ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިރުތިޝާމް ވާހަކަ ދައްކަވަނީ. - ފޮޓޯ: ޔޫތު މިނިސްޓްރީ
17 އޮކްޓޯބަރ 2017 - 14:55
މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތައް ކުރަމުން އަންނަ ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު ޔޫތު މިނިސްޓްރީން މިއަދު އިތުރުކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ މިދިޔަ އަހަރުތަކެކޭ އެއްގޮތަށް 11 ދާއިރާއަކުން މިފަހަރު އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަހުގެ 31 ގެ ނިޔަލަށް އެ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިރުތިޝާމް ވިދާޅުވި ގޮތުގައި ޒުވާނުންގެ އެވޯޑާއި ސެޓްފިކެޓާ އެކު 25،000ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމަށް ފަސޭހަ ގޮތެއް ޔޫތު މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ފަހަރު، ވިޔާފަރި އާއި އިގްތިސާދީ ދާއިރާ އިން ޚިދުމަތް ކުރުން، އާޓް އެންޑް ކަލްޗާ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުން، ކުށް މަދު ކުރުމަށް މަސައްކަތް ކުރުން، ކުޅިވަރަށް ހިދުމަތް ކުރުން، ދަރުމަވެރިން، ވޮކޭޝަނަލް ޓްރެއިނިން، ދަސްކޮށްދިނުން، ދުންފަތުގެ އިސްތިއުމާލް ކުރުމާ ދެކޮޅަށް މަސައްކަތް ކުރުން، ދުޅަހެޔޮ އާއިލާއެއް ބިނާ ކުރުން، ތިމާވެށި ހިމާޔަތް ކުރުމުގެ ރޮނގުން ޒުވާނުންގެ އިނާމު ދޭނެ އެވެ.
މީގެ އިތުރުން ކުއްލި ހާލަތެއްގައި ނުވަތަ އާދަޔާ ޚިލާފު މަސައްކަތެއް ކުރާ ޒުވާނުން ފާހަގަކޮށް ޝަހީދު ޖަމާލު އުމަރުގެ ނަމުގައި ހަނދާނީ ފިލައެއް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ. ޒުވާނުންގެ އެވޯޑަށް ވީހާ ވެސް ގިނަ ބަޔަކު ކުރިމަތިލުމަށް ޔޫތު މިނިސްޓްރީން އެދެ އެވެ.
އެވޯޑު ހާސިލް ކުރާ ޒުވާނުންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ގަ އެވެ. ޒުވާނުންގެ ދުވަހަކީ އަންނަ މަހުގެ 17 އެވެ. އެ ދުވަހާ ގުޅިގެން ބާއްވާ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
ހަމައެއާއެކު، މި އަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން ސަރުކާރުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
އިރުތިޝާމް ވިދާޅުވި ގޮތުގައި އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއުޒިކް ޝޯތަކާއި ޒުވާނުން ބާރުވެރިކުރުވުމާއި ޒުވާނުންނާ ގުޅޭ ފޯރަމްތަކާއި އެކިއެކި ކުޅިވަރު ހަރަކާތްތައް ހިންގާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
18 October 2017
ކޮން ގޮތަކުން ބަލާފައިދޭ އެވޯޑެއްތޯ ތިޔައީ، ހަމަ މުޅި ދައުރު ނިންމާލަނީ ޒުވާނުންނޭ ކިޔައިގެން، ކޮބައިތޯ ތިޔަބުނާ ޒުވާނުން ގައުމަށްކޮށްދޭ ކަންކަމަކީ؟ ރާއްޖޭގެ އިޤްތިސާދަށް ކޮށްދޭ ކަންކަމަކީ؟
އާދިލް ނައީމް
18 October 2017
މިވެސް އަރަތެއްކަހަލަ ކަމެއް. މިނޫނީ އަހަރުމެން ދުވަހަކުވެސް ނުދެކެން ބަޔަކު އަމިއްލަޔަށް ހުށަހަޅައިގެން އެވޯރޑް ހޯދާ ގައުމެއް.