގޮތެއް ވިޔަސް ޕްރެޝަރެއް ނެތި ވެލެންސިއާ އަށް ކުޅެވޭނެ. އެއީ ގެއްލޭނެ އެއްޗެއް ނެތް. ހުސް ހޯދޭނެ އެއްޗެހި ހުރީ. އިރާދަކުރެއްވިއްޔާ ދެން ހުރި މެޗުތަކުގައި ވެސް ރަނގަޅުވާނެ،" ފެސްކޯ ބުންޏެވެ.

އޭނާ ބުނީ ކައުންޓަ އެޓޭކުގައި ވެލެންސިއާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ކަމަށާއި މެޗުން މޮޅުވުމުގެ ފުރުސަތު އެ ޓީމަށް ވެސް ލިބިގެންދިޔަ ކަމަށެވެ.

3 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާއައްމި

25 June 2017

ސޮބާހު އަކީ ވަރަށް މޮޅު ކޯޗެއް

The name is already taken The name is available. Register?

ކަލޫ

25 June 2017

ސޮބާ އީދު ޗުއްޓީއަށް ތި ދިޔައީ ހިތްހަމަ ޖެހިގެންތަ

The name is already taken The name is available. Register?

އާރިފް

25 June 2017

ލީގުގަ ގުރީންއަށް ކުރަށް ޖެހޭ ހަގުރާމަ އަދިވެސް ހުންޓާލެވޭކަށް ނެތްތާ މިރޭ މިވީ ގޮތުން. މޮޅުވިނަމަ ހާދަ ހިތްހަމަ ޖެހުނީހޭ. އީގަލުސް ވިކުޓްރީ ޓީސީ އެ އޮތީ ފަހަތުން ވިއްދާފަ ވިއްޔާ ކުރިއަށް އޮތް ކޮންމެ މެޗަކީ ފައިނަލެއް ކަމަށް ދެކިގެން ކުޅޭ އިންސާ ﷲ މޮޅުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454