ޕޮލެންޑް އަތުން މޮޅުވި މެޗަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
01 ޖުލައި 2016 - 12:42
މާސޭ، ފްރާންސް (ޖުލައި 1) - ޕޯޗުގަލްއާ އެކު ތަށްޓެއް ކާމިޔާބުކުރަން އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ ކެތްމަދުވެފައި ކަމަށް ޕޯޗުގަލް ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.
ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ރޭ ޕެނަލްޓީ ޖަހައިގެން ޕޮލެންޑް ބަލިކޮށް ޕޯޗުގަލް ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ސަންޓޯސް ބުނީ ރޮނާލްޑޯގެ ފަރާތުން ލަނޑެއް ނުފެނުނު ނަމަވެސް އޭނާ ދަނޑުމަތީގައި ހުރުމަކީ ވެސް ޓީމަށް ލިބޭ ހިތްވަރެއް ކަމަށެވެ.
"ރޮނާލްޑޯގެ ފަރާތުން އެންމެން ވެސް އުއްމީދުކުރަނީ ގިނަ ލަނޑުތަަކަށް. އެކަމަކު އޭނާގެ ފަރާތުން ލަނޑެއް ނުފެނު ނަމަވެސް އެއީ މައްސަލައެއް ކަމަށް ނުދެކެން. އެއީ އޭނާ ޓީމުގައި ހުރުމަކީ ވެސް އެހެން ކުޅުންތެރިންނަށް ލިބޭ ހިތްވަރެއް،" ސަންޓޯސް ބުންޏެވެ.
އޭނާ ބުނީ ރޮނާލްޑޯ އަށް ލަނޑެއް ކާމިޔާބު ނުކުރެވޭ މެޗުތަކުގައި އޭނާ އަށް ފާޑުކިއުން މިހާރު އާންމުވެފައިވާ ކަމަށާއި އެކަމަށް މާބޮޑު ފަރުވާލެެއް ނުދޭ ކަމަށެވެ.
ރޮނާލްޑޯ ވަނީ ރޭގެ މެޗުން ލިބުނު ކާމިޔާބީ އަކީ މުޅި ޓީމުން ކުރި ހިތްވަރުގެ ނަތީޖާ ކަމަށް ބުނެފަ އެވެ.
"މިއީ ވަރަށް ބޮޑު ކާމިޔާބެއް. މުޅި ޓީމަށް މަރުހަބާ ކިޔަން ޖެހޭ. ގައުމީ ޓީމާ އެކު ތަށްޓެއް ހޯދުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދަން ކުރިއަށް އެޅުނު ފިޔަވަޅެއް މިއީ. އަބަދު ވެސް ބުނަމުން މި އަންނަނީ ގައުމީ ޓީމާ އެކު ތަށްޓެއް ހޯދަން ވަރަށް ބޭނުމޭ. މި ފަހަރު ވަރަށް އިތުބާރު ބޮޑު،" ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ރޮނާލްޑޯ ބުންޏެވެ.
ރޭގެ މެޗަށް ފަހު ކޯޗު ސަަންޓޯސް އާއި ރޮނާލްޑޯ ވަނީ އެ ޓީމުގެ އުއްމީދީ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް ދެއްކި މޮޅު ކުޅުމަށް ތައުރީފް ކޮށްފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ޕޯޗުގަލް ނުކުންނާނީ މިރޭ ބެލްޖިއަމް އާއި ވޭލްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy