ހިލްޓަން އާއި ސަން ޓްރެވަލްއާ ދެމެދު މައްސަލަ ޖެހުމުގެ ސަބަބަކަށްވި އިރުފުށި ރިސޯޓުގެ ފާލަމަކުން ބަޔަކު ހިނގާފައި އަންނަނީ. -- ފޮޓޯ: އިރުފުށި
24 އޮކްޓޯބަރ 2017 - 23:38
ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަން އިންޓަނޭޝަނަލާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްސް އެންޑް ޓުއާސް އިން އުވާލި މައްސަލާގައި ހިލްޓަނަށް 26 މިލިއަން ޑޮލަރު ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ކޮށްފައިވާ އަމުރު ރާއްޖޭގައި ތަންފީޒު ނުކުރެވި އެންމެފަހުން ސިންގަޕޫރުގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައި އަޑުއެހުންތައް ފަށައިފި އެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ސިންގަޕޫރު ސުޕްރީމް ކޯޓުގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ސިންގަޕޫރު ގަޑިން މެންދުރު ފަހު 2:30 ގައި ބޭއްވި އަޑުއެހުމާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސް އިން 2013 ވަނަ އަހަރު އެއްބަސްވުން އުވާލުމުން، އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހިލްޓަން އިން އެ މައްސަލަ ހުށަހެޅީ ސިންގަޕޫރުގެ އާބިޓްރޭޝަނަށެވެ. ހިލްޓަނަށް 26 މިލިއަން ޑޮލަރު ބަދަލުގައި ދޭންޖެހޭނެ ކަމަށް އާބިޓްރޭޝަނުން ނިންމުމުން އެކަން ތަންފީޒުކުރަން ސިވިލް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ސިވިލް ކޯޓުން ނޮވެމްބަރު 29، 2016 ގައި ނިންމީ އާބިޓްރޭޝަންގެ ނިންމުންތައް ތަންފީޒުކުރާނީ ހައި ކޯޓުން ކަމަށެވެ.
އެކަމަކު މިދިޔަ އޭޕްރީލް މަހު 20 ގައި ހައި ކޯޓުން ނިންމީ އެއީ ސިވިލް ކޯޓުން ތަންފީޒުކުރަންޖެހޭ މައްސަލައެއް ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން ކަމަށްވާ ހިލްޓަން އާއި ސަން ޓްރެވަލްސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި އޮންނަނީ މައްސަލައެއް ދިމާވެ ހައްލު ނުހޯދިއްޖެ ނަމަ އެކަން ހުށަހަޅާނީ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ކަމަށާއި އެތަނުގެ ނިންމުމަށް ދެ ފަރާތުން ވެސް އިހްތިރާމް ކުރާނެ ކަމަށެވެ. ނަމަވެސް ސިންގަޕޫރު އާބިޓްރޭޝަންގެ ނިންމުން ރާއްޖޭގައި ތަންފީޒު ނުކުރެވި އޮއްވައި ސަން ޓްރެވަލްސް އިން ހިލްޓަންއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަންގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ. އެއީ އިރުފުށި ހިންގުމުގެ އެއްބަސްވުމުގައި މަކަރާއި ހީލަތުން ސޮއިކުރުވި ކަމަށް ބުނެ އެވެ.
އެއްބަސްވުމާ އެއްގޮތަށް، އާބިޓްރޭޝަނުން ގޮތެއް ނިންމާފައި ވަނިކޮށް ހިލްޓަންގެ މައްޗަށް އެ މައްސަލާގައި ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ހިލްޓަން އިން ވަނީ ރާއްޖޭގެ ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ވެސް ކޮށްފަ އެވެ.
ހިލްޓަނަށް ދިމާވި މައްސަލާގައި ރާއްޖެއިން ހައްލެއް ނުލިބި އަހަރުތަކެއް ވެގެން ގޮސްފައި ވާއިރު އެ މައްސަލާގައި ހިލްޓަން އިން ސަރުކާރަށް ސިޓީ ވެސް ފޮނުވާފައިވެ އެވެ.
ސިންގަޕޫރުގެ އާބިޓްރޭޝަންގެ ނިންމުމަށް އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސް (އައިސީސީ) ގެ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނުން ވެސް ތާއީދުކޮށްފައި ވާއިރު ވެސް އެކަމުގައި ސަން ޓްރެވަލްސް އިން އަމަލުކުރާ ގޮތުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ހިލްޓަން އިން 2015 ވަނަ އަހަރު، އޭރުގެ ނައިބު ރައީސް އަހްމަދު އަދީބަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީދު
11 September 2020
ސިންގަޕޫރު ކޯޓްތަކަކީ ކޮރަޕް ތަންތަން
ހޯލި
26 October 2017
ތިޔަކަމުގައި ރިޔާޒު ރަސީދުގެ ބަހެއް ބޭނުންވެއެވެ.
ސެއިޙް ސިޔާމް
26 October 2017
މަކަރު ހެދުމާ ހިޔާނަތްތެރިވުމާއި މިއީ މާތް ﷲގެ ޙަޟްރަތުގައި ބޮޑުވެގެންވާ އަދަބުތައް ކަނޑައެޅިފައިހުރި ކަންކަން
ހޭއަރައިފިތަ؟
26 October 2017
ހޭއަރައިފިތަ؟
ސަރުކާނު
26 October 2017
43 ހަމަ ނުވަންޏާ ހަމަވާ ވަރަކުން ކުރެވެންވާނެ. ދެންބާކީ ތިބީ ބަލި ބައެއްކަމަށްވާތީ ޑރ އަށް ދަންކަން ފެންނަނީ
ޔުނައިޓެޑް އައްޑޫ
26 October 2017
ސިންގަޕޫރު އުޅެނީ ތަރައްޤީ ހަޖަމު ނުކުރެވިގެން. ސިންގަޕޫރު އުވާލަން މަޖިލީހަށް ބިލެއްވައްދާ.
އަލީގ
25 October 2017
މިގައުމުގަ އިންވެސްޓުކުރަން ތިބި މީހުންނައް އަދި އިންވެސްޓުކުރުމައް ވިސްނާމީހުންނައްވެސް އެމީހުންގެ އިންވެސްޓުމެންޓައް މިގައުމުގަ އޮތް ރައްކާތެރިކަން ސާފުކޮއް ކުލަކޮއް ދައްކާލަނީތާ، ގައުމައް މިއައްވުރެބޮޑު ދެރައެއްދެވޭނެތަ.
ކޮންރެޑް
25 October 2017
ހިލްޓަން އަކީ މުޅި ދުނިޔެއަށް މަޝްހޫރު، އަދި ރާއްޖެއަށްވެސް އާ ބްރޭންޑް އެއް ނޫނެވެ. ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާގައި އެންމެ ފުންނާބު އުސް އެއްކުންފުންޏާއި އެކު ހިލްޓަން މީގެ ވަރަށްގިނަ އަހަރުތަކެއް ކުރިން ފެށި މަސައްކަތް މިހާރުވެސް ކާމިޔާބު ކޮށް އެބަ ކުރިއަށްދެއެވެ، އެއްވެސް މައްސަލައެއް ޖެހުނު އަޑެއް ނާހަމެވެ. މި ދަންނަވަނީ ކުރިން ހިލްޓަން ގޮތުގައި ހިންގި، ނަމަވެސް މިހާރު ހިލްޓަންް ގްރޫޕްގެ މަތީފަންތީގެ ކޮންރެޑް ބްރޭންޑް ނަމުގައި ހިންގާ ރަންގަލި ރިސޯރޓްގެ ވާހަކައެވެ. ހިތަށް އަރާ ސުވާލަކީ ސަންޓްރެވެލް އާއި ޖެހުނީމައި ހިލްޓަން ފަދަ ކުންފުނި ތަކަށް މައްސަލަދިމާވެ އެގްރީމެންޓް އުވާލާ ކޯޓްއަށް ދާންޖެހޭ ހިސާބަށް ކަންތައްތައް މިދަނީ ކީއްވެގެން ހެއްޔެވެ.
ނެޝަނަލިސްޓް
25 October 2017
ގައުމަށް ގެއްލުން ދޭ މީހުނާ ގެއްލުން ދޭ ގޮތް މީގެން މި ހާމަވަނީ!
ސާދާސީދާ
25 October 2017
ދެން އަތްޖަހާ!