ކުޅިވަރު

މާޒިޔާ ބަލިކޮށް ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގާ ގާތަށް

މާޒިޔާގެ އިރުފާން (ކ) ކައިރިން ގްރީން ސްޓްރީޓްސްގެ އިލިއާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު 1-0 އިން މާޒިޔާ އަތުން މޮޅުވެ ކްލަބް ގްރީން ސްޓްރީޓްސް ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

މިއަދުގެ މެޗުން ބަލިވުމުން މާޒިޔާ އަށް ވަނީ ލީގުގެ އެއް ވަނައިގައި ލީޑުފުޅާކުރުމުގެ ފުރުސަތު ގެއްލިފަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ 13 މެޗުން 26 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް 12 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު މިރޭ ކުޅޭ މެޗުން އީގަލްސް އަތުން މޮޅުވެއްޖެނަމަ ލީގު އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

މި މޮޅާ އެކު ގްރީން ސްޓްރީޓްސް ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ގްރީން ސްޓްރީޓްސް ތިން ވަނައިގައި އޮތީ 13 މެޗުން 24 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރު ވަނައިގައި އީގަލްސް އޮތީ 12 މެޗުން 21 ޕޮއިންޓާ އެކު އެވެ. ގަދަ ހަތަރެއް ކަށަވަރު ކުރަން ގްރީން ސްޓްރީޓްސް އަށް ބޭނުންވަނީ ދެން އޮތް މެޗުން އެންމެ ޕޮއިންޓެކެވެ. އެކަމު އެ މެޗަށް ނިކުތުމުގެ ކުރިން އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން އެ ޓީމަށް ގަދަ ހަތަރެއް ޔަގީންވުމުގެ ފުރުސަތު އެބައޮތެވެ.

"ވަރަށް ހަނި މެތަމެޓިކަލް ޗާންސެއް އެބައޮތް އަޅުގަނޑުމެން ކެޓުމުގެ. އެކަމަކު އެ އަށް ނުވިސްނާ އަޅުގަނޑުމެން ނުކުންނާނީ ފަހު މެޗުން ވެސް މޮޅުވާން. އެއީ ދެން އޮތް ޓީމުތަކަށް ވާގޮތް ބަލައިގެނެއް ނޫން އަޅުގަނޑުމެން މިކަން ކުރަން ބޭނުންވަނީ،" މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުންޏެވެ.

އޭނާ ބުނީ މި މެޗަށް ނުކުތީ މިއީ އެ ޓީމު މި އަހަރު ކުޅޭނެ އެންމެ މުހިއްމު މެޗުކަމަށް ދެކިގެން ކަމަށެވެ.

"މޮޅުވުމުން ކުޅުންތެރިންނަށް ހުރިހާ ޝުކުރެއް އަދާކުރަން. ހަގީގަތުގައި މި މެޗަށް ނުކުތީ މިއީ މި އަހަރު ކުޅޭނެ އެންމެ މުހިއްމު މެޗުކަމަށް ދެކިގެން. އެ ގޮތަށް ވިސްނައިގެން މި އަވީގައި ކުޅުންތެރިން ކުރި ހިތްވަރުން ހޯދި މޮޅެއް މިއީ،" ސޮބާ ބުންޏެވެ.

މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ގްރީން ސްޓްރީޓްސް އިން ވަނީ ވެލެންސިއާ ފިޔަވާ ހުރިހާ ޓީމެއް ބަލިކޮށްފަ އެވެ. ވެލެންސިއާއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.

މިއަދުގެ މެޗަށް މާޒިޔާ ނުކުތްއިރު އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ކާޑު ހަމަވުމުގެ ސަބަބުން ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި ފަހަތަށް ކުޅޭ ސާބިއާގެ ޑިފެންޑަރު މިލޮސް ކޮވަސެވިޗް ސަސްޕެންޑްވެފައިވުމެވެ. އަސަދުﷲ ނެތުމުން މިއަދު މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ މުހައްމަދު އުމެއިރު އެވެ.

މާޒިޔާގެ އެންމެ ކުރިއަށް ކުޅުނީ އެންމެ ފަހުން މެޗު ސަސްޕެންޝަންގެ ސަަބަބުން ގެއްލުނު ގައުމީ ޓީމުގެ ކެޕްޓަން އަސްހަދު އަލީ (އަޑޭ) އެވެ. އަދި ފުރަތަމަ އެގާރައިން ހުސެއިން ނިޔާޒް (ބޮކުރީ) އާއި ހަސަން ޝިފާޒް (ޑުންގާ) އަށް ވަނީ ފުރުސަތު ދީފަ އެވެ.

މެޗުގެ ފުރަތަމަ ހާފްގައި ބޮކުރީ އާއި އުމެއިރު ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި އެވެ. އުމެއިރު ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، ބޮކުރީ އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ފޮނުވާލުން ލަސްކޮށްލުމުން ބޭނުމެއް ނުހިފުނެވެ.

ދެ ވަނަ ހާފް ފެށިގެން ދެ ވަނަ މިނިޓްގައި އުމެއިރު ހުސްކޮށްލާފައި ބޮކުރީ އަށް އޭރިއާ ތެރެއިން ދިން ބޯޅަ އޭނާ ފޮނުވާލަން އުޅުމުން އެންމެ ރަނގަޅަށް ފަޔަށް އަރާގޮތެއްނުވި އެވެ.

މާޒިޔާގެ އުމެއިރު (ވ) ފޮނުވާލާ ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު ކޮޗީ މަތަކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓްސް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 50 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ އެ ޓީމަށް ކުޅޭ ޔޫކްރޭންގެ މިޑްފީލްޑަރު ސޮބޮލް އިލިއާ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. މިއީ މި ފަހަރުގެ ސީޒަނުގައި އޭނާ ކާމިޔާބުކުރި ތިން ވަނަ ހިލޭ ޖެހުމެވެ.

ގްރީން ސްޓްރީޓްސް އިން ލީޑުނެގިތާ ހަ މިނިޓް ފަހުން މާޒިޔާގެ އަލެކްސަންޑަ ރަކިޗް ވަނީ ލަނޑެއް ޖަހައިފަ އެވެ. ލިބުނު ހިލޭ ޖެހުމަކުން އުމެއިރު ނަގައިދިން ހުރަސް ގޯލު ރޮނގުމަތިން ރަކިޗް ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ލައިންސްމަން ދިދަ ނަގާފައިވުމުން ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. މާޒިޔާގެ ކުޅުންތެރިން ވަނީ ރަކިޗް އޮފްސައިޑް ނުވާނެ ކަމަށް ބުނެ ވަރަށް ބޮޑަށް އެޕީލް ކޮށްފަ އެވެ.

މާޒިޔާ އަށް އެންމެ ބޮޑު އުނދަގޫތަކެއް ކުރިމަތިވީ މެޗުގެ 65 ވަނަ މިނިޓްގައި ރެފްރީއާ ދިމާއަށް ބުނި އެއްޗަކުން އެ ޓީމުގެ ބޮކުރީ އަށް ސީދާ ރަތް ކާޑު ދެއްކުމުންނެވެ. މެޗުގެ ފަހު 25 މިނިޓް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް މާޒިޔާ ކުރިއަށް ޖެހި އެޓޭކް ވަރުގަދަ ކުރި އެވެ.

މެޗުގެ 73 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން އުމެއިރު ފޮނުވާލި ބޯޅަ ބޭރުވީ ހުރަސް ދަނޑީގައި ޖެހިފަ އެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ރަކިޗާއި އުމެއިރަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުނެވެ.

ކައުންޓަ އެޓޭކުގައި ގްރީން ސްޓްރީޓްސްގެ އަހުމަދު ނިޒާމް އާއި ޑިމިޓްރޯ ޒަންޑޯފަށް ލީޑުފުޅާކުރަން ލިބުނު ފުރުސަތުތައް އެ ކުޅުންތެރިން އަތުންވީ ބޭކާރެވެ.

މެޗުގެ އިތުރު ވަގުތުގައި ގްރީން ސްޓްރީޓްސްގެ އިލިއާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު މަރްޔާން ސެކިލޮސްކީ ވަނީ ރެފްރީގެ ނިންމުތަކާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ އިތުރުން މެޗުގެ އިތުރު ވަގުތު ދިނީ ވެސް ބޭއިންސާފުން ކަމަށް ވަނީ ބުނެފަ އެވެ.

"އަހަރެމެންގެ ކުޅުންތެރިންނަށް މިއަދުގެ މެޗުން ބައްޔެއް ހައްގެއް ނޫން. ކުޅުންތެރިން ކުރި މަސައްކަތް އަހަރެން ފާހަގަކުރަން. ހަގީގަތުގައި ރެފްރީގެ ނިންމުތައް ރަނގަޅެއް ނޫން. މެޗުގެ އިތުރު ވަގުތަށް ހަތަރު މިނިޓް ދެއްކިއިރު. ހަމައެކަނި ގްރީން ސްޓްރީޓްސްގެ ކީޕަރު އަނިޔާވެގެން ވެސް ފަސް މިނިޓް ދިޔަ،" އޭނާ ބުންޏެވެ.

ސެކުލޮސްކީ ބުނީ މި ހުރިހާ މާޔޫސްކަމުން ސަލާމަތް ވުމަށް އެންމެ ފަހުން ކުޅޭ މެޗުން ނިއު އަތުން މޮޅުވުން މުހިއްމު ކަމަށާއި މާދަމާ ހުޅުވޭ ޓްރާންސާފާ މާކެޓްގައި އެ ޓީމުން ބަދަލުތަކެއް ފެންނާނެ ކަމަށެވެ.

ލީގުގައި މިރޭ ނިއު އާއި އީގަލްސް ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.

0 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 72%
icon sad icon sad 22%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454