ޚަބަރު / ހައްޖު

މި އަހަރު ދެ މިލިއަން މީހުން ހައްޖު ވާނެ

މި އަހަރުގެ ހައްޖުގައި ބައިވެރިވުމަށް އައި ބައެއް މީހުން އިއްޔެ ހަވީރު ހަރަމްފުޅުގައި ޠޮވާފް ކުރަނީ. --މިހާރު ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު

މައްކާ އިން: އަހުމަދު އަބުދުﷲ ސައީދު

29 އޯގަސްޓް 2017 - 14:42

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ މިލިއަން މުސްލިމުން ބައިވެރިވާނެ ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެފި އެވެ.

މިދިޔަ އަހަރާ ޚިލާފަށް މި އަހަރުގެ ހައްޖުގައި، އީރާން މީހުން ވެސް ބައިވެރިވާ އިރު، ސަލާމަތީ ކަންތައް ވަނީ ކުރި އަށް ވުރެ ވަރުގަދަ ކޮށްފަ އެވެ. ސައޫދީ ސަރުކާރާއި އީރާން ސަރުކާރާ ދެމެދު އޮތް ޚިޔާލު ތަފާތުވުންތަކާއި، ސީރިޔާ އާއި ޔަމަންގައި ކުރަމުންދާ ހަނގުރާމައާ މެދު އީރާނާއި ސައޫދީއާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން، މިދިޔަ އަހަރުގެ ހައްޖުގައި އީރާން މީހުން ބައިވެރިވުމަށް ސައޫދީން ހުއްދައެއް ނުދެ އެވެ.

ސައޫދީގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި މި އަހަރުގެ ހައްޖުގައި އެންމެ ގިނަ މީހުން ބައިވެރިވާނީ އޭޝިޔާ އާއި އެފްރިކާ އާއި މެދުއިރުމަތީގެ ގައުމުތަކުންނެވެ. އެއް ގައުމަކުން އެންމެ ގިނަ އަދަދެއްގެ ހައްޖުވެރިން ބައިވެރިވާނީ އިންޑޮނީޝިޔާ އިންނެވެ.

މި އަހަރުގެ ހައްޖުގައި ބައިވެރިވުމަށްޓަކައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ސައޫދީ އަށް އައީ ވެއަތުގެ ދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގަ އެވެ. އިއްޔެގެ ނިޔަލަށް ވަޔާއި ކަނޑާއި އެއްގަމު މަގުން 1.7 މިލިއަން މީހުން މައްކާ އަށް އެތެރެ ވެފައިވާ އިރު، ރެއާއި މިއަދާއި މިރޭ އިތުރު 300،000 އަށް ވުރެ ގިނަ މީހުން މައްކާ އަށް ޖަމާވާނެ އެވެ.

މިއަހަރުގެ ހައްޖުގައި ބައިވެރިވާ ބައެއް ދިވެހިން ހަރަަމްފުޅުގައި ޠަވާފް ކުރަނީ. --މިހާރު ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު

ހައްޖުވެރިން މާދަމާ މިނާ އަށް ޖަމާވާ ވަގުތުން ފެށިގެން ހައްޖުގެ އަޅުކަން ފެށިގެންދާ އިރު، ސައޫދީ ސަރުކާރުން ބުނާ ގޮތުގައި ސަލާމަތީ ގޮތުން ހުރިހާ ކަމެއް ވެސް ދަނީ ރޭވިފައިވާ ގޮތަށް ރަނގަޅަށެވެ. އަދި ހައްޖުވެރިންގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުމެއް ނެތް ކަމަށާއި، ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް ވެސް ސައޫދީ ސަރުކާރުން ބުނެ އެވެ.

ސައޫދީ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވި ގޮތުގައި މި އަހަރުގެ ހައްޖު މޫސުމުގައި މިހާތަނަށް ސިއްހީ ބޮޑު މައްސަލައެއް ކުރިމައްޗެއް ނުވެ އެވެ. އަދި ކޮރޯނާ ވައިރަސް، ސާސް ރޯގާ، ދޫނިރޯގާގެ އިތުރުން އޫރު ރޯގާ އަށް ވެސް ސިއްހަތާ ބެހޭ އިދާރާތައް ތައްޔާރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ރާއްޖޭން ވެސް 1،300 އަށް ވުރެ ގިނަ މީހުން މިހާރު މައްކާގައި އެބަ ތިއްބެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ އައި 1،000 މީހުން މިހާރު ވަނީ ފުރަތަމަ އުމްރާ އާއި މަދީނާ ޒިޔާރަތާއި ދެ ވަނަ އުމްރާ ނިންމައި ހައްޖުގެ އަޅުކަމަށް ތައްޔާރު ވެފަ އެވެ. ފަހުން ލިބުނު ކޯޓާގައި އައި 300 މީހުން މިހާތަނަށް ނިންމީ ފުރަތަމަ އުމްރާގެ ކަންތަކެވެ. އެ މީހުން މަދީނާ ޒިޔާރަތާއި ދެ ވަނަ އުމްރާގެ ކަންތައް ފުރިހަމަ ކުރާނީ ހައްޖުގެ އަޅުކަމަށް ފަހު އެވެ.

މި އަހަރުގެ ހައްޖުގެ ދުވަސްތަކުގައި އަރަފާތާއި މުޒްދަލިފާ އާއި މިނާގައި ދުވާލުގެ ވަގުތުގައި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާ ކުރެވެނީ އެންމެ މަތިވެގެން ވެސް 43 ދަރަޖައިގަ އެވެ. އަދި ރޭގަނޑު އެންމެ ދަށަށް ދާނީ 29 ދަރަޖަ އަށެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 13%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454