ލަނޑު ޖެހުމަށް ފަހު ދަގަނޑޭ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
06 އޯގަސްޓް 2017 - 11:33
ޓީސީ ސްޕޯޓްސް ކްލަބް އަތުން ރޭ 3-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި އެ ޓީމުގެ އަލީ އަޝްފާގު (ދަގަނޑޭ)ގެ ފަރާތުން ފެނުނު މޮޅު ކުޅުމަކީ ފެށުމެއް ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އޭނާގެ ކުޅުން އަންނާނީ އިތުރަށް ރަނގަޅުވަމުން ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.
ޓްރާންސްފާ މާކެޓްގައި ނިއުއާ ދަގަނޑޭ ގުޅުނުއިރު އޭނާ ހުރީ އަނިޔާގަ އެވެ. އަނިޔާއިން ރަނގަޅުވެ އެއްކޮށް ފިޓްވުމުގެ ގޮތުން މިދިޔަ މެއި މަހު އޭނާ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެ އޮޕަރޭޝަނަށް ފަހު ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހު އެނބުރި އައިސް ރޭގެ މެޗުގައި ޓީސީ އަތުން ނިއު މޮޅުކޮށްދިނުމުގައި ދަގަނޑޭ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
ނިއުގެ ފުރަތަމަ ލަނޑު ޖަހަން ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ އަށް ފުރުސަތު ތަނަވަސްކޮށްދިނުމަށް ފަހު ދަގަނޑޭ ދެ ވަނަ ލަނޑު ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ. މެޗަށް ފަހު ނިއުގެ ކޯޗު އޮސްކާ ވަނީ ދަގަނޑޭގެ ކުޅުމަަށް ތައުރީފް ކޮށްފަ އެވެ.
ދަގަނޑޭ (ކ) ފޮނުވާލާ ބޯޅަ ބްލޮކް ކުރަން ޓީސީގެ ޑިފެންޑަރު އީސާ މަސައްކަތް ކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"ދަގަނޑޭ ވަރަށް މޮޅަށް ކުޅެފި. އޭނާ ދައްކުވައިދީފި މި ޓީމަށް އޭނާ އަކީ ކިހާ މުހިއްމު ކުޅުންތެރިއެއްކަން. އެކަމަކު ހަނދާން ނައްތާލައިގެން ނުވާނެ އިންޖަރީ އަކަށް ފަހު އައިސް އެއްކޮށް ފިޓްކޮށް ހުރެއެއް ނޫން އޭނަ އެ ކުޅުނީ. މިއީ ފެށުމެއް ކުރިއަށް އޮތްތަނުގައި އޭނާ އިތުރަށް ރަނގަޅުވާނެ،" އޮސްކާ ބުންޏެވެ.
ރޭގެ މެޗުގައި ދަގަނޑޭ ވަނީ މެޗުގެ 81 ވަނަ މިނިޓްގައި ބަދަލުކޮށްފަ އެވެ.
"ދަގަނޑޭ އެދުނު ގިނަ ވަގުތުގައި ދަނޑުމަތީގައި ހުންނަން. އެކަމަކު އަހަރެން ވިސްނަން ޖެހޭ ކުރިއަށް ވެސް އެހެންވެ އޭނާ ބަދަލުކުރީ،" އޮސްކާ ބުންޏެވެ.
ފާއިތުވި އަހަރުތަކުގައި އަނިޔާގެ ސަބަބުން ދަގަނޑޭ އަށް ވަނީ ގިނަ މައްސަލަތަކެއް ދިމާވެފަ އެވެ. މިދިޔަ އަހަރު އޭނާ ކުރިން ކުޅެމުން އައި މެލޭޝީއާގެ ޕީޑީއާރްއެމްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލީވެސް އަނިޔާގެ ސަބަބުންނެވެ. އެ ފަހަރު އަނިޔާއިން ރަނގަޅުވެ، ސީޒަންގެ ބާކީ ބައި ދަގަނޑޭ ކުޅުނީ މާޒިޔާ އަށެވެ.
މާޒިޔާ އަށް އުރީދޫ ދިވެހި ޕްރިމިއާ ލީގު ހޯދައިދޭން އެހީތެރިވިއިރު، އެ ފަހަރު ލީގުގެ ފަހު ބުރުގައި އަނިޔާގެ ސަބަބުން ދަގަނޑޭ އަށް ބައެއް މެޗުތައް ގެއްލުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިނާ
06 August 2017
ދަނޑަގޭ ވަރުގެ މޮޅު ހުނަރު ހުރި ކުޅުންތެރިއެއް މިޖީލުގަވެސް ދެން އުފެދޭނެ ހެނެއް ހިޔެއް ނުވެ.މިހެން ބުނަން ދެރަވެސް ވެ.ދަނގަޑޭއަށް މަރުޙަބާ.
އައްޕި
06 August 2017
ދަގަނޑޭ ވަރެއް ހަމަ ނެތް.
ކަބީދު
06 August 2017
އެފްއޭއެމްގެ ރައީސް މިފަހަރު މުބާރާތް ފެށުނު ކަމުގެ އިޝްތިހާރު ޓީވި އަދި ރޭޑިއޯއިން ނުކުރަނީ ކީއްވެތޯ. މީ 1980ގެ އަހަރުތަކެއްނުން މުބާރާތް ފެށޭދުވާހާއި މެޗުކުޅޭ ދުވަސްތަ މީހުން ބަލަބަލާ ތިބޭކަށް. ތިބޭފުޅުން ތަންކޮޅެއް ރަނގަޅަށް ކުރާކަމެއް ކުރަނީ ކޮންދުވަހަކުންބާ!
އަލީ
06 August 2017
ދަގަނޑޭ ފަންސާސް އަހަރު ވަންދެން ކުޅުނަސް ރާއްޖޭގެ ފޯވާޑުންނައް ވުރެން މޮޅަށް ކުޅޭނެ
ކުދުރޭޑިއޯ
06 August 2017
ދަނގަޑޭ ވަރަށް ބޮޑަށް ދަބަރު ޖަހާފަ ހުރީ އެކަން ފިލުވަން ވަރަށް ވަގުތު ނަގާނެކަމަށް ފާހަގަ ކުރެވެނީ. ވަރަށް މިސްޕާސްތަށް ކުރި. އެކަމަކު ދަންނަވަންޖެހެނީ ކުރީގައި ބޯޅަ ހިފައްޓާ ޑިފެންސް ކަޓުވާލާފަ ދެމިގަތުމަކީ ދަނގަޑެއަށް އަދިވެސް ކުރެވިދާނެ ކަމެއްކަން. ފިޓްނަސްއަށް ބަލައިގެން ރަގަޅު ޑައިޓެއްގަ އުޅޭނަމަ އަދިވެސް ދެސީޒަނެއްވަރު ހިފަހައްޓާލުމުގެ ބާރު އެފައިގަ އެބަހުރި. މަރުހަބާ ދަގޭ!
އަހުމަދު
06 August 2017
ތި ބެލި މެޗެއް ނޭގުނު. ދަގޭގޭ ކުޅުން ރަނގަޅުވިތަން އެންމެނަށް ފެނުނީ