ކަރަންޓް ނެތިގެން އަލިފުށީ ކައުންސިލް އިދާރާ ކައިރީގައި ޒުވާނުންތަކެއް ނުރުހުން ފާޅުކުރަނީ.
30 ޖޫން 2017 - 20:13
ރ. އަލިފުއްޓަށް ދިމާވެފައިވާ ކަރަންޓް މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް ޖަނަރޭޓަރެއް ގެންގޮސްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް "މިހާރު" އަށް މިރޭ ވިދާޅުވި ގޮތުގައި އަލިފުއްޓަށް ގެންގޮސްފައިވަނީ 600 ކިލޯވޯޓްގެ ޖަނަރޭޓަރެކެވެ. އަލިފުށީ ބަނދަރުން ބާލައިގެން އިންޖީނުގެއާ ހަމައަށް ޖަނަރޭޓަރު ގެންދެވުނީ ވަރަށް ބުރަ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖަނަރޭޓަރަކީ ވަރަށް ބަރު އެއްޗެއްވީމަ، ރައްޔިތުން ބޮޑެތި މަގުތަކުގައި ފިލާ އަޅައިގެން އިންޖީނުގެއާ ހަމައަށް ގެންދެވުނީ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަލިފުއްޓަށް މިހާރު ވެސް ކަރަންޓު ދެމުން އަންނަނީ ރަށް ދެބަޔަކަށް ބަހާލައިގެން ވަކި ގަޑިތަކެއްގަ އެވެ. އަދި ޖަނަރޭޓަރު ގުޅައި ރަށަށް ކަރަންޓު ދިނުމަށް ދެ ގަޑިއިރެއް ހާއިރު ނަގާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"ޖަނަރޭޓަރު ގުޅުމުގެ މަސައްކަތް ކުރަމުން މިހާރު އެ ދަނީ. ދެ ގަޑިއިރެއް ހާއިރު ތެރޭގައި ކަރަންޓު ދެވޭނެ ކަމަށް ބެލެވެނީ. އާ ޖަނަރޭޓަރާއެކު ކަރަންޓަށް ދިމާވި މައްސަލަ ހައްލުވާނެ،" ޝަރީފް ވިދާޅުވި އެވެ.
ކައުންސިލުން ބުނެފައިވާ ގޮތުގައި މިދިޔަ ރޯދަމަހުން ފެށިގެން އެ ރަށުން ކަރަންޓު ކެނޑެމުން ދަނީ މައްސަލަ ޖެހުނު ޖަނަރޭޓަރުގެ ރޭޑިއޭޓަރު ހަލާކުވެގެންނެވެ. އެންމެ ފަހުން މިދިޔަ އަންގާރަ ދުވަހު ކަރަންޓު ކަނޑައިގެން ގޮސް، ގިނައިރުތަކެއް ވަންދެން އެރަށު މީހުން ކަނު އަނދިރީގައި ތިބެން ޖެހުނެވެ.
ކަރަންޓް ނެތިގެން ރުޅިގަދަވެ ރައްޔިތުންގެ ބަޔަކު ވަނީ ކައުންސިލް އިދާރާ ދޮށުގައި ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީލަތި ޤާބިލް ސަރުކާރު
01 July 2017
ހަމަ ދިނީތަ؟ ގަދައޭ އިގޭ
އަނދިރި ފުށި
01 July 2017
އަލި ފުށި ވެސް އަލި ވާނީ އަލީ ކުރީމާ/
ޕޮގުބާ
01 July 2017
އެމްޑީޕީ ވެރިކަމުގަ ދޯ
ސަކަރާތް ޖެހި ސަރުކާރު
01 July 2017
އެމީހުންގެ ވެރިކަމުގައި ސަކަރާތް ޖެހީ