22 ސެޕްޓެމްބަރ 2017 - 07:51
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގދ. ތިނަދޫއާ ދެކޮޅަށް ނިއު ރޭޑިއަންޓް ނުކުންނައިރު މި މެޗުން މޮޅުވެގެން ފުރަތަމަ ބުރުގެ އެއް ވަނަ މަގާމް ހޯދެން އެ ޓީމަށް އެބައޮތެވެ.
ނިއު މި ވަގުތު 15 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް މާޒިޔާ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. މިއަދު މޮޅުވެގެން އެ ޓީމަށް 18 ޕޮއިންޓް ލިބޭއިރު އެ އަދަދަށް އެހެން ޓީމަކަށް ދެން މި ބުރުގައި ހަމަނުކުރެވޭނެ އެވެ. މިއަދު ބަލިވިޔަސް، އެހެން ޓީމުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ނިއު އަށް އެއް ވަނަ ލިބުމުގެ ފުރުސަތު އެބައޮތެވެ. ތިނަދޫ އޮތީ 10 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ފުރަތަމަ ބުރު ނިމޭއިރު ގަދަ ހަތަރެއްގައި އޮތުމަށް އެ ޓީމަށް ވެސް މިއަދު މޮޅުވުން މުހިއްމެވެ.
ފުރަތަމަ ބުރުގައި މިހާތަނަށް އެންމެ މެޗަކުން ނިއު ބަލިވެފައިވާއިރު އެ ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނީ އެއް ވަނައިގައި ބުރު ނިންމާލަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ޓީމުގެ އިތުބާރާއި އެހެން ހުރިހާ ކަމަކަށް ބަލާއިރު އެއީ މުހިއްމު ކަމެއް ކަމަށެވެ.
"އަހަރެމެން ވަރަށް ރަނގަޅު ދިމާލަކަށް ދަތުރުކުރަމުން މި އަންނަނީ. ވަރަށް ބޮޑަށް ހިތްހަމަޖެހޭ ޓީމުން ދައްކަމުން އަންނަ ކުޅުމާއި ނެރެމުން އަންނަ ނަތީޖާތަކާ މެދު،" އޮސްކާ ބުންޏެވެ.
އޭނާ ބުނީ ތިނަދޫ ޓީމަކީ މެޗުގެ ހާލަތަށް ބަލައި އެކި ސްޓައިލަށް ކުޅޭ ޓީމެއް ކަމަށާއި ޔަގީނުން ވެސް ތިނަދޫ އަކީ ފަހަތަށް ޖެހިގެން ކުޅޭ ޓީމެއް ނޫން ކަމަށެވެ.
"އެ ޓީމުގައި އެބަތިބި ވަރަށް ރަނގަޅު އެޓޭކިން ކުޅުންތެރިންތަކެއް. ވަރަށް ރަނގަޅަށް މެޗުގެ ހާލަތަށް ބަލައި އެ ޓީމުގެ ސްޓައިލް ތަފާތުވޭ. ކޮމްބިނޭޝަން ފުޓްބޯޅަ ފެނިގެން ދޭ. ކައުންޓާ އެޓޭކުގައި ވެސް ނުރައްކާކޮށްފާނެ. އެހެންކަމުން މިއީ ވަރަށް އުނދަގޫ މެޗަކަށް ވެގެންދާނީ. ވަރަށް ރަނގަޅަށް ތިނަދޫ ޓީމު އެނގިގެން ނުކުންނަނީ އެ ޓީމާ ދެކޮޅަށް،" އޮސްކާ ބުންޏެވެ.
އޮސްކާ ބުނީ ނިއުގެ ހުރިހާ އެޓޭކިން ކުޅުންތެރިން ލަނޑު ޖަހަމުން އައުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ޓީމުގެ ވަރުގަދަ މިޑްފީލްޑް ލައިނާ މެދު ވެސް ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
"އަދުހަމް ވެސް ހުރީ 90 މިނެޓް ކުޅޭވޭ ހާލަތުގައި،" އޮސްކާ ބުންޏެވެ.
ތިނަދޫގެ ކޯޗު މާޓިނޭޒް ހުއާން މެނުއަލް ބުނީ މި މެޗު ވެގެންދާނީ ވަރަށް ބަލާހިތްވާ ރީތި ފުޓްބޯޅަ މެޗަކަށް ކަމަށާއި ވީހާ ވެސް ގިނަ ބަޔަކު މެޗު ބެލުމަށް ދަނޑަށް އައުމަށް އެދޭ ކަމަށެވެ.
އޭނާ ބުނީ ނިއު ރޭޑިއަންޓުގެ މުޅި ސްކޮޑުގައި ވެސް ތިބީ ތިނަދޫގެ ފުރަތަމަ އެގާރައިގައި ކުޅެވޭ ފެންވަރުގެ ކުޅުންތެރިން ކަމަށާއި އެ ޓީމުގެ އެޓޭކާ މެދު ކަންބޮޑުވާން ޖެހުނު ނަމަވެސް އެކަމާ ކުރިމަތިލާނެ ކަމަށެވެ.
"އަހަރެން އަސްލު ނިއުގެ އެޓޭކިން ކެޕޭސިޓީއާ މެދު ޖެހިލުން ވާން ޖެހޭނެ. އެކަމަކު އެކަމާ އަހަރެމެންނަށް ކުރިމަތިލެވޭނެ. އަހަރެން ޑިފެންސިވް ގޭމެއް ނުކުޅޭނަން. އެއީ އަހަރެން ގަބޫލުކުރާނެ ކަމެއް ނޫން. އަހަރެމެން ބޯޅަ މޫވްކޮށްގެން ރީތީ ކުޅުމެއް ކުޅޭނީ. އަހަންނަށް އެބައޮތް އިތުބާރު،" މާޓިނޭޒް ބުންޏެވެ.
އޭނާ ބުނީ ނިއުގައި ހުނަރުވެރި ވަކިވަކި ކުޅުންތެރިން އެބަތިބި ކަމަށާއި އެކަމަކު ވަކި ކުޅުންތެރިއަކު ހުއްޓުވަން ޕްލޭނެއް ނުކުރާނެ ކަމަށެވެ. ސަބަބަކީ އެއް ފެންވަރެއްގެ ގިނަ ކުޅުންތެރިންތަކެއް ތިބުމުން އެއީ ކުރެވޭނެ ކަމަކަށް ނުވާތީ ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސެ
22 September 2017
އަވަހަށް އަދުހަމް ލައިގެން ތިނަދޫ ބަލި ކޮންބަލަ. 6 ލަޑް ޖަހަށް ޖެހޭނެ މިއަދުވެސް. އެކަން ވާނެ މިހާރު ނިއުގަ އޮތް އެޓޭކިން ފޯސްއަށް.
އާރީ
22 September 2017
ގަލާޑޯއަށް ވުރެ އަދްހަމް ރަގަޅު ވާނެ. 100ފަސެންޓް. އަދުހަމް ވޯކިންރޭޓް ހައިވާނެ. ގަލާޑޯ އަކީ ވަރަށް ކަންނެތް ކުޅުންތެރިއެއް.