ސޯލާ އިމްޕަލްސް 2 ބުރާސްފަތި ދުވަހު ހެނދުނު ސެވިއްޔާގެ އެއާޕޯޓުގައި ޖައްސާފައި. --ފޮޓޯ:ބީބީސީ
23 ޖޫން 2016 - 12:21
ސެވިއްޔާ (ޖޫން 23) - އަވިން ދުއްވާ މަތިންދާ ބޯޓު ސޯލާ އިމްޕަލްސް 2 ނިއު ޔޯކުން ފުރައިގެން އެޓްލާންޓިކް ހުރަސްކޮށް އުނދަގޫ ދަތުރަކަށް ފަހު ސްޕޭނުގެ ސެވިއްޔާގައި މިއަދު ޖައްސައިފި އެވެ.
ފްލައިޓުގެ 15 ވަނަ ދަތުރުގައި ޕައިލެޓަން ކުރީ ބެޓްރޭންޑް ޕިކާޑެވެ. މިޝަން މެނޭޖަރުން މިހާރު ޕްލޭން ކުރަމުން ދަނީ އަބޫ ދާބީ އަށް ބޯޓު ދަތުރު ކުރާނެ ރޫޓެކެވެ. މިދިޔަ އަހަރުގެ މާޗް މަހު ސޯލާ އިމްޕަލްސް 2 ދަތުރު ފެށީ ވެސް އަބޫ ދާބީންނެވެ.
އަވިން ދުއްވާ މަތިންދާ ބޯޓުގެ އެޓްލާންޓިކް ދަތުރު ނިންމާ ގޮތަށް ކުރިން ޕްލޭން ކުރީ ޕެރިހަށެވެ. އެއީ އެމެރިކާގެ އަސްކަރީ އޮފިސަރު ޗާލްސް ލިންޑބާގު އެކަނިމާ އެކަނި 1972 ވަނަ އަހަރު ނިއު ޔޯކުން ޕެރިހަށް ކުރި ދަތުރުގެ ހަނދާން އާ ކުރުމަށެވެ. އޭނާ އަކީ ފްލައިޓެއްގައި އެކަނި އެޓްލާންޓިކް ހުރަސްކުރި ފުރަތަމަ މީހާ އެވެ. ސޯލާ އިމްޕަލްސް ޕެރިހުގައި މަޑު ނުކުރާ ގޮތަށް ނިންމީ މޫސުން ގޯސްވުމުންނެވެ.
ކާމިޔާބު ކަމާ އެކު ސޯލާ އިމްޕަލްސް ސްޕޭނަށް ޖެއްސުމުން މިޝަން ސްޓާފުން އުފާފާޅު ކުރަނީ. --ފޮޓޯ:ބީބީސީ
ވައިގެ ދަތުރުގެ ތާރީޚުގައި އެންމެ ދިގު ދަތުރެއްކޮށްފައި ވަނީ ސޯލާ އިމްޕަލްސް 2 ވެސްޓަން އެޓްލާންޓިކް ހުރަސް ކުރުމަށެވެ. އެ ދަތުރަށް ހަތަރު ދުވަހާއި 21 ގަޑިއިރު ހޭދަވި އެވެ. އެކަމަކު އެ ދަތުރުގައި ބޯޓުގެ ބެޓަރީ ހަލާކުވުމުން މަރާމާތަށް 10 މަސް ހޭދަވި އެވެ. ބޯޓުގެ ފިޔަގަނޑުގައި ވަނީ އަވިން ހަކަތަ ރައްކާ ކުރުމަށް 17،000 ސެލް ހަރުކޮށްފަ އެވެ.
ދުނިޔެ ވަށާ ސޯލާ އިމްޕަލްސް ކުރާ ދަތުރުގައި، ސައިކޭޓްރިސްޓެއް ކަމަށްވާ ޕިކާޑްއާ އެކު ދެން ބައިވެރިވަނީ ސްވިޒަލެންޑުގެ ވިޔަފާރިވެރިޔާ އަންދުރޭ ބޯޝްބާގެވެ. ބޯޓުގެ ދެން އޮތް ލެގުގައި މެޑިޓެރޭނިއަން ހުރަސް ކުރާނީ ސްވިޒަލެންޑުގެ ކުރީގެ އެއާ ފޯސް ޕައިލެޓް ބޯޝްބާގެވެ. ދުނިޔެ ވަށާ ބުރު ޖެހުމުގެ ރެކޯޑް ހެދުމަށް ބޯޓުގެ ދަތުރު އަބޫ ދާބީން ފެށީ މިދިޔަ އަހަރުގެ މާޗު މަހުގެ 9 ވަނަ ދުވަހު އެވެ. ބޯޓު އެމެރިކާ އަށް ދިޔައީ އޭޝިއާ، އަދި ޕެސިފިކުގެ ގައުމުތަކުގައި މަޑުކޮށްފަ އެވެ. ސާފު ހަކަތަ ޕްރޮމޯޓް ކުރަން ކުރާ މި ދަތުރުގައި ބޭނުންކުރާ ބޯޓުގެ ފިޔަގަނޑު ބޯއިން 747 ގެ ބޯޓެކޭ އެއްވަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy