ވިޔަފާރި / އެމްޓީޑީސީ

އެމްޓީޑީސީގެ ހިއްސާދާރުން މިފަހަރު ވެސް ހުސް އަތާ ގެއަށް!

އެމްޓީޑީސީން 2008 ވަނަ އަހަރު އަހަރީ އާއްމު ޖަލްސާގައި ބައިވެރިވި ބޯޑު މެމްބަރުން: 2009 ވަނަ އަހަރުގެ ފަހުން ހިއްސާދާރުންނަށް ފައިދާއެއް ނުބަހާ. ފޮޓޯ: އެމްޓީޑީސީ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވިއިރު ކުންފުނީގެ ހިއްސާދާރުން މިފަހަރު ވެސް ހުސް އަތާ ގެއަށް ދާން ޖެހިއްޖެ އެވެ.

ޓޫރިޒަމްގެ ވިޔަފާރިކުރަން ސަރުކާރުން އުފެއްދި އެމްޓީޑީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 93.7 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި 159 ވޯޓުން ވަނީ ހިއްސާގެ ފައިދާ ބަހަން ނުފެންނަ ކަމަށް ފާސްކޮށްފަ އެވެ. އަދި ބަހަން ފެންނަ ކަމަށް 105 ވޯޓުދީފައިވެ އެވެ.

އެމްޓީޑީސީގެ ހިއްސާދާރުންނަށް 2009 ވަނަ އަހަރުގެ ފަހުން ހިއްސާގެ ފައިދާ ބަހާފައެއްނުވެ އެވެ.

އެ ޖަލްސާގައި ވަނީ ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުންގެ ގޮތުގައި އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ނިޔާޒާއި އާރިފް އަބްދުއް ސަމަދާއި މުހައްމަދު ފަރުސަތާއި އަބްދުﷲ ނިސާމާއި އާރިފް އަބްދުއް ސަމަދު އަދި އަލީ މޫސާ އިންތިހާބުކޮށްފަ އެވެ. އޭގެ އިތުރުން ސަރުކާރުގެ ފަރާތުން ކުންފުނީގެ ޗެއާޕާސަން އިބްތިޝާމާ އަހުމަދު ސައީދާއި އަލަށް މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކުރެއްވި އަބްދުﷲ ޝުޖާއު އާއި އަލީ ނިޝާން އަދި ފަޒްލީ އަބްދުލް ވައްހާބު ވަނީ އައްޔަންކޮށްފަ އެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ޗެއާޕާސަން އިބްތިޝާމާ ވިދާޅުވީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް އިތުރަށް ތަރައްގީކުރަން ބިޒްނަސް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން ކުންފުންޏަށް އިތުރު ރަށްތަކެއް ހޯދަން ސަރުކާރާ މަޝްވަރާކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްތިޝާމާ ވިދާޅުވީ ކުންފުނިން ސަބްލީސްކޮށްފައިވާ ރަށްތައް އެ ފަރާތްތަކަށް ވިއްކާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

އެމްޓީޑީސީން ސަބްލީސްކޮށްފައި ވަނީ ރ. ކިހަވަށްހުރުވަޅި (އަނަންތަރާ ކިވަށްވިލާ) އާއި ދ. އެނބޫދޫފުށި، އޮޅުވެލި (ނިޔާމަ މޯލްޑިވްސް) އަދި ގދ. މަގުއްދުވާ (އަޔާޑާ މޯލްޑިވްސް) އެވެ.

ޗެއާޕާސަން ވިދާޅުވީ އެ ކުންފުނިން ތްރީކޭ އިންޓަނޭޝަނަލްއާ ގުޅިގެން ތަރައްގީކުރަމުން އަންނަ ހދ. ނާގޯށި އަންނަ އަހަރުގެ މެދުތެރޭގައި ހުޅުވާނެ ކަމަށެވެ. އެ ރަށުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފަސްތަރީގެ ފެންވަރަށް ތަރައްގީކުރާ 600 އެނދުގެ ރިސޯޓުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ މެއި މަހު ހުޅުވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ. އެމްޓީޑީސީން ބުނީ އެ ރަށް ތަރައްގީކުރުން ހަލުއިކުރުމަށް ބަހުރެއިންގެ ކުންފުންޏެއް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް އެމްޓީޑީސީން ބުންޏެވެ.

7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 86%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454