އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ރޭގެ މެޗުގައި ކޯޗުކޮށްދެނީ. --ފޮޓޯ: އޭއެފްޕީ
28 ޖޫން 2016 - 11:51
ޕެރިސް، ފްރާންސް (ޖޫން 28) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ރޭ ސްޕެއިން އަތުން 2-0 އިން އިޓަލީ މޮޅުވި މެޗުން ދައްކުވައިދިނީ އިޓަލީ އަކީ ހަމައެކަނި ޑިފެންސްކުރާ ޓީމެއް ނޫންކަން ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އިޓަލީން މެޗު ޑޮމިނޭޓްކޮށް ގިނަ ފުރުސަތު ހޯދިއިރު ދެ ވަނަ ހާފުގައި އެ ޓީމުން ދެއްކީ ޑިފެންސިވް ކުޅުމެކެވެ. އެކަމަކު ޖުމްލަކޮށް ސްޕެއިނަށް މުޅި މެޗުގައި ވެސް އިޓަލީގެ މައްޗަށް ފުރިހަމަ ކޮންޓްރޯލެއް ނުނެގުނެވެ.
"ވަރަށް ރަނގަޅު ޕާފޯމަންސެއް މި ދެއްކީ. އަހަރެމެންގެ ކުޅުންތެރިން އަންނަނީ ރަނގަޅު ފުޓްބޯޅައެއް ކުޅެމުން. އެކަމާ އުފާވޭ. އަހަރެމެންނަކީ ވަރަށް އޯގަނައިޒްކޮށް ޑިފެންސިވްކުރާ ޓީމެއް ހަމައެއާ އެކު އެޓޭކް ވެސް ކުރަން. އާއްމުކޮށް މީހުން ހީކުރަނީ އިޓަލީ އަކީ ޑިފެންސިވްކޮށް ކުޅޭ ޓީމެއް ކަމަށް. އެކަމަކު އެހެނެއް ނޫން އެކަން މިވީކީ،" ކޮންޓޭ ބުންޏެވެ.
ކުއާޓާ ފައިނަލުގައި އިޓަލީ ބައްދަލުކުރަން ޖެހޭނީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާ ދެކޮޅަށެވެ. ކޮންޓޭ ބުނީ ވަރަށް މޮޅަށް ކުޅެގެން ޖަރުމަން ބަލިނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ އާދަޔާ ހިލާފު މޮޅަށް ކުޅެގެން ކަމަށެވެ.
"ކުޅުންތެރިން ޖެހޭނެ 130 ޕަސެންޓް ނެރެން،" ކޮންޓޭ ބުންޏެވެ.
ރޭގެ މެޗުގައި އިޓަލީގެ މިޑްފީލްޑަރު ޑެނިއަލީ ޑި ރޮސީ އަށް އަނިޔާވެފައިވާއިރު ބަދަލުގައި އެރި ތިއާގޯ މޮޓާ ވަނީ ޖަރުމަން މެޗަށް ސަސްޕެންޑްވެފަ އެވެ. ކޮންޓޭ ބުނީ އެއީ ކަންބޮޑުވުމެއް ކަމަށާއި އެކަމަކު އެންޓޯނިއޯ ކަންޑްރޭވާ ނެތް ތަން ސްޕެއިން މެޗުގައި ވެސް ފޫބެއްދި ގޮތަށް ރޮސީ އާއި މޮޓާ ނެތްތަން ވެސް ފޫބެއްދޭނެ ކަމަށެވެ.
މި މުބާރާތަށް ފަހު ކޮންޓޭ އިޓަލީ ދޫކޮށް ޕްރިމިއާ ލީގުގެ ޗެލްސީއާ ހަވާލުވާނެ އެވެ. އޭނާ ބުނީ ޗެލްސީ އަށް ބަދަލުވާން ނިންމީތީ ހިތާމަނުކުރާ ކަމަށާއި އެކަމަކު އަބަދުވެސް ހިތުގައި އިޓަލީއަށް ހާއްސަ ޖާގައެއް އޮންނާނެ ކަމަށެވެ.
"އަދި ފަހުން އެނބުރި އިޓަލީ އަށް އަންނަން ބޭނުންވޭ. ގައުމީ ޓީމާ އެކު ކުރެވޭނީ މުޅިން ތަފާތު ތަޖުރިބާއެއް، މުޅިން ތަފާތު އިހުސާސެއް،" ކުރިން ޔުވެންޓަސްއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ކޮންޓޭ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާރިޔާ އަހުމަދު ދީދީ
28 June 2016
ހަމަ ހަމައެކަނި ޑިފެންސްކުރާ ޓީމެއް. ޗެލްސީގެ ކޯޗުކަމަށް ގެންނަން ފައްކާ މީހެއް ތިއީ...