01 އޮކްޓޯބަރ 2017 - 06:11
އެއީ މޭ 26، 1990 އެވެ. މާލީން ވޮރެން އިނީ ދަރިފުޅު ޖޯއީ އާއި ދަރިފުޅުގެ އެކުވެރި ކުދިބަޔަކާއެކު ހެނދުނުގެ ނާސްތާ ކުރާށެވެ. ކުއްލިއަކަށް އެމީހުންގެ ގޭގެ ކައިރިއަށް އައިސް މަޑުކޮށްލީ ކާރެކެވެ. އޭ ކާރުން ފޭބީ ކްލޯން އެއްގެ ގޮތެއް ހެދުން އަޅައިގެން ހުރި މީހެކެވެ. އޮރެންޖް ކުލައިގެ ވިގެއް އަޅާފައި ހުރި މީހާގެ މޫނުގައި ހުރީ ހުދުކުލަ ލައިފަ އެވެ. ނޭފަތުގައި ރަތްކުލަ އެވެ. އަތަށް ހުރީ އަންގި ލައްވައިފަ އެވެ. ފުއްޕާފައި އޮތް ދެ ހަމާއި މާބޮނޑިއެއް އަތުގައި އޮތެވެ.
އޭނާ ކާރުން ފައިބައިގެން ގޮސް މާލީންގެ ގޭގެ ދޮރުގެ ރަނގަބީލު ޖެހި އެވެ. މާލީން، 40، ދޮރު ހުޅުވާލުމުން އަތުގައި އޮތް މާބޮނޑި އޭނާއަށް ދިއްކޮށްލި އެވެ. ދުރުގައި އެ މަންޒަރު ބަލަން ހުރި ޖޯއީ އަށް މިއަދުވެސް އެ ހާދިސާ އިއްޔެ ވީ ކަމެއްހެން ހަނދާން އެބަހުއްޓެވެ. އެމީހާ މާބޮނޑި ދިއްކޮށްލުމުން އޭނަގެ މަންމަ މާބޮނޑީގައި ހިފަމުން "ހާދަ ރީއްޗޭ" ބުނެލި އަޑު އޭނާއަށް އިވުނެވެ.
ކުއްލިއަކަށް ދެން ފެނުނީ އެމީހާ މާލީންގެ މޫނާ ދިމާލަށް ފިސްތޯލައެއް ދިއްކޮށް މޫނުގައި ޖައްސާފައި ފިސްތޯލަ ޖެހިތަނެވެ. ޖޯއި އަށާއި އެކުވެރިންނަށް ހަރަކާތެއް ވެސް ކުރަން ނޭނގިފައި ތިއްބާ މާލީން ގަޔަށް ބަޑި ޖެހުމަށްފަހު މަޑުމަޑުން އެނބުރި ގޮސް ކާރަށް އަރައިގެން އެމީހާ ދިޔައީ އެވެ.
އެ ދުވަސްވަރު ނެރުނު ނޫހެއްގައި ޖަހާފައިވާ މާލީން މަރާލި ޚަބަރު
އެމެރިކާގެ ފްލޮރިޑާގެ ވެލިންޓަންގައި މި ހާދިސާ ހިނގިތާ ދެ ވަނަ ދުވަހު މާލީން މަރުވީ އެވެ. ފްލޮރިޑާ ފުލުހުންނަށް މި މަރުގެ ހަގީގަތް ހޯދަން ކުރި މަސައްކަތް ކާމިޔާބުނުވެ ތިރީހަކަށް އަހަރު ފާއިތުވި ފަހުން ފުލުހުންނަށް އަނެއްކާވެސް މި މަރުގެ ހަގީގަތް ހޯދަން ކުރިޔަށް ދާނެ މަގެއް ފެނުނެވެ.
މާލީންގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ޝައްކު ކުރެވުނީ އޭނާގެ ފިރިމީހާ މައިކަލް ވޮރެންގެ މައްޗަށެވެ. އެ ދެ މީހުންގެ ކައިވެނީގައި މައްސަލަތައް ޖެހި ފިރިމީހާ ކައިރިން ވަރިވާން މާލީން އޭރުު ދިޔައީ ވިސްނަމުންނެވެ.
މި ދެމަފިރިންގެ އެއް މިލިއަން މިލްކިއްޔާތެއް ހުއްޓެވެ. އެ ހުރިހާ އެއްޗެއް ހުރީ މާލީންގެ ނަމުގަ އެވެ.
މާލީން މަރާލުމުގައި އޭނާގެ ފިރިމީހާގެ އަތެއް ނުވާ ކަމަށް މި މައްސަލަ ތަހުގީގުކުރި ފުލުހުންނަށް ގަބޫލުކުރެވުނެވެ. ނަމަވެސް މައިކަލް އާއި މި މަރާ ކޮންމެވެސް ގޮތަކުން ގުޅުމެއް ވާކަމަށް އެމީހުންނަށް ޝައްކެވެ.
މާލީން މަރާލިތާ ހަތަރު މަސް ފަހުން އަނެއްކާވެސް ފުލުހުންނަށް ވަރަށް ޚާއްސަ މައުލޫމާތެއް ލިބުނެވެ. އެއީ މާލީންގެ ފިރިމީހާ އާއި ޝީލާ ކީން ނަމަކަށް ކިޔާ އަންހެނަކާ ރައްޓެހިވެގެން އުޅޭ ކަމެވެ. އެހާ ހިސާބުން ތަހުގީގު ޓީމުގެ ސަމާލުކަން ޝީލާ އަށް ހުއްޓެވެ.
މާލީންގެ ގާތިލު ޝީލާ އަތުލައިގަނެވުނީ 27 އަހަރު ފަހުން
ޝީލާއާ އޭރު ވަކިން ދިރިއުޅެމުންދިޔަ އޭނާގެ ފިރިމީހާ ޔަގީންކޮށްދިން ގޮތުގައި ޝީލާ އާއި މައިކަލް އުޅެނީ ލޯބީގެ ގޮތުން އޭރުވެސް ގުޅިގެންނެވެ. އަދި ޝީލާގެ ގެއަށް މައިކަލް ވަރަށް ގިނައިން ގޮސް އުޅޭތަން ފެންނާތީ އެހިސާބުގަނޑުގައި ދިރިއުޅޭ އަވަށްޓެރިން ވެސް، ޝީލާ އުޅެނީ މައިކަލްއާ ކައިވެނި ކޮށްގެން ކަމަށް ހީކުރާ ކަމަށް އޭނާގެ ފިރިމީހާ ބުނެފައިވެ އެވެ.
ޝީލާ ދިރިއުޅޭ ހިސާބުގައި ހުންނަ ކޮސްޓިއުމް ފިހާރައެއްގައި ފުއްޕާހަން ވިއްކަން ހުރެ އެވެ. އަދި މާލީން މަރާލި މީހާ ހިފައިގެން ހުރި ކަހަލަ ފުއްޕާހަން ވެސް އެ ފިހާރައިގައި ވިއްކަން ހުއްޓެވެ. އަދި މާލީން މަރާލި ދުވަހުގެ ދެ ދުވަހެއް ކުރިން މީހަކު ކްލޯނެއްގެ ކޮސްޓިއުމެއް ގަތް ކަމަށް ވެސް އެ ފިހާރައިގައި ތިބި މުވައްޒަފުން ބުންޏެވެ.
އިތުރު ވަރަށް ވަރުގަދަ ހެކިތައް ވެސް ލިބުނަސް މިއީ ހާލަތަށް ރިއާޔަތްކުރާއިރު މި މީހުން ކުށްވެރިންގެ ގޮތުގައި ސާބިތު ކުރެވޭ ވަރުގެ ހެއްކަކަށް ނުފުދެ އެވެ.
ނަމަވެސް ޑީއެންއޭ ހެކިތަކުން މައިކަލް އާއި ޝީލާއާ ދެކޮޅަށް މާ ރަނގަޅު ކޯޓު ކޭހެއް ތައްޔާރު ކުރެވޭ ގޮތެއް ނުވި އެވެ.
މާލީން މަރާލިތާ 24 އަހަރު ފާއިތުވީއިރު ވެސް އެ ގަތުލުގެ ސިއްރު އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. އެއަށްފަހު 2014 ގައި އަނެއްކާވެސް މި ކޭސް އަލުން ބަލަން ފަށަން ފުލުހުން ނިންމި އެވެ. އަދި ޝީލާ އާއި މައިކަލްއާ ގުޅޭ ގޮތުން އެންމެ ކުރިންސުރެ ލިބުނު ހެކިތައް އަލުން ބަލުން ދިރާސާކޮށް ބަލަން ފެށި އެވެ. މި ބެލުމުން 1990 ގައި ކާރު ވިޔަފާރީގައި ކޮށްފައިވާ ވައްކަމާއި މަކަރުުގެ މައްސަލަތަކެއް ފަޅާ އަރައި މައިކަލް ޖަލަށް ލާފައިވާކަން އެނގުނެވެ. އަދި 1997 ގައި އޭނާ ޖަލުން ސަލާމަތްވުމަށް ފަހު ލޯބިވެރިޔާއާއެކު ފިލައިގެން ގޮސްފައިވާ ކަން ވެސް އެނގުނެވެ.
އަދި ފަހުން ބެލި ބެލުމުން 2002 ގައި ޝީލާ އޭނާގެ ފުރަތަމަ ފިރިމީހާ ކައިރިން ވަރިވެގެން މައިކަލްއާ ކައިވެނި ކޮށްފައިވާ ކަމާއި ދެ މީހުން އެކުގައި ޓެނެސީގައި ރެސްޓޯރެންޓް ވިޔަފާރިއެއް ކުރާކަން ވެސް އެނގުނެވެ.
މާލީން މަރާލިތާ 27 އަހަރު ފަހުން މިދިޔަ މަހުު ފްލޮރިޑާ ކޯޓުން ވަނީ ޝީލާ އަކީ މާލީންގެ ގާތިލުކަން ކަނޑައަޅައި އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. މާލީން މަރާލީ ޝީލާ ކަން ސާބިތުކުރެވުމުގައި ޑީއެންއޭ އެނަލިސިސް އަށް އައިސްފައިވާ ކުރިއެރުން ވަރަށް މުހިއްމު ދައުރެއް ކުޅުނެވެ.
މިހާރު 54 އަހަރު ވެފައިވާ ޝީލާ ހޯދަން ފުލުހުން ކުރި މަސައްކަތުން މިދިޔަ އަންގާރަ ދުވަހު އޭނާ އަތުލައިގަނެވުނީ ވާޖީނިއާގެ ވޮޝިންޓަން ކައުންޓީގައި ދިރިއުޅެނިކޮށެވެ. އެއީ 27 އަހަރު ކުރިން މާލީން އަށް ހަމަލާ ދިން ގެއާ 800 މޭލު ދުރުގައި ހުރި ތަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުއްތަމަ
03 October 2017
މިޤައުމުގަ މައްސްލައަކީ ފުލުހުންގެ މުއައްސަސާގަ ވަޒީފާއަދާކުރައްވާ ޓެކްނިކަލް ތަޖުރިބާ ލިބިފަ ތިއްބަވާބޭފުޅުން ވަޒީފާގަ ގިނަދުވަހު ނޫޅެވޭމައްސަލަ، ސިޔާސީ އޮއިވަރުގަ ކަޑާލަންބޭނުންވީމަ ބޭރުކޮށްލަނީ ތަނެއްދޮރެއް ބަލައިނުލާ، މީހާގެ މުހިއްމުކަމަށް ބެލުމެއްނޯވޭ.
ލަކަބީ
03 October 2017
އެހެންވީމަމިގައމުގަ ތެޅިފޮޅޭނެ ކަމެއް ނެތޭ
އިބިލީސް
03 October 2017
ކްލޯން އެއްތަ ނޫނީ ކްލައުން އެއްތަ؟
ފަޅާއަރާނެ
02 October 2017
މަރެއް ސިއްރެއް ނުކުރެވޭނޔޭ ކިޔާ އުޅޭ ދޯ. 27 އަހރު ފަހުްނ ނަމަވެސް މިއޮތީ ހަގީގަތް ފަޅާ އަރާފަ
މަރަށް މަރރު
02 October 2017
މަރަށް މަރު ހިފައިގެން ކިތަށް މީހުން ނުހައްގުން މަރާލެވިފައި ހުންނާނެބާ އޭ ހިތައް އަރާ...
ހާސަރު
02 October 2017
އަވަރަށް ބުނެލަންބޭނުންވަނީ އެހެންމީހުންގެ ކޮމެންޓުތަކަށް ފާޑުކިޔާއިރު ތިމާ ތަންދޮރު އޮޅުން ނުފިލާހުރެ ފާޑު ކިއުން ބުއްދިވެރި އެއް ނޫނެވެ. ތިރީގަވާ ޢިބާރާތް ކޮޅު ކިޔާލާ އޭރުން ސާފުވާނެ...... ފްލޮރިޑާ ފުލުހުންނަށް މި މަރުގެ ހަގީގަތް ހޯދަން ކުރި މަސައްކަތް ކާމިޔާބުނުވެ ތިރީހަކަށް އަހަރު ފާއިތުވި ފަހުން ފުލުހުންނަށް އަނެއްކާވެސް މި މަރުގެ ހަގީގަތް ހޯދަން ކުރިޔަށް ދާނެ މަގެއް ފެނުނެވެ.
ޏުން
02 October 2017
ބައެއްމީހުންނަށް ނުހުގަ ނުހުންނަ އެއްޗިހި އެބަފެނޭ މިތާ މީހަކު އެބަ ކޮމެންޓްކުރޭ30 އަހަރޭ ކިޔައުގެން
ވާރު
01 October 2017
1990 ވީކަަމަކަށް 2017ގައިި 30 އަހަރު ވާނެގޮތެއް ކިޔާދީބަ
އަވަރު
02 October 2017
ވާރު ދެލޯ އަވަރުވެފަ.....ބޮޑު އަކުރުން 27 އަހެރޭ ޖަހާފަ އޮތްއިރުވެސް ލިޔެފަ ހުރި އެއްޗެއް ނުކިޔާ ވީވަރަކުން ކޮމެންޓް ކުރެވޭތޯ ބަލާތި....ވ ވެދުން
ޙަސަން އަޙްމަދު
02 October 2017
އެއް ތަނެއްގަ ތިރީހަކަށް އަހަރޭ ބުނެފަ އޮތީމަ ދޯ؟ ބަލަ ހަތާވީސް އަހަރަކީ އެއީ ތިރީހަކަށް އަހަރޭ. ބައްތިރީސް އަހަރަކީ ވެސް ތިރީހަކަށް އަހަރު. ފުރަތަމަ ދިވެހި ބަސް ކިޔަވަ ބަލަ.
ކަލޯބެ
02 October 2017
ކޮމެންޱް ރަނގަޅު އެކަމަކު އާޱިކަލް ކިޔާފަ ކޮމެންޱް ކޮއްބަލަ
ރަނގަޅުކުރީ
02 October 2017
އަވަރު، ފަހުން ރަނގަޅު ކުރީކަމަށްވާނީ..
ވާރުލު
02 October 2017
މިޚަބަރުގެ 3 ވަނަ ޕެރާގެ 3 ވަނަ ފޮޅުވަތް ކިޔާލާ؛ 30 އަހަރު ވީ ގޮތް އެނގޭނެ.
މުހައްމަދު އަހަމަދު
01 October 2017
އެމެރިކާން ތިޔަ ޤާތިލު ހޯދީ ހާދަ އަވަހަކަށޭދޯ؟ މީގެ 27 ަހަރު ކުރިން އެމެރިކާ އުޅޭނީ މހާރު މިރާއްޖެ އޮތްވަރަށްވުރެ މާކުރީގަ..
ޓްރަމްޕް
02 October 2017
އެމެރިކާއަކީ ބޮޑު މާސިންގާ ކޮންޓިނެންޓެއް ވަރު ތަނެއް. ވަށައިގެން ސީސީޓީވީ ހަރުކޮށްފަ ހުރި ދެ ކިލޯމީޓަރުގެ ތަނެއް ނޫން. އެހެންވީމަ ތިހެން އަޅާ ކިޔުން އަސްލު އެހާ ރަނގަޅެއް ނޫން. އަނެއްކާ މި 27 އަހަރުތެރޭ ޓެކްނޮލޮޖީވެސް ވަނީ އެހާ ކުރިއަރައިގެން ގޮސްފަ.
އައިންތު
01 October 2017
ދިވެހިރާއްޖޭގައި ނަމަ މީ ދުވަހަކުވެސް ވާނެ ކަމެއްނޫން. މިވެރިންވެސް މިގޮތައް ތަހުގީގު ކިރަން ދަސްކުރަން ވެއްޖެ. މިއުޅެނީ އިއްޔެވީ ކަންތައް މިއަދުވެސް ނުބެލިގެން. މިޤައުމުގެ މީހިންވެސް ޓްރެއިނިންގް ތަކަށް އެމެރިކާއަށް ދެޔޯ. އެތަނަށް ގޮސް މިމީހުން ކުރަނީ ކީއްބާއޭ ހިތަށް އަރާ
ހަސަންފުޅު
01 October 2017
މިތަނުގައި ހިންގާ ތަހުގީގުތަކުންވެސް އެކަމުގައި އުޅޭބައެއްމީހުންނަށް އެކަންކުރީ ކޮންބައެއްކަން ނުވަތަ ކާކުކަން އެގޭވަރަށް މައުލޫމާތު ލިބޭ އެކަމަކު އެކަން ވީނުވިއެއްނޭގި ފޮރުވުމުގެ ވަރުގަދަ ސިޔާސަތެއް ވެރިން ދަމަހައްޓާތި ކަންކަން ނޭގެނީ... މިއީ ތެދުވެރިން ވަރަށް މަދުން ފެންނަށް ޖަމާއަތެއްކަމުން މުޖުރިމުން އިތުރުވާތަނެއް...
ނޭނގޭނެ
02 October 2017
އައިންތު ތިޔަހެން ބުންޏަސް މިގައުމުގައި ވެސް އެގޮތަށް ކަންކަން ވެދާނެ. ފުލުހުންވެސް އެހެން މުއައްސަސާތަށްވެސް ރަގަޅު ހާލަތަކަށް ބަދަލުވެދާނެ ދުވަހެއް އަތުވެދާނެ. އެހެން ނޭނގޭނެ ބުނާކަށް. ކަންކަމާ އެހާ ނެގެޓިވްކޮށް ނުވިސްނާނަމަ ކަންކަމުގައި ކުރިއަށްދާނެ މަގު ގިނަ ފަހަރަށް ފެންނާނެ.