ކުޅިވަރު

ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ނިއު ޕްރިމިއާ ލީގާ ގާތަށް

ޔުނައިޓެޑް ވިކްޓަރީގެ ޝަފްލޭ (ވ) ކައިރިން ނިއުގެ ސެންޓޭ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އާ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮންގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި މިއަދު އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އަތުން 2-0 އިން މޮޅުވެ ނިއު ރޭޑިއަންޓް ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދުމާ ފިޔަވަޅަކަށް ގާތަށް ޖެހިލައިފި އެވެ.

ޕްރިމިއާ ލީގުން ނިއު އަށް ދެން ޖާގަ ގެއްލުމުގެ އޮތީ ހަނި ފުރުސަތެކެވެ. އެއީ ކުރިއަށް އޮތް ތިން މެޗުން އެ ޓީމު ބަލިވެއްޖެނަމަ އެވެ. ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކުރަން އެ ތިން މެޗުން އެ ޓީމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

މި މޮޅާ އެކު ނިއު ވަނީ މާލޭ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފަ އެވެ. މާޒިޔާ އަށް 11 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ނިއު އަށް 11 މެޗުން ވަނީ 24 ޕޮއިންޓް ލިބިފަ އެވެ.

ނިއުގެ އާ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮންގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅޭ ފުރަތަމަ އެގާރައި ހަމްޒާ މުހައްމަދު (ހަމްޕު)ގެ ބަދަލުގައި ހިމަނާފައިވަނީ މުހައްމަދު ސާދިން އެވެ. އަދި ޖަޕާނުގެ މިޑްފީލްޑަރު ކެއިސުކޭ އޮގާވާ ސްކޮޑުގައި ނެތްއިރު، އޭނާގެ ބަދަލުގައި ހިމެނެނީ ގިނަ މެޗުތަކުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑު) އެވެ. ހަމްޕު އާއި އޮގާވާ ފުރަތަމަ އެގާރައިގައި ނުހިމެނީ އަނިޔާގެ ސަބަބުން ކަމަށް ނިއު އިން ވަނީ ބުނެފަ އެވެ.

ކާޑު ހަމަވުމުގެ ސަބަބުން ނިއުގެ އަހުމަދު ނުހާދު (ގުއްޕެ) އާއި މިޑްފީލްޑަރު އަލީ ޝާމިއު ހުރީ ސަސްޕެންޝަނުގަ އެވެ.

މެޗު ފަށައިގެން ފުރަތަމަ ހަމަލާ އުފެއްދީ ނިއު އިންނެވެ. މެޗުގެ ދެ ވަނަ މިނިޓްގައި މުހައްމަދު ރަޝީދު (ހޮކޭ) މަތިން ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާ ތެރެއިން އެ ޓީމުގެ ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ މެއިން ކޮންޓްރޯލް ކޮށްލާފައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ނިއު އިން ލީޑުނެގީ މެޗުގެ އަށް ވަނަ މިނިޓްގައި ގަލާޑޯ ޖެހި ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ފާރޫގު އިސްމާއިލް ނަގައިދިން ހުރަހަކުން އަލީ ފާސިރު (ސެންޓޭ) ކޮންޓްރޯލް ކޮށްލާފައި ދިން ބޯޅަ އޭރިއާ ބޭރު ރޮނގުކައިރިން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

އޭގެ ފަހުން އޭރިއާ ބޭރުން ސެންޓޭ ފޮނުވާލި ބޯޅަ ދަނޑިކައިރިން ބޭރުން ދިޔައިރު، އޭރިއާ ތެރެއިން ބިޗަޑް ފޮނުވާލި ޝޮޓް ބާރެއް ނެތުމުން ޔުނައިޓެޑް ވިކްޓަރީގެ ކިރްގިސްތާން ކީޕަރު ރުސްލާން އާމިރޯފް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޔުނައިޓެޑް ވިކްޓަރީ އަށް ލަނޑެއް ޖެހުމަށް ފުރުސަތެއް ލިބުނެވެ. ހަސަން ފައިރޫޒް ނަގައިދިން ހުރަސް އެ ޓީމުގެ އިބްރާހިމް ނޫރައްދީން ބޮލުން ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް ރަނގަޅަށް ލައްވާލާ ގޮތެއްނުވި އެވެ.

ޔުނައިޓެޑް ވިކްޓަރީގެ އަލީ ޝަރީފް (ވ) ނިއުގެ ހޮކޭ އަތުން ބޯޅަ ހޯދަން ޓެކްލް ކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދެ ވަނަ ހާފް ފެށިގެން ޔުނައިޓެޑް ވިކްޓަރީން އަބްދުލް ވާހިދު (ވާޑު)ގެ ބަދަލުގައި ނާވީ މުހައްމަދު ކުޅެން އެރުވިއިރު، ނިއު އިން ވަނީ ސާދިންގެ ބަދަލުގައި ހަމްޕު ކުޅެން އަރުވައިފަ އެވެ.

މި ހާފް ފެށިގެން ޔުނައިޓެޑް ވިކްޓަރީން ރަނގަޅަށް ކުޅެ ހަމަލާ އުފައްދަން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އެ ޓީމުން ފޮނުވާލި ގިނަ ބޯޅަތައް ނިއު ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ ތެރޭގައި ނޫރައްދީނާއި ނާވީ ފޮނުވާލި ޝޮޓްތައް ހިމެނެ އެވެ.

ކައުންޓަ އެޓޭކުގައި ނިއު އަށް ވެސް ގިނަ ފުރުސަތުތަކެއް ލިބުނުއިރު، ގޯލެއް ކާމިޔާބު ނުކުރެވުނެވެ. މި ގޮތުން ގަލާޑޯ އަށް ތިން ފުރުސަތު އަދި ސެންޓޭ އަށް ހުސް ދެ ބޯޅައެއް ލިބުނުއިރު އިތުރު ލަނޑެއް ނުޖެހުނެވެ.

ނިއުގެ ދެ ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު ސުހެއިލް (ބަމްޕުޗު) އަށެވެ. ސެންޓޭ ނަގައިދިން ކޯނަރަކުން ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އާމިރޯފް އަށް ލިބުމުގެ ކުރިން ބަމްޕުޗު މި ލަނޑު ޖެހީ ބޮލުންނެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މެޗު ދިޔައީ އޭނާ އުއްމީދުކުރި ގޮތަށް ކަމަށާއި ގެއްލުނީ ކުދި ކުދި ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

"ހަގީގަތުގައި މީހުން ހައިރާންވެސް ވެދާނެ މިހެން ބުނީމަ ޔުނައިޓެޑް ވިކްޓަރީ އަށް މި މެޗުން ޕޮއިންޓެއް ހައްގު. އަޅުގަނޑު މެޗުގެ ކުރިން ބުނި ވެސް ގޮތަށް މިދިޔައީ ކުރީކޮޅުގައި ލަނޑެއް ވަނީމަ ކުޅުންތެރިން ހާސްވީ. ދެން ނިއުގެ ކޯޗު އަތުން މެޗު ދޫވެގެން ދިވެހި ސްޓައިލަށް ފަހުން ބޯޅަ ދިޔައީ. ހަގީގަތުގައި ނިއުގެ ފަރާތުން ފެންނަން ޖެހޭ ވަރަށް ވުރެ އެ ޓީމުގެ ކުޅުން ދަށް،" ނަޒީހު ބުންޏެވެ.

ނިއުގެ ކޯޗު އޮސްކާ ބުނީ ލިބުނު ވަގުތާ ބަލާއިރު ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"ލިބުނު ވަގުތާ ބަލާއިރު ކުޅުންތެރިން ދެއްކި ކުޅުމާއި ނަތީޖާއާ މެދު ވެސް ހިތްހަމަ ޖެހޭ. އަހަރެން ބޭނުންވި ގޮތަށް އަދި ޓީމު ބައްޓަން ނުކުރެވުނަސް ނަތީޖާ ނެރެވިއްޖެ. ތެދެއް އަހަރެމެން އަތުން މެޗު ގެއްލިގެން ދިޔަ ވަގުތެއް ދިޔަ. އެކަމަކު މުހިއްމުކަމަކީ އެ ދަނޑިވަޅުގައި ވެސް އިދިކޮޅު ޓީމުގެ ކުޅުންތެރިން ހުއްޓުވުނުކަން،" އޮސްކާ ބުންޏެވެ.

އޭނާ ބުނީ ޓީމާ ހަވާލުވިިއިރު ވެސް އޮތް ކަންބޮޑުވުމަކީ ޑިފެންސް ކަމަށާއި މިއަދުގެ މެޗުގައި އެ ޓީމު ކޮޅަށް ލަނޑެއް ނުވަދެ ނިމުމުން އެއީ ވެސް ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.

3 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 14%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުތޭ

04 July 2017

ނިއުއިން ކޮން ދޮގެއް ހަދާކަށް ޖަޕާނު ކުޅުންތެރިޔާ ހުރީ އަނިޔާގައޭ ކިޔައިގެން. އޭނާގެ ކޮންޓްރެކްޓް ބާތިލުކޮށްފި. އޭނާގެ ބަދަލުގަ އަންނަ ކުޅުންތެރިޔާ މާދަމާ ޓަރކިޝް އެއަރލައިންސުން އާދޭ. ލުބްނާނުން ގެންނަ 23 އަހަރުގެ ހުސޭނު ކިޔާ ސޮރެއް. ސަމްޕަތުވެސް އަލުން ޓީމަށް ގެނެއީދޯ. ތިޔޮތީ ވާ މެނޭޖްމެންޓެއް

The name is already taken The name is available. Register?

ބަތޭ

05 July 2017

ޢަސްލު ވާހަކައެއްތަ؟ ކޮބާތަ އެއްކަލަ ބޭރުން ގެނައި ޓްރެއިނަރު؟ މިހާރު ނުފެނޭ.

The name is already taken The name is available. Register?

ިބޭކާ

04 July 2017

ނަޒީހު މީގެ ފަހުން ދައްކަންވާނީ އިދިކޮޅަށް ނިކުންނަ ޓީމުގެވާހަކަ އިނގޭ މުޅިންވެސް...ވަރަށް މޮޅަށް އެބަހުރި ހިސާބު ހަދާފަ !!! ހަހަހަަހހަހަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454