ކުޅިވަރު / އިހުސާން އަބްދުލްޣަނީ (ސާންތީ)

ލީގުގެ ފޯރި ގަދަވީ ދެ ބުރު ކުޅޭތީ: ސާންތީ

އީގަލްސްގެ ކޯޗު ސާންތީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ފަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ފޯރި ގަދަވީ ތިން ބުރުގެ ބަދަލުގައި ދެ ބުރު ކުޅޭތީ ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ލީގުގެ ފަހު މެޗުތަކާ ކުރިމަތިލާއިރު މި ފަހަރު ގަދަ ހަތަރެއްގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. އެއީ ޕްރިމިއާ ލީގުން ޖާގަ ލިބޭނީ މާލޭ ލީގުގެ ގަދަ ހަތަރު ޓީމަށް ކަމަށް ވުމުންނެވެ. ސާންތީ ބުނީ އެހެން އަހަރުތަކާ ހިލާފަށް މި ފަހަރު ފަސޭހަ އެއްވެސް ޓީމެއް އެއްވެސް މެޗެއް ނެތް ކަމަށެވެ.

"އެއް ބުރު ކުޅުނުނަމަ މާ ވާދަވެރިވާނެ. މިސާލަކަށް ތިން ބުރު ކުޅުނުނަމަ އަޅުގަނޑު ފާހަގަ ނުކުރިއަސް އެނގޭ ގަދަ ހަތަރެއްގައި އޮންނާނެ ޓީމުތައް. އެއީ ޓީމުތަކުގެ ސްކޮޑާއި ސްޓްރެންތާއި އެކްސްޕީރިއަންސަށް ބަލާފައި މި ބުނީ. ދެ ބުރު ކުޅޭތީ މި ވާދަވެރިކަން މި ގޮތަށް ބޮޑުވެފައިވަނީ. މިއީ ހަމަ އެންމެ ވާދަވެރި ލީގު،" މިރޭ ލީގުގައި ޓީސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސާންތީ ބުންޏެވެ.

"ލީގުގެ އެއްވެސް ޓީމެއް ފަސޭހައެއް ނޫން. އެންމެ ފުލުގައި އޮތް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭއިރު ވެސް ބޭނުން ގޮތެއް ހަދާލެވޭކަށް ނެތް. އެ ޓީމުތަކާ ދެކޮޅަށް ވެސް އުނދަގޫ ގޮތަކަށް މި ކުޅެން ޖެހެނީ އެގޮތަށް ވިސްނައިގެން އަޅުގަނޑު އަބަދުވެސް ކޮންމެ މެޗަކަށް ވެސް ނުކުންނަނީ،"

ސާންތީ ބުނީ އޭނާ ދެކޭގޮތުގައި ޓީސީގައި އޮތީ ގަދަ ހަތަރެއް ފެންވަރުގެ ޓީމެއް ކަމަށެވެ.

"ޓީސީ ލައިގެން އަޅުގަނޑު ގަދަ ހަތަރެއް ގުނަނީ. އެއީ ޓީސީގައި އޮތީ ހަމަ ގަދަ ހަތަރެއް ފެންވަރުގެ ޓީމެއް. އަދި މިހާރު ޓީސީ އެ އޮތީ އެ ޓީމު އޮންނަން ޖެހޭ ހާލަތުގައެއް ނޫން. ދެން އޮތް ދެ ޓީމުގެ ނަން އަޅުގަނޑު ހާމަ ނުކުރިއަސް އެނގޭނެ ކަންނޭނގެ،" އޭނާ ބުންޏެވެ.

ލީގުގައި މިރޭ ޓީސީއާ ދެކޮޅަށް ކުޅޭ މެޗަކީ އެ ޓީމެކޭ އެއްގޮތަށް އީގަލްސް އަށް ވެސް ފައިނަލެއް ކަމަށް ސާންތީ ވަނީ ބުނެފަ އެވެ.

"ދެ ޓީމަށް ވެސް މިއީ ފައިނަލެއް ހަމަ. އީގަލްސް އަށް މުހިއްމުވީ ކުރިއަށް ދެ މެޗު އޮއްވައި ގަދަ ހަތަރެއް ޔަގީންކުރަން ލިބޭ ފުރުސަތަކަށް ވުން. އެއީ ކުރިއަށް މި އޮތީ ނިއު ރޭޑިއަންޓް މެޗު. އެ މެޗުގެ ކުރިން ޓީސީ އަތުން މޮޅުވެއްޖިއްޔާ އަޅުގަނޑު ދެކޭ ގޮތުގައި ގާތްގަނޑަކަށް ގަދަ ހަތަރެއް ކަށަވަރުވީ،" އޭނާ ބުންޏެވެ.

ގަދަ ހަތަރެއްގެ ރޭސް ވާދަވެރިކޮށް ކުރިމަތިލާއިރު ސާންތީ ބުނީ ވަކި ޓީމަކަށް އެޑްވާންޓޭޖް ބޮޑުކަމަށް ނުދެކޭ ކަމަށެވެ.

"ރޭހުގައި ހަތަރު ޓީމު އެބައުޅޭ. ހަތަރު ޓީމަށް ވެސް އެބައޮތް އެއްވަރުގެ ފުރުސަތު. އަޅުގަނޑުމެންނާ ޓީސީއާ ފަސް ޕޮއިންޓުގެ ފަރަގެއް އޮތަސް. ޓީސީ އަށް ވެސް އެބައޮތް ހަމަ ފުރުސަތު. އަޅުގަނޑުމެން އަތުން ބަލިވެއްޖިއްޔާ ޓީސީ އަށް އެ ދޮރު ބަންދު މިވަނީ،" ސާންތީ ބުންޏެވެ.

އީގަލްސް ކޮޅަށް ލީގުގެ މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން ވަދެފައިވަނީ އެންމެ ފަސް ލަނޑެވެ. ލީގުގައި އެންމެ ޑިފެންސިވް ރެކޯޑް ރަނގަޅީ ވެސް އެ ޓީމެވެ. ދެ ވަނަ ބުރުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގައި އެ ޓީމު ކޮޅަށް އަދި ލަނޑެއް ވަދެފައިނުވެ އެވެ.

ސާންތީ ދެކޭ ގޮތުގައި މިއީ އޭނާ އަށް އަދި އެ ޓީމަށް ވެސް އޮތް ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ގޯލުގައި ސުޖަން ހުރެފައި ދެން އޭނާގައި ކުރިމަތީގައި މިސްރު ދެ ޑިފެންޑަރުން (މަގްދީ އާއި މަހުމޫދު) ދެން ދެ ފުލްބެކުން ވެސް ލައިގެން. ދެން ކުރިއަށް ޒާދު އޭނާ އަސްލު މަގާމުގައި ހުރުމުން އަޅުގަނޑުމެންގެ އެ ޑިޕާޓްމަންޓް ވަރަށް ސްޓޭބަލްކޮށް މިއޮތީ. މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" އޭނާ ބުންޏެވެ.

އީގަލްސް އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 29%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454