04 އޯގަސްޓް 2017 - 09:35
ރޯދަމަހު ވެސް އިބްރާހިމް ޒަމީރު (ޒަމްޕެ) ބޭނުންވީ ދުވުމުގެ ތެރެއިން އަމިއްލަ ނަފުސަށް، ނުވަތަ ހަށިގަނޑަށް، ޗެލެންޖެއް ކުރިމަތިކުރާށެވެ. އެއީ އޭނާގެ އަމިއްލަ ނިންމުމެކެވެ. އެއީ ދުވަން އޭނާގެ ހިތުގައި އޮތް ލޯތްބާއި، އެކަމުން އޭނާގެ ދިރިއުޅުމަށް ގެނެސްދޭ ފަސޭހަކަން، ރޯދަމަހުގެ ކެއުމުގެ ތެރެއިން، ދޫކޮށްނުލުމުގެ އަޒުމެކެވެ. އޭނާގެ ޗެލެންޖަކީ 333 އެވެ. ނުވަތަ 30 ދުވަހުން 333 ކިލޯމީޓަރު ދުވުމެވެ.
ހާފު މެރެތަން ނުވަތަ މެރަތަންއަކަށް ތައްޔާރުވާ ދުވުންތެރިން އެއަށް ވުރެ ދިގުކޮށް ވެސް ދުވެފާނެ އެވެ. ނަމަވެސް އެކަހަލަ ތަމްރީނަކަށް އަމާޒުނުކޮށް ހަށިގަނޑުގެ ދުޅަހެޔޮކަމަށް ދުވާ މީހަކަށް، އަދި ޚާއްސަކޮށް، ރޯދަމަހަށް ބަލާ ނަމަ 333 ކިލޯމީޓަރަކީ ހަގީގަތުގައި ކުޑަ ޗެލެންޖެއް ނޫނެވެ. ކޮންމެ ދުވަހަކަށް ބަހާލައިގެން ދުވި ނަމަވެސް 30 ދުވަހަށް އެއީ ދުވާލަކު 11 ކިލޯ މީޓަރު ދުވުމެވެ. މާލެ ވަށައި ނަމަ ދުވާލަކު ދެ ބުރެވެ.
"ހަމަ ހިތަށްއެރީ އާ ޗެލެންޖެއް ނަގައިގެން ދުވެލަން،" ހުޅުދުއަށް އުފަން ޒަމްޕެ، 37، ބުންޏެވެ.
"ރޯދަމަހު ވެސް ދުވަން. އެކަމަކު ވަކި އަމާޒެއް ހަދައިގެން މި ގޮތަކަށް ނުދުވަން ކުރިއަކުންނެއް."
ޒަމްޕެ އަކީ ރާއްޖޭގެ ނިސްބަތުން އެ އުމުރުގެ މީހަކަށް ބަލަންޏާ ބާރު ދުވުންތެރިއެކެވެ. އެހެންކަމުން އޭނާގެ ޗެލެންޖް، އާދައިގެ މީހަކު މަޑުމަޑުން ދުވާދުވުމަށް ވުރެ، ހަށިގަނޑަށް މާ ބުރަވާނެ އެވެ. އެކަން އެނގި ހުރެ އޭނާ ދުއްވައިގަތް އަމާޒަށް، އީދު ދުވަހު ވާސިލްވި އެވެ.
ދުވުންތެރިޔާ އިބްރާހިމް ޒަމީރު (ޒަމްޕެ) ތަމްރީންތަކެއް ނިންމާލުމަށް ފަހު
ރާއްޖޭގެ ދުވުމުގެ ކޮމިޔުނިޓީގައި ޒަމްޕެ އަކީ އާންމު ނަމެކެވެ. ހަށިހެޔޮ ދިރިއުޅުމަކަށް ދުވުން ޚާއްސަކޮށްގެން، އާންމުންގެ ތެރޭގައި އެކަމުގެ ހޭލުންތެރިކަން އުފައްދަން ހިންގަމުން އަންނަ މޭޑް ރަނާސްގެ ބައިވެރިޔަކަށް 2012 ގައި އޭނާ ވުމަކީ، މިހާރު މި ފެންނަ ޒަމްޕެގެ ހަށިގަނޑު ބައްޓަންކޮށްދިން އެއް ސަބަބެވެ.
ކުޅިވަރު ކުޅެ، ދުވެ އުޅުމަކީ، އޭގެ ކުރިން، ޒަމްޕެގެ އާދައެއް ނޫނެވެ. ކުރިން ނަމަ އޭނާގެ އާދައަކީ ހަށިގަނޑަށް ބެލުމެއް ނެތި ބޭނުންހާ އެއްޗެއް ކައިގެން ހިތްހަމަޖެއްސުމެވެ. ސިފައިންގެއަށް 2004 ގައި ވަން އިރު ވެސް އެ އާދަ އޮތެވެ. އަދި ސިފައިން ދެ ބަޔަކަށް ބަހާލައި، ފުލުހުން އުފެއްދުމާ އެކު ފުލުހުންގެ ޔުނީފޯމް އެޅި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ހެޔޮ ބަދަލެއް ނާދެ އެވެ.
ދެން ކުރިމަތިވީ ވަރަށް ހިތާމަވެރި ހާދިސާއެކެވެ. ފުލުހުންގެ ގަރާޖެއްގެ ތެރޭގައި، 2006 ގައި، ހިނގި އެކްސިޑެންޓެއްގައި ޒަމްޕެގެ ވާތު ފައިގެ ކުޑަ ހުޅާ ދިމާއިން ބިނދި، ބޮލަށް ވެސް ބޮޑު ގެއްލުމެއް ލިބުނެވެ. އެއް އަހަރު ވަންދެން އޭނާ އޮތީ އެނދުމަތީގަ އެވެ. ހަތް މަހެއްހާ ދުވަހު އަސާގަނޑުގަ އެވެ. ކޮރު ޖަހަމުން އަހަރެއް ހޭދަކުރި އެވެ. އޭރު ދުވުމަކީ ނުވަތަ ކަސްރަތަކީ ޒަމްޕެ ދަންނަ ކަންކަމެއް ނޫނެވެ. އެކްސިޑެންޓްގެ ފަހުން ފަޔަށް ބާރުކުރާނެ އެއްވެސް ކަމެއް ނުކޮށް ހަތަރު އަހަރު ހޭދަކުރި އެވެ. އޭރު އޭނާގެ ބަރުދަން މަތިވަމުން ގޮސް 100 ކިލޯއާ ކައިރިކުރި އެވެ.
"ވަރަށް އުނދަގޫވެއްޖެ ލާ އެއްޗެހި ހޯދަން. ހިތަށްއެރީ މި ގޮތަށް ހަށިގަނޑު ބަހައްޓައިގެން ބޭނުން އެއްޗެއް ނުއެއް ލެވޭނޭ. އެހެން ވިސްނުނީމާ ހަމަ އަމިއްލަ އަށް ދުވަން ނުކުންނަ ހިތްވީ،" ޒަމްޕެ ބުންޏެވެ.
ފައި ބިނދުނު ނަމަވެސް އޭނާ ދުވުމުގެ ތެރެއަށް ވެއްދީ "އެ އަނިޔާގެ ތަޖުރިބާ" އިން ކަމަށް ގަބޫލުކުރެ އެވެ. ހަޔާތުގެ ކޮންމެވެސް ހިސާބަކުން ހިތްވަރު ގަދަކުރަން ޖެހޭނެ ކަމަށް ވެސް ގަބޫލުކުރި އެވެ. އެހެންކަމުން އޭނާ ދާން ފެށީ ޓްރެކަށެވެ. ފުރަތަމަ ދުވަހު ދުވެފައި އެއް ބުރު ވެސް ނުޖެހި އުޅެނިކޮށް ވަރުބަލިވީ އެވެ. ދެން ފެށީ ހިނގާށެވެ. އެކަމަކު މިފަހަރު އޭނާގެ އެ ފެށުން ހަށިގަނޑަށް ބުނެދިނީ ދުވުމާއި ކަސްރަތަކީ އުފަލެއް ކަމެވެ. ކައިގެން ހިތްހަމަޖެހޭ ނަމަ ދުވުމުން ވެސް އުފާކޮށްދޭ ކަމެވެ. އޭގެ ކުރިން އޭނާ އަށް އެ އިހުސާސްތަކެއް ނުކުރެވެ އެވެ.
ޒަމްޕެ ފައި ބިނދިގެން ރަނގަޅުވެ، އެކަމަކު ދުވުމުގެ ތެރެއަށް ވަނުމުގެ ކުރިން
ޒަމްޕެގެ ކެއުމަށް ގެނައީ ކުޑަ ބަދަލެކެވެ؛ ހެދިކާ އާއި ތެލުލި އެއްޗެހިން ދުރުވުމެވެ.
"ޑައިޓްކޮށްގެން ކުއްލިއަކަށް ހިކެން އަހަރެން ބޭނުމެއް ނޫން. ދާއިމީކޮށް އެގޮތަކަށެއް ނޫޅެވޭނެ،" ޒަމްޕެ ބުންޏެވެ.
"އަހަރެން ނުކައި ހުރެގެންނެއް ނޫން ހިކުނީކީ. ވަކި ކަހަލަ އެއްޗެހިތަކެއް ކެއުން ހުއްޓާލީ."
ޓްރެކަށް ދާން ފެށިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން، މޭޑް ރަނާސްގެ އޭރުގެ ކޯޗު އަދި ކުރީގެ މަޝްހޫރު ދުވުންތެރިޔާ ނަސީރު އިސްމާއިލާ ދިމާވި އެވެ. އަދި މޭޑް ރަނާސް އުފައްދައި އިސްކޮށް އުޅުނު އައިމަން ރަޝީދު، ޒަމްޕެ ކައިރީ ބުނީ އެ ޓީމާ ގުޅިގެން ދުވަން އައުމަށެވެ.
"ނަސީރެއް ވެސް، އައިމަނެއް ވެސް އޭރަކު ނޭނގޭ. އެކަމަކު ކޮންމެ ދުވަހަކު ހަވީރު އެ މީހުން އުޅޭ ޓްރެކްގައި. އެގޮތަށް ފެނިގެން، އައިމަން އައިސް އެހެން ބުނީ،" ސީރިއަސް ދުވުންތެރިއެއްގެ ގޮތަށް އޭނާގެ ކަސްރަތު ޕްރޮގްރާމް ބަދަލުކޮށްލި ހާލަތު ދިމާވި ގޮތް ޒަމްޕެ ކިޔައިދިނެވެ.
އޭރު 95 ކިލޯއިން 80 ކިލޯއަށް މީހާ ލުއިވެއްޖެ އެވެ. އޭނާގެ އަމާޒަކަށް އޮތީ 60 ކިލޯ އަށް ލުއިކުރުމެވެ. ނަސީރުގެ ކޯޗުކަމުގައި މޭޑް ރަނާސްގެ ދުވުންތެރިންނާ އެކު ކުރަމުން ގެންދިޔަ ޕްރެކްޓިސްތަކަށް ފަހު 80 ކިލޯއިން 61 ކިލޯއަށް ބަރުދަން ދަށްވީ، ޒަމްޕެ ބުނި ގޮތުގައި، ހަމައެކަނި ދުވެގެންނެވެ.
ފައިގެ ކުޑަ ހުޅުން ބިނދި ލިބުނު ބޮޑު ގެއްލުމަށް ބަލާއިރު އޭނާ އަކީ މިހާރު އެ ދުވާ ފެންވަރުގެ ދުވުންތެރިޔަކަށް ވެދާނެއޭ އެކަކު ވެސް ހިތަކަށް ނާރާނެ އެވެ. އެކަމަކު ޒަމްޕެގެ ހިތްވަރުން އޭނާ އަށާއި އެހެން މީހުންނަށް އަންގައިދިނީ ކޮންމެ ކަމެއްގެ ވެސް ފަހުގެ ނަތީޖާ އަތުވާނީ އެވަރަށް މަސއްކަތްކޮށްގެން ކަމެވެ. އެތައް ބަޔަކު ދުވަން ފަށައި، ދުވަސްގަނޑެއް އެކަމުގައި ހޭދަކުރެ އެވެ. ދެން ގެއްލެނީ އެވެ. އެކަމަކު ޒަމްޕެ ތަފާތެވެ.
"މޭޑް ރަނާސް އަށް ދިޔައިރު ޓްރެކް ވަށައި ޖެހެނީ 12 ބުރު. އެކަމަކު ހަ މަސް ދުވަހުގެ ތެރޭގައި ހާފް މެރަތަންއެއް ފުރިހަމަކުރިން،" ޒަމްޕެ ބުންޏެވެ.
"އޭގެ ފަހުން ވަރަށް ބޮޑަށް ވަގުތުތައް އަވަސްވަމުން ދިޔައީ."
ފުލުހުންގެ ފޮރެންސިކް ބައިގައި މަސައްކަތްކުރަމުން އަންނަ އަދި ސާޖެންޓެއްގެ މަގާމުގައި ހުރި ޒަމްޕެ އަކީ ގައުމީ ފެންވަރުގެ ދުވުންތެރިއެކެވެ. އެކަން 2015 ގެ ގައުމީ ކަސްރަތު މުބާރާތުން ސާބިތުކޮށްދިނެވެ. މުބާރާތުގެ 35 އަހަރުން މަތީގެ 5000 މީޓަރު ދުވުމުން ރަން މެޑެލް ހޯދީ، އޭނާގެ އަމިއްލަ ރެކޯޑެއް ކަމަށްވާ، 19:35 މިނިޓުން ނިންމައިގެންނެވެ.
މިދިއަ ރޯދަމަހު އޭނާގެ އަމިއްލަ ޗެލެންޖަކަށް 333 ކިލޯމީޓަރުގެ ދުވުން ނެގި ނަމަވެސް، ޒަމްޕެ ދަންނަ މީހަކަށް ވިއްޔާ، އޭނާ އެކަން ކުރާނެކަމުގެ ޔަގީންކަން އޮންނާނެ އެވެ. އެންމެ ބޮޑު ސަބަބަކީ އަމާޒެއް ހިފައިފި ނަމަ އެކަން ކުރަން ދޭ ސަމާލުކަމެވެ. ގޮންޖެހުންތަކެއް ކުރިމަތިވިޔަސް، މާޔޫސްކަމަކާ ދިމާވިޔަސް، ނުހުއްޓާނެ ކަމެވެ.
ޒަމްޕެ އާއި މޭޑް ރަނާސްގައި އޭނާގެ ދުވުމުގެ ބައިވެރިންނާ އެކު ދުވަނީ
"ރޯދަމަހުގެ މެދުތެރެއިން ހިތަށްއެރި މިކަން ވާނެ ބާވައޭ ވެސް،" ޒަމްޕެ ބުންޏެވެ.
"އެކަމަކު ހުއްޓާލާކަށް ބޭނުމެއް ނުވި. ބައެއް ރޭރޭ 20 ކިލޯ މީޓަރު ވެސް ދުވިން، 18، 15 ކިލޯމީޓަރު ވެސް ދުވިން."
ޗެލެންޖުގެ އެންމެ ފަހު 10 ކިލޯމީޓަރު ހަމަކޮށް، 333 އަށް ވާސިލްވެވުނީ އީދު ދުވަހު އެވެ. އެހިތްވަރުން އަނެއްކާވެސް އޭނާ ސާބިތުކޮށްދިނީ، ކިތައްމެ ބިޒީކޮށް އުޅުނަސް، އަދި ދިރިއުޅުމުގެ ޒިންމާތައް ގިނަވުމަކުން ދުވުމާ ދުރަށް ނުދާނެ ކަމެވެ.
ހިލޭސާބަހަށް މަސައްކަތްކުރާ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ވޮލަންޓިއަރެއްގެ ގޮތުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ޒަމްޕެ ދަތުރުކުރި އިރު، އެއިން އެއްވެސް ދަތުރެއްގައި އޭނާގެ ދުވުން މެދުކަނޑައެއް ނުލަ އެވެ. ފުލުހުންގެ ޒިންމާއެއް އަދާކުރަން ރަށެއްގައި އުޅެން ޖެހުނަސް، ދުވުމަކީ ދުވާލުގެ އެއް ޝަރުތެވެ. ރަށް ކިތައްމެ ކުޑަޔަސް، ބޮޑަސް މައްސަލައެއް ނެތެވެ.
"ވަރަށް ކުދިކުދި ރަށްރަށަށް ވެސް ދިޔައިން. އެކަމަކު ނުކުމެ ދުވަން،" އުމުރުން ދެ އަހަރާއި 10 މަހުގެ ދެ ކުދިންގެ ބައްޕަ ކިޔައިދިނެވެ.
"އަހަރެން ދާ ތަނަކަށް ބޫޓު ގެންދާނެ، ދުވާ އެއްޗެހި ގެންދާނެ."
އޭނާގެ ހަށިގަނޑަށް ގެނައި ހެޔޮ ބަދަލުގެ އަސްލަކީ އޮހޮރުވި ދަލެވެ. ހިތްވަރެވެ. ކުރިން އުޅެވުނީ ސިއްހީ ގޮތުން ގޯސް ދިރިއުޅުމެއް ކަމަށް އަމިއްލަ އަށް ގަބޫލުކުރުމެވެ. އޭގެ ފަހުން ވައްޓާނުލައި ދުވުމެވެ. އަމިއްލައަށް ޗެލެންޖްތަކާ ކުރިމަތިލުމެވެ. އެއިން ކޮންމެ ކަމަކުން ވެސް އޭނާއަށް ލިބެނީ އުފަލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަނަމް ޕޫރީ
04 August 2017
މީ ވަގުތުނެތިގެން ކަންކަން ނުކުރެވިފާތިބި މީހުންނަށް ހިތްވަރުލިބިގަނެވިދާނެ އާޓިކަލެއް.
ޓޫވެލް
04 August 2017
ޒަމްޕެގެ ވެސް ޗެލެންޖް އަކީ އެއީ ސީދާ ޒަމްޕެގެ ވެސް ހިތްވަރޭ އަދި މަމެންގެ ދަ ސަރުކާރުގެ ވެސް ހިތްވަރާއި ފަންވަރުން އަޅާ ދިން ބަށި ކޯޓް ތަކާއި ފުޓްސަލް ދަނޑު ތަކާއި ބޮޑެތި ލާރޖް ސްޓޭޑިއަމްސް ތަކުގެ ކޮލިޓީ ކަމުން ކާމިޔާބު ވާ ކަންކަމޭ ބުނަން މަމެން ނެތީމު ދޯ. އޯއޯއޯ އައި ރިމެމްބަރ ދިސް މޯމެންޓް އޯލް ޓޫވެލް ޓޫވެލް ޓޫވެލް..
ނައިޖީ
04 August 2017
ގަދަ ބުރޯ.
ޔައު
04 August 2017
ކުރީގެ ފޮޓޯ ބަލާފަ މީހަކު ނުބުނާނެ އެއީ މާ ރީތި މީހެކޭ. އެކަމަކު ފަހުގެ ފޮޓޯތަކުން ފެންނަނީ ފަންސަވީހަކަށް އަހަރުގެ ވަރަށް ރީތި ޒުވާނެއް.
ހީވެފައިވާ
04 August 2017
ގިނަ މީހުންނަށް ހީވެފައި އޮންނަނީ ގިނަ އިރު ދުވީމަ ސިއްޙަތަށް ފައިދާ ކުރާނީ... ގިނައިރު ދުވެގެން ވާ ގެއްލުން ބުނެދޭ އާޓިކަލް އެއް މިހާރުން ގެނެސްދީބަލަ...
ގިވްއިން
04 August 2017
ތިރީސް ދުވަހުން 333 ކިލޯ މީޓަރު ދުވުން ފުރިހަމަ ކުރުން އެއީ ވަރަށް ބޮޑު ހިތްވަރެކެވެ. މިފަދަ ހިތްވަރު ގަދަ ކުޅުން ތެރިން ޖެހޭނެ ޔޫތު މިނިސްޓްރީން ފާހަގަ ކޮށް އެމެން ޔޫތު މިނިސްޓްރީ އަށް ވައްދައިގެން އެމެންގެ އެހީގައި ރާއްޖޭގައި ސްޕޯރޓްސް ޔުނިވަރސިޓީ އަކާއި ހަމަ އަށް ދެވޭނެ އުސޫލުން ސްޕޯރޓްސް ސްކޫލެއް ހުޅުމާލޭގައި 25 ބުރިއަށް އިމާރާތް ކުރެވޭތޯ ބަލަން. އެއިރުން ނޭ ރާއްޖެ އަށް އޮލިމްޕިކްސްގެ ކުޅި ވަރުތަކުން ގޯލްޑް މެޑަލް އެއް ލިބޭނީ
ތާއީދު
04 August 2017
ގޫޑްލަކް ޒަމްޕެ. ހިތްވަރުކުރާތި. އަހަރެން 17 ދުވަހުން 333ކމ އަށް ދުވެފިން.
ނުުުރު
04 August 2017
އަހަރެން ހަފްތަަައަކު 180 ކލމ