ކޯޗު ސާންތީ: އޭނާ ވަނީ ޒުވާން ގައުމީ ޓީމާ ހަވާލުވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 އޯގަސްޓް 2017 - 13:14
ކްލަބް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.
އެފްއޭއެމުން ބުނީ ސާންތީ 19 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވެފައިވަނީ މި އަހަރުގެ ނިޔަލަށް ކަމަށެވެ. އެ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހިމެނެނީ އީގަލްސްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ސާންތީއާ އެކު މަސައްކަތް ކުރި އަހުމަދު ޝާކިރު (ޝާކިއްޓެ) އާއި މުހައްމަދު ޝާހިދު (ޝާޑު) އެވެ.
މިފަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުން އެންމެ ފަހު ވަގުތު ފުރުސަތު ގެއްލުމުން ސާންތީ ވަނީ ދެން އީގަލްސް އިން ނުފެނިދާނެ ކަމަށް ބުނެފަ އެވެ. އީގަލްސް އަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުން ޖާގަ ގެއްލުނީ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ކެޓުމުންނެވެ.
މާލޭ ލީގުގައި ޖުމްލަ ގޮތެއްގައި ރަނގަޅު ކުޅުމެއް ދެއްކި އީގަލްސް އަށް ޕްރިމިއާ ލީގުން ފުރުސަތު ގެއްލުނީ މާލޭ ލީގުގެ ފަހު މެޗުގައި ގްރީން ސްޓްރީޓްސް އަތުން ބަލިވުމުންނެވެ. އެ މެޗަށް ފަހު ސާންތީ ބުނީ ފުޓްބޯޅައިގައި އޮންނާނީ ބަލިވުމުން އެކަން ގަބޫލުކޮށް ޒިންމާ ނެގުން ކަމަށާއި އެކަން އޭނާ ކުރާނެ ކަމަށެވެ.
ގައުމީ ފުޓްބޯޅަ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ސާންތީ އީގަލްސްއާ 2011 ވަނަ އަހަރު ހަވާލުވުމުގެ ކުރިން ފެނުނީ ގައުމީ ޓީމުންނެވެ. އީގަލްސްއާ ހަވާލުވެ ޒުވާން ކުޅުންތެރިން ގެނެސް އޭނާ ވަނީ ރަނގަޅު ޓީމެއް ބިނާކޮށްފަ އެވެ.
ސާންތީގެ އިރުޝާދުގެ ދަށުން އީގަލްސް އިން ވަނީ އެފްއޭ ކަޕް ފައިނަލުގައި އެއް ފަހަރު އަދި ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ދެ ފަހަރު ކުޅެ އެއް ފަހަރު ތަށި ހޯދައިފަ އެވެ.
ޒުވާން ގައުމީ ޓީމާ އެކު ސާންތީ ފުރަތަމަ ނުކުންނާނީ އަންނަ މަހު ފަށާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަށެވެ. އެ އަށް ފަހު 19 އަހަރުން ދަށުގެ އޭޝިއަން ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ވާދަކުރާނެ އެވެ.
ބޫޓާންގެ ތިމްޕޫގައި ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އޮތީ ނޭޕާލް އާއި ސްރީލަންކާއާ އެކު ގްރޫޕް ބީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމީރު
08 August 2017
ސާންތީގެ އުމުރުން ވީހާ ދުވަހެއް އެވީ މިކަމުގަ އުޅޭތާ. އެކަމަކު މިހާ ދިގު މުއްދަތަށް ބަލާއިރު ފާހަގަކޮށްލެވޭފަދަ ކާމިޔާބީއެއް ހޯދިފައި ނެތް. 19 އަހަރުން ދަށުގެ ޤައުމީ ޓީމު ޙަވާލުކުރާނެ މިއަށްވުރެ ރަނގަޅު ކޯޗެއް ނުލިބުނީބާ؟
ތަކުރު
08 August 2017
އާބަޔަކަށް ތިކަހަލަ ކަމެއް ނެތްދޯ! އަބަދު އެއްބައެން! އިތުރު މީހުނަނަން(ކޯޗުން)ނަން ފުރުސަތު ހޯދަދީ!