31 އޮކްޓޯބަރ 2017 - 10:18
ރޯމް، އިޓަލީ (އޮކްޓޯބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ އާދިއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗާ މެދު ނުވިސްނާ ކަމަށާއި މި ވަގުތު ޗެލްސީގެ ފޯކަސް ހުރީ މިރޭ ޗެމްޕިއަންސް ލީގުގައި ރޯމާއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ފާއިތުވި ހަފްތާގައި ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ކޮންޓޭއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނުއިރު މީޑިއާގައި ތަފާތު ވާހަކަތަކެއް ދެކެވުނެވެ. ކޮންޓޭ ބުނީ މި ވަގުތު ޔުނައިޓެޑާ މެދު ވިސްނުން ވެގެންދާނީ ވަގުތު ބޭކާރުކުރުން ކަމަށެވެ.
"އަހަރެމެންނަށް މިއޮތީ އުނދަގޫ މެޗެއް. އަމިއްލަ ދަނޑުގައި ރޯމާއާ އަހަރެމެން 3-3 އިން އެއްވަރުވީ. ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށްދާނަމަ މި މެޗުން މޮޅުވަން އެބަޖެހޭ. އަދި ހަނދާނުގައި ބަހައްޓަން ޖެހޭ މި ގްރޫޕުގައި އެބައޮތް އެތުލެޓިކޯ މެޑްރިޑް ވެސް،" ކޮންޓޭ ބުންޏެވެ.
ޗެލްސީ މި ވަގުތު ގްރޫޕް ސީގެ އެއް ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ރޯމާ އޮތީ ތިން މެޗުން ފަސް ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ އަށް ތިން މެޗުން ލިބުނީ ދެ ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގަރަބަގަށް ލިބިފައި އޮތީ ތިން މެޗުން އެއް ޕޮއިންޓެވެ.
ޗެލްސީ އަށް މި ސީޒަނުގެ މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ މުހިއްމު މެޗުތަކަށް ނުކުންނައިރު ޓީމުގެ މުހިއްމު ކުޅުންތެރިން އަނިޔާގައި ތިބުމެވެ. އެހެން ނަމަވެސް މިރޭގެ މެޗަށް ނުކުންނައިރު އެ މައްސަލަ އަށް ކޮންމެވެސް ވަރެއްގެ ހައްލެއް ވަނީ އައިސްފަ އެވެ. އެއީ ކުރިން ލެސްޓާ ސިޓީ އަށް ކުޅުނު ދެ މިޑްފީލްޑަރުން ކަމަށްވާ ޑެނީ ޑްރިންކްވޯޓާ އާއި އެންގޯލޯ ކާންޓޭ ފިޓްވެފައިވުމެވެ.
ކޮންޓޭ ބުނީ މި ދެ ކުޅުންތެރިން ބޭނުންކުރުމާ މެދު ސަމާލުވާނެ ކަމަށާއި އެ ކުޅުންތެރިން ބޭނުންކުރާނީ މެޑިކަލް ސްޓާފުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
ރޯމާގެ ކޯޗު އުސޭބިއޯ ޑި ފްރާންސެސްކޯ ބުނީ ފުރަތަމަ މެޗަށް ވުރެން ރަނގަޅަށް މި މެޗުގައި އޭނާގެ ޓީމުން ކުޅޭނެ ކަމަށާއި ބޭނުންވާ ނަތީޖާ ނެރޭނެ ކަމަށެވެ.
ޗެލްސީ އާއި ރޯމާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންޓް
01 November 2017
3-0 ބަލިވީމަ ޔަގީންވެއްޖެ ކޮން މެޗަކަށްކަން ފޯކަސްހުރީ