ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ.-- ފޮޓޯ: އޭއެފްޕީ
29 ސެޕްޓެމްބަރ 2017 - 10:22
ލަންޑަން (ސެޕްޓެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގެ ޝެޑިއުލް ރާވާފައިވަނީ ޗެމްޕިއަންސް ލީގުގައި ކުޅޭ ކްލަބްތަކަށް ބެލުމެއް ނެތި ކަމަށް ބުނެ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ފާޑުކިޔައިފި އެވެ.
މިދިޔަ ސީޒަނުގައި ޗެލްސީއާ ކޮންޓޭ ހަވާލުވެ އެ ޓީމު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމު ޔޫރަޕްގައި ނުކުޅެ އެވެ. މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި އެ ޓީމުން ވާދަކުރަމުން އަންނައިރު، ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.
ޕްރިމިއާ ލީގުގައި ޗެލްސީ ދެން އެންމެ އަވަހަށް ކުޅޭނީ މާދަމާރޭ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ސިޓީ ޗެމްޕިއަންސް ލީގު މެޗު ކުޅުނީ އަންގާރަ ދުވަހުގެރޭގަ އެވެ. ޗެލްސީ ކުޅުނީ ބުދަ ދުވަހުގެ ރޭގަ އެވެ. މާދަމާރޭގެ މެޗަށް ތައްޔާރުވާން ޗެލްސީ އަށް ވުރެ އިތުރަށް އެއް ދުވަސް ސިޓީ އަށް ލިބެ އެވެ.
ކޮންޓޭ ބުނީ ގާތްގާތުގައި ވަރުގަދަ މެޗުތައް ކުޅެން ޖެހުމަކީ އެއްވެސް ކުޅުންތެރިއަކަށް އަދި ކޯޗަކަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
"ސިޓީ އަށް އެބަ ލިބޭ އަހަރެމެންނަށް ވުރެ އެއް ދުވަސް އިތުރަށް. އަހަންނަށް ނޭނގޭ މި ކަހަލަ ބޮޑު މެޗުތައް އާދިއްތަ ދުވަހުގެ ބަދަލުގައި ހޮނިހިރު ދުވަހު ކުޅެންވީ ސަބަބެއް. އެންމެ ދުވަހަކުން ބޮޑު މެޗަކަށް ތައްޔާރެއް ނުވެވޭނެ. މި ހުރިހާ ހާލެއްގެ ތެރޭގައި އަދި އެބަދިމާވޭ އިންޓަނޭޝަނަލް ބްރޭކް ވެސް،" ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވި މެޗަށް ފަހު ކޮންޓޭ ބުންޏެވެ.
ޔޫރަޕްގެ އެހެން ލީގުތަކަށް ބަލާއިރު އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ބޮޑަށް ރާވަަނީ ޓީވީ ރައިޓްސް އެއްބަސްވުމަށް ބަލައިގެންނެވެ. ގިނަ މެޗުތައް ޝެޑިއުލްކުރަނީ ސްޕޮންސަރުންގެ މަޝްވަރާތަކަށް ފަހު ދުނިޔޭގެ އެކި ސަރަހައްދުތަކަށް މެޗު ބެލޭނެ ގަޑިތައް ބެލުމަށް ފަހު އެވެ.
އެހެން ގައުމުތަކުގެ ލީގުތަކުގެ މެޗުތައް ރާވާއިރު ޔޫރަޕްގައި ކުޅޭ ޓީމުތަކުގެ މެޗުތައް ކުޅެނީ ފަހުންނެވެ. ސްޕެއިނާއި ޖަރުމަނު އަދި އިޓަލީ ލީގަށް ބަލާއިރު ޔޫރަޕްގައި ކުޅޭ ޓީމުތައް ކުޅެނީ އާންމުކޮށް އާދިއްތަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިލާ
30 September 2017
ދެން ޗެމްޕިއަންސް ލީގު ނުކުޅުނީމަ ނިމުނީނު؟ ކާކު ބުނީ ކުޅޭށޭ؟ މިދިޔަ ސީޒަނުގަވެސް ޗެމްޕިއަންސް ލީގާ، ޔޫރޮޕާ ލީގު ކުޅުނު ޓީމުތަކުން ކުޅުނު. ޗެލްސީއެއް ނުކުޅޭ. ދެން؟ އެއިރު އޯކޭވެފަ މިހާޜު ކޮން ބޮޑައެއް ހާކާކަށް، އޭނ؟
މޮރީނިއޯ
29 September 2017
މިދިޔަ ސީޒަނުގަ އަހަރެން ތިވާހަކަ ދެއްކީމަ ތިބޭފުޅާ ޖޯކުޖެހީ، އޭރު ތިޝަކުވާ ކުރިނަމަ ތަންކޮޅެއް ތާހިރުވީސް