ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ދަގަނޑޭގެ ގޯލުން ގްރީން އަތުން ނިއު އަށް މުހިއްމު މޮޅެއް

އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކުރި ހަމައެކަނި ގޯލުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސް އަތުން 1-0 އިން ނިއު ރޭޑިއަންޓް މުހިއްމު މޮޅެއް ހޯދައިފި އެވެ.

މިދިޔަ ހަފްތާގައި ވާދަވެރި މާޒިޔާ އަތުން ބަލިވުމުން ނިއު މި މެޗަށް ނުކުތްއިރު އޮތީ ޕްރެޝަރުގަ އެވެ. މި މޮޅާ އެކު ނިއު ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެެއް ވަނައިގައި އޮތް މާޒިޔާ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެން ނިއު އޮތީ މާޒިޔާއާ އެއްވަރަށް ހަ ޕޮއިންޓް ހަމަކޮށްފަ އެވެ. މާޒިޔާ އަށް މި ވަގުތު ފައިދާ ލަނޑުން ކުރި ލިބިފައިވީ ނަމަވެސް މާދަމާރޭ މިލަންދޫއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން މާޒިޔާ އަށް ލީޑުފުޅާ ކުރުމުގެ ފުރުސަތު އެބައޮތެވެ.

މި މެޗުން ބަލިވުމުން ގްރީން ސްޓްރީޓްސް އޮތީ ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގަ އެވެ.

ނިއު އިން މި މެޗަށް ނުކުތީ ފުރަތަމަ އެގާރައިގައި ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު ރަޝީދު (ހޮކޭ)ގެ ބަދަލުގައި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އަބްދުﷲ މިދުހަތު (ބިޗަޑު) ފުރަތަމަ އެގާރައިގައި ހިމަނައިގެންނެެވެ. އަދި ގްރީން ސްޓްރީޓްސް އިން ވަނީ އިބްރާހިމް ރިޒުހާންގެ ބަދަލުގައި ވިލިއަމް މެކޯ ފުރަތަމަ އެގާރައިގައި ހިމަަނައިފަ އެވެ. އަދި މޫސާ ހަސަންގެ ބަދަލުގައި ކުޅުނީ އަހުމަދު އަޝްފާން އެވެ.

މެޗުގެ ފުރަތަމަ ހަ ވަނަ މިނިޓްގައި ހަމަލާ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ނިއުގެ އަލީ އަޝްފާގު ދަގަނޑޭ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ފަހުން އެ ޓީމުގެ ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ އާއި އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ފުރުސަތުތަައް ވެސް ބޭނުމެއް ނުކުރެވުނެވެ.

ފުރަތަމަ ހާފުގެ މެދުތެރެއިން ގްރީންގެ ކުޅުންތެރިއަކަށް އަނިޔާވުމުން އެ ޓީމުގެ އޮފިޝަލުން ފަރުވާ ދޭން ދަނޑަށް އަރައި ވަގުތު ބޭކާރުކުރާ ކަމުގެ ޝަކުވާތަކެއް ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ވަނީ ބަދަލު ރެފްރީއާ ކޮށްފަ އެވެ. އެ ވަގުތު ގްރީންގެ އޮފިޝަލަކު ނިއުގެ ކޯޗާ ދިމާލަށް ބުނި އެއްޗަކާ ގުޅިގެން ރެފްރީ ވަނީ އޮފިޝަލް ބެންޗުން ފޮނުވާލައިފަ އެވެ. އެއާ އެކު އޭނާ ދުވެފައި އައިސް ނިއުގެ ކޯޗަށް ހަމަލާދޭން މަސައްކަތްކުރި އެވެ. ނިއުގެ ކޯޗު ފަހަތަށް ޖެހި ހަމަލާއިން ރެކުނުއިރު، ގްރީންގެ އޮފިޝަލުން އައިސް އޭނާ ހިފެހެއްޓި އެވެ.

މެޗުގެ 25 ވަނަ މިނިޓްގައި މުހުތާރް ނަސީރު (ޓޫކިލޯ) އަށް އަނިޔާވެގެން އޭނާގެ ބަދަލުގައި ރިޒުހާން ވަނީ ކުޅެން އަރުވައިފަ އެވެ. އަދި އޭގެ ދިހަ މިނިޓް ފަހުން އެ ޓީމުގެ ކެޕްޓަން ފަރުހާދު އިސްމާއިލް ވެސް ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ އަލީ އިފާޒް އެވެ.

ގްރީން ސްޓްރީޓްސްގެ ޝާފީ (ވ) ކައިރިން ނިއުގެ ސެންޓޭ ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއު އަށް ލީޑުނަގައިދޭން މެޗުގެ 38 ވަނަ މިނިޓްގައި ބިޗަޑަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ގަލާޑޯ މަތިން ހުސްކޮށްލާފައި އޭރިއާ ތެރެއިން އޮއްޕޮ އަށް ދިން ބޯޅަ އޭނާ ވަނީ ބޮލުން ގޯލުގެ ކުރިމައްޗަށް ހުރަސް ކޮށްލައިފަ އެވެ. އެހެން ނަމަވެސް ބޯޅަ ގޯލަށް ފޮނުވާލަން އެރި މިދުހަތަށް އެންމެ ރަނގަޅަށް ފޮނުވާނުލެވުނުއިރު ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ނިއު އަށް ދަގަނޑޭ ލީޑު ނަގައިދިނީ 43 ވަނަ މިނެޓުގަ އެވެ، އޭރިއާ ތެރެެއިން ގްރީން ސްޓްރީޓްސްގެ އިފާޒު ދިން ބޯޅަ އެ ޓީމުގެ ޖަޕާން ކީޕަރު ޖުން ކޮޗީ ކުރިއަށް އަރައި އޮތް ވަގުތު ގޯލު ކުރިމަތިން ލިބުނީ ދަގަނޑޭ އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ނިއު އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެ ގިނަ ފުރުސަތު ތަނަވަސްކުރަން މަސައްކަތްކުރި އެވެ. މެޗުގެ 55 ވަނަ މިނިޓްގައި ކުޅުންތެރިއަކު ކައިރިން ނައްޓާފައި ސެންޓޭ ފޮނުވާލި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ.

މި ހާފްގެ ފަހު 30 މިނިޓަށް ނިއު އިން ވަނީ ބިޗަޑުގެ ބަދަލުގައި ހަމްޕު ކުޅެން އަރުވައިފަ އެވެ.

އޭގެ ފަހުން ނިއުގެ ލީޑުފުޅާ ކުރަން ދަގަނޑޭ އަށް ދެ ފުރުސަތެއް ލިބުނެވެ. މެޗުގެ 70 ވަނަ މިނިޓްގައި ސެންޓޭ ހުސްކޮށްލާފައި ދަގަނޑޭ އަށް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ކީޕަރު ކޮޗީ ކައިރިން ނައްޓާފައި ބޯޅަ ފޮނުވާލިއިރު އޮތީ ބޭރުވެފަ އެވެ. އޭގެ މިނިޓެއް ފަހުން އޮއްޕޮ އޭރިއާ ތެރެއިން ހުސްކޮށްލާފައި ދިން ބޯޅަ ދަގަނޑޭ ފޮނުވާލި ނަމަވެސް ދިޔައީ ދަނޑިކައިރިން ބޭރާށެވެ،

މެޗުގެ 75 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އަދި އޭގެ ފަހުން ދަގަނޑޭ ގްރީން ސްޓްރީޓްސް އޭރިއާ ތެރެެއިން ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ފޮނުވާލަން އުޅުނު ބޯޅަ ގަލާޑޯ އަށް ލިބުމުން އޭނާ ފޮނުވާލި ނަމަވެސް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

މެޗުގެ 82 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރަން ގްރީން އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ އިލިއާ ކައުންޓާ އެޓޭކެއްގައި އޭރިއާ ތެރެއަށް ވަނުމުން ނިއުގެ އަކްރަމް އަބްދުލްގަނީ އޭނާ ވައްޓާލުމުން ރެފްރީ ޕެނަލްޓީއެއް ދިނެވެ. ފުރަތަމަ ފަހަރު އިލިއާ ގޯލަށް ވައްދާލި ނަމަވެސް ރެފްރީ ވަނީ، އެ ޓީމުގެ ކުޅުންތެރިއަކު އޭރިއާ ތެރޭ ހުރުމުން އަލުން ޖަހަން އަންގައިފަ އެވެ. ދެ ވަނަ ފަހަރަށް އިލިއާ ޖެހުމުން ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އިލިއާ އެ ބޯޅަ ގޯލަށް ވައްދާލި އެވެ. އެކަމަކު އެ ލަނޑު ރެފްރީ ގަބޫލެއް ނުކުރެ އެވެ. އެއީ ޕެނަލްޓީ ފޮނުވާލާ ކުޅުންތެރިއާ އަށް އެ ބޯޅަ އަލުން ފޮނުވާލެވޭނީ އިދިކޮޅު ޓީމުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި އައިސްފި ނަމަ ކަމަށްވާތީ އެވެ. ގޯލް ދަނޑީގައި ޖެހިފައި ރީބައުންސް ވެގެން އަންނަ ބޯޅަ ފޮނުވާލޭވޭނީ ޕެނަލްޓީ ކުރިން ޖެހި ކުޅުންތެރިއާ ނޫން ކުޅުންތެރިއަކަށެވެ.

ނިއުގެ ބިޗަޑް (ކ) ކައިރިން ގްރީން ސްޓްރީޓްސްގެ އިލިއާ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ފަހުން ވެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ގްރީން ސްޓްރީޓްސް އިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.

މެޗާ ބެހޭގޮތުން ނިއުގެ ޓްރެއިނަރު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނީ އުނދަގޫ މެޗެއް ނަމަވެސް ބޭނުންވީ ތިން ޕޮއިންޓް ކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

"ނިއުގެ ބެސްޓް ދައްކައިފިއްޔާ މޮޅުވެވޭނެ ކަމުގެ ޔަގީންކަން އޮތް. މާޒިޔާ އަތުންވި ބަލި ދޫކޮށްލާފައި އަހަރެމެން މި މެޗަށް ނުކުތީ މޮޅުވާން އެކަން ހާސިލްވުމަކީ ލިބުނު ހިތްހަމަ ޖެހުން. ދެން ފަހުން ބެލިން ގިނަ ލަނޑުތަކެއް ޖެހޭތޯ އެކަމަކު އެކަން ކާމިޔާބެއް ނުވި،" ލައްޗޭ ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނީ މި މެޗު އެ ޓީމަށް ގެއްލުނީ ފެށުން ދަށްވުމުންނާއި ނަސީބު ވެސް އެހީނުވުމުން ކަމަށެވެ.

"ހަތް ވަރަކަށް ޕްލޭޔަރުންނަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކި ކުރީކޮޅުގައި ބަދަލުތަކެއް ގެންނަން ޖެހިފައިވަނިކޮށް ދަގަނޑޭ ފެންވަރު ކުޅުންތެރިއަކަށް ހަދިޔާކުރި ގޯލެއް މި ކޮޅަށް ވަނީ. ދެން ލިބުނު ޕެނަލްޓީ ވެސް މިދިޔައީ އެންމެ ރަނގަޅަކަށް ނޫން. އިލިއާ ފެންވަރު ކުޅުންތެރިއެއް އަތުން ބޭކާރުމިވީ. މިއީ ހަގީގަތުގައި ބުނެވިދާނެ ގްރީން ސްޓްރީޓްސްގެ ދުވަހެއް ނޫނޭ ވެސް،" ސޮބާ ބުންޏެވެ.

އޭނާ ބުނީ ފަހު ވަގުތު ގްރީން ސްޓްރީޓްސް އަށް ލިބުނު ޕެނަލްޓީގައި ކަން ހިނގާދިޔަ ގޮތާ މެދު އެއްޗެއް ބުނަން އެނގޭނީ ވީޑިއޯ ބެލުމަށް ފަހު ކަމަށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި އއ. މާޅޮސް ނުކުންނާނީ ދ. ކުޑަހުވަދޫއާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.

6 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 4%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިގޭ!

20 August 2017

السلام عليكم ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ،ﷲއިރާދަފުޅުކުރެއްވިއްޔާ ދުވަހަކުވެސް ދެރަ ގޮތެއްވުމަކައް އެއްވެސް ބަޔަކައް ނުވަތަ އެއްވެސް އިންސާނަކައްވެސް ނޭދެން ، އެވަރު ޓީމެއް ކައިރި ތިނިއުރޭޑީއަންޓް ސކ ތިވަރު މޮޅުކުޅުންތެރިން ތިބެ ތިކުޅުނީ ވަރަށް ހަޑި ކުޅުމެއް .ދެން ތިޖެހި ލަނޑު އެއީ ކަނު އިންސާނަކު ހުއްޓަސް އެތިންދަޑިން އެތެރެ ކޮއްލާނެ ބޯޅައެއް ، މިމެޗްގަ ފެނިފަ އޮންނާނީ ދަގޭ ކައިރި ކުޅުންތެރި އަކު ހުރިއްޔާ އާންމުކޮއް އެއްކުޅުން ތެރިއެއް ކާރިން ނައްޓާފަ ޕާސް ކުރާނީ އަދި ވަކިކަހަލަ ކުޅުންތެރިން ދަގޭ ކައިރި ހުރިއްޔާ ދަގޭއައް ޕާސް ކުރާ ބޯޅަ ދަގޭ އައް ނުލިބެނީސް ކާރި ހުންނަ ކުޅުތެރިޔާ ހޯދާ މިސާލަ ކައް ސްޕޭ ދަގޭ ކާރި ހުންނައިރު ދަގޭ އަކައް ނުކުޅެވޭ ، ދެން ދަގޭ އެންމެ މޮޅު އިރު 2012 ގަ ނެހެރޫ ކަޕްގަ މިދިވެހިރާއްޖެ އާ ކެމަރޫން ނާ ކުޅުނު މެޗްގަ ތި ދަގޭ އައް ކުޅެވުނުތޯ ތިބުނާ މޮޅުނަމަ ކޮންމެވެސް ގޮތެއް ހެދީސް ހެދުނީސް ، 2008 ގަ ސާފް ކަޕް ރަންގަޅު ކުޅުނުގޮތް ، إن شاء الله ، أمين ،،،،

The name is already taken The name is available. Register?

އަބުދﷲ

25 August 2017

ކަލޭ ދެތަލިން ކުޅުހިކޭވަރަށް ނިއުރޭޑިއަންޓާ، އަސްފާގާ ޖައްސާލާފަ ހުއްޓަކަސް 2013 ނިއުރޭޑިއަންޓް ހޯދިވަރުގެ ކާމިޔާބީއެއް ހޯދުނު ބަޔަކު އަދި ނެތް. ރާއްޖޭގެ މުބާރާތް ތަކުގަ ބަލި ނުވެ އެއްވަރު ނުވެ ކުޅުނު ހުރިހާ މެޗަކުން ހަމަ އެކަނި މޮޅުވުމުގެ ފަހުރުވެރި ރެކޯޑް އޮތީ ކަލޭތިޔަ ހަސަދަވެރިވާ ނިއު އަތުގަ...އޭރުވެސް ކަލޭ ކުރީ ބަދުދުޢާ.....ހަމަ އަސަރެއް ކުރާނީ ކަލެއަށް...މިކޮމެންޓް ޖަހާލަ ދިނުން އެދެން

The name is already taken The name is available. Register?

ޝިޔާދު

18 August 2017

ނިއު މިއަދުގެ މެޗުގަ ކުޅުނީ ވަރަށް ރީތި ޕާސިންގ ގޭމެއް. ތިގޮތަށް ހިފަހައްޓާލައިފިއްޔާ ލީގު ނަގާނެ. ހޯޕް ފޮރ ދަ ބެސްޓް.

The name is already taken The name is available. Register?

ބުރުހާނުއްދީން ރައްބާނީ

18 August 2017

ޕެނަލްޓީ މިސްވިތަންކޮޅުމިދެއްކީ.

The name is already taken The name is available. Register?

ބާރަ

18 August 2017

ބާސާ ކަމައް ހެދިގެން ތިބޭބަޔަކާ ކުޅެގެން 1-0ވީމަ އޯކޭ އެހެންނޫނަސް ތިފެނުނީ ނިއު ގެމޮޅުކަމެއް ނޫން އަދި ބާސާ ކޯޗު މޮޅު ކަމެއް ވެސް ނޫން ހަމައެކަނި ދަނގަޑޭ ހުރި މޮޅު ކަން ވަން މޭން ޓީމް

The name is already taken The name is available. Register?

ހުންގާނު

18 August 2017

މި ސޮބާގެ އަނގައިން ދުވަހަކުވެސް ނާރާނެ، ކޮންމެ ޓީމަކާއެކު ކުޅެގެން ޓީމަށް ރަނގަޅު ކުޅުމެއް ނުކުޅެވުނަސް އަބަދުވެސް މިދައްކަނީ ނިއުރޭޑިއަންޓްގެ ވާހަކަ. އަދި މި ސޮބާ އަކީ ނިއުރޭޑިއަންޓްގަ ކޯޗަކަށްހުރި އިރު އެޓީމުގެ ހާޑްކޯ ފޭނަކާ ޒާތީގޮތުން ޖައްސާލައިގެން އުޅުނުމީހެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454