މިދިޔަ ސީޒަނުގައި އީގަލްސްގެ ނޫމާން (ކ) ވެލެންސިއާގެ އަވިލޯ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
16 ޖުލައި 2017 - 11:15
މިދިޔަ އަހަރުގެ އޮގަސްޓް މަހު ކަކުލަށް ލިބުނު ސީރިއަސް އިން ސަލާމަތްވެ އީގަލްސްގެ އިތުބާރު ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) އެ ޓީމާ ގުޅިއްޖެ އެވެ.
މިދިޔަ އަހަރު އޮގަސްޓް 28 ގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ނޫމާން ވަނީ ސާޖަރީއެއް ހަދައިފަ އެވެ. އޭގެ ފަހުން އޭނާ އެއްކޮށް ރިކަވާވާން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވަނީ ބުނެފަ އެވެ.
ނޫމާން ވަނީ މިދިޔަ ހަފްތާގައި ޕްރެކްޓިހަށް ނުކުންނަން ފަށައިފަ އެވެ. މި ވަގުތު ފިޓްނަސް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އޭނާ އަށް އެންމެ އަވަހަށް ކުޅެވޭނެ ކަމަށް ބެލެވެނީ މާލޭ ލީގަށް ފަހު އެވެ.
މިދިޔަ ސީޒަން އީގަލްސް އިން ފެށީ ވަރަށް ވަރުގަދަ ކޮށެވެ. އެ ޓީމުން ލީގުގެ ފުރަތަމަ 13 މެޗު ބަލިނުވެ ނިންމާލިއިރު ޓީމުގެ ފަހަތުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއަކީ ނޫމާން އެވެ. ގައުމީ ޓީމުން ވެސް ގަވާއިދުން ޖާގަ ހޯދަމުން އައި ނަމަވެސް އަނިޔާގެ ސަބަބުން ޓީމާ ދުރަށްދާން ޖެހުނެވެ.
ބީޖީ އަށް ކުރިން ކުޅުނު ނޫމާން އަކީ ފާއިތުވި އަހަރުތަކުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ޑިފެންޑަރެވެ. އޭނާ އަކީ އީގަލްސްގެ ކޯޗު ސާންތީ އެންމެ އިތުބާރުކުރާ އެއް ޑިފެންޑަރެވެ. ނޫމާނަށް އަނިޔާވެ، ސީޒަންގެ ކުރީކޮޅުގައި ނުކުޅެވޭތީ އީގަލްސް އިން ވަނީ މި ފަހަރު ސީޒަން ފެށުމުގެ ކުރިން މިސްރުގެ ޑިފެންޑަރެއް ކަމަށްވާ މަހުމޫދު ސައީދު ގެނެސްފަ އެވެ. ލީގުގެ ފުރަތަމަ ބުރުގައި އަނިޔާގެ ސަބަބުން މަހުމޫދަށް ނުކުޅެވުނު ނަމަވެސް ދެ ވަނަ ބުރުގައި މިހާތަނަށް އީގަލްސް އިން ކުޅުނު ހުރިހާ މެޗެއްގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އީގަލްސް މި ވަގުތު އޮތީ އެސްޓީއޯ މާލޭ ލީގުގެ ހަތަރު ވަނައިގަ އެވެ. އެ ޓީމަަށް ކުޅުނު 13 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ލީގުގެ ފަސް ވަނައިގައި އޮތް ވިކްޓަރީ އަށް ވެސް ވަނީ އެވަރަށް ޕޮއިންޓް ލިބިފަ އެވެ. ގަދަ ހަތަރެއް ޔަގީންކޮށް އަންނަ މަހު ފަށާ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދަން އީގަލްސް އަށް ވަނީ އަންނަ ބުދަ ދުވަހު ހަވީރު ގްރީން ސްޓްރީޓްސް އަތުން މޮޅުވުން މަޖުބޫރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy