ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ނިއު ފަސް ބެލުމެއް ނެތި ލީގު ޗެމްޕިއަންކަމާ ގާތަށް

ކުޑަހުވަދޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދެ ވަނަ ހާފުގެ ލަނޑުތަކާ އެކު 3-0 އިން ދ. ކުޑަހުވަދޫ ބަލިކޮށް ނިއު ރޭޑިއަންޓުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ރޭ އއ. މާޅޮސް އަތުން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބުން ވަނީ ނިއުއާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފަ އެވެ. އެހެން ނަމަވެސް މި މެޗުން މޮޅުވެ ނިއު އެއް ވަނައިގައި އޮތީ 12 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަައިގައި އޮތް ޓީސީ އަށް 12 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. ލީގު ހޯދަން ބާކީ އޮތް ދެ މެޗުން ނިއު އަށް ބޭނުންވަނީ ދެ ޕޮއިންޓެވެ. އެކަމަކު މި މަހު 19 ވަނަ ދުވަހު ޓީސީއާ ދެކޮޅަށް ކުޅޭ މެޗުން ނިއު ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް ލީގު ޔަގީންވާނެ އެވެ.

މިއީ ނިއު ޖެހިޖެހިގެން ލީގުގައި ހޯދި 10 ވަނަ މޮޅެވެ. އެ ޓީމު ވަނީ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެފަ އެވެ. ބަލިވީ ފުރަތަމަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަތުންނެވެ.

މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި އޭރިއާ ބޭރުން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހިލޭ ޖެހުން ކުޑަހުވަދޫ ކީޕަރު އަބްދުﷲ ޔަޒީދު ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކުން އޭރިއާ ތެރެއިން އިބްރާހިމް ފަޒީލް (އޮއްޕޮ) ފޮނުވާލި ބޯޅަ ވެސް ކީޕަރު ޔަޒީދު ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 10 ވަނަ މިނިޓްގައި އޮއްޕޮ ނިއު އަށް ލީޑުނަގައިދިނުމާ ގާތަށް ޖެހިލި އެވެ. އަރިމަތިން ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ ނަގައިދިން ހުރަހަކުން އޮއްޕޮ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އެ ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ނިއުގެ އަލީ އަޝްފާގު (ދަގަނޑޭ) ފޮނުވާލި ބޯޅަ ކުޑަހުވަދޫ ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފަ އެވެ.

އޭގެ ފަހުން ވެސް ގާތްގާތުގައި ކުޑަހުވަދޫ އޭރިއާ ތެރެއިން ނިއު އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

މެޗުގެ 23 ވަނަ މިނިޓްގައި ނިއުގެ ކީޕަރު އިމްރާން މުހައްމަދު ކުރިއަށް ޖެހި ހުރި ވަގުތު ކުޑަހުވަދޫގެ އަފޮންޖާ ޖިބޯލާ ހާފުގެ މެދުތެރެއިން ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ވަނީ އަތަށް ނަަގައިފަ އެވެ.

ނިއު އަށް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް އެ ޓީމުން މީގެ ކުރިން ކުޅެމުން އައި ޕާސިން ގޭމް މިއަދު އެންމެ ރަނގަޅަށް ނުޖެއްސުނެވެ. މެޗަށް ފަހު ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ ނިއު އަށް މިއަދު އެ ޓީމުގެ ގޭމް ނުކުޅެވުނީ ދަނޑުގެ ވިނަގަނޑު ރަނގަޅު ހާލަތެއްގައި ނެތުމުން ކަމަށެވެ.

މެޗުގެ 34 ވަނަ މިނިޓްގައި ކުޑަހުވަދޫ އަށް ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ ކުރިއަށް ކުޅޭ އަބްދުލް ހާލިގް އޭރިއާ ތެރެއަށް ހުސްކޮށްވަދެ ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ވަނީ މަތަކޮށްފަ އެވެ.

އޭގެ މިނިޓެއް ފަހުން ނިއުގެ ގަލާޑޯ އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ކީޕަރު ޔަޒީދު ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަަ ހާފް ފަށައިގެން ތިން ވަނަ މިނިޓްގައި އޭރިއާ ތެރެއިން ދަގަނޑޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑީގަ އެވެ.

ކުޑަހުވަދޫގެ ރަޝާދު (ވ) ކައިރިން ދަގަނޑޭ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނިއު އިން ލީޑުނެގީ މެޗުގެ 51 ވަނަ މިނިޓްގައި ގަލާޑޯ ކާމިޔާބުކުރި ޕެނަލްޓީންނެވެ. ކުޑަހުވަދޫގެ އޭރިއާ ތެރެއިން އެ ޓީމުގެ ކެޕްޓަން އިބްރާހިމް ރަޝާދު ނިއުގެ އޮއްޕޮ އަށް ފައުލުކުރުމުން ރެފްރީ ޕެނަލްޓީ ދިނެވެ. ރެފްރީ ޕެނަލްޓީ ދިނުމުން ކުޑަހުވަދޫ ކުޅުންތެރިން ވަނީ އެ ފައުލުކުރީ އޭރިއާ ބޭރުން ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ.

އޭގެ ތިން މިނިޓް ފަހުން ހިލޭ ޖެހުމުން ދަގަނޑޭ ނަގައިދިން ބޯޅަ އެ ޓީމުގެ މާކޮވިޗް ސެޓެވަން ބޮލުން ފޮނުވާލި ނަަމަވެސް ކީޕަރު ޔަޒީދު ވަނީ މަތަކޮށްފަ އެވެ.

ނިއުގެ ދެ ވަނަ ލަނޑު މެޗުގެ 65 ވަނަ މިނިޓްގައި ކާމިޔާބުކުރީ ސެންޓޭ އެވެ. ހަމްޕު ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ސެންޓޭ ވަނީ ކީޕަރު ޔަޒީދަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ދެ ވަނަ ލަނޑު ޖެހިތާ ހަތަރު މިނިޓް ފަހުން ނިއުގެ ތިން ވަނަ ލަނޑު ކާމިޔާބުކުރީ މާކޮވިޗެވެ. ސެންޓޭ ނަގައިދިން ހުރަހަކުން މާކޮވިޗް ބޮލުން މި ގޯލު ކާމިޔާބުކުރީ މުޅިން ހުސްކޮށްހުރެ އެވެ.

ހަތަރު ވަނަ ލަނޑެއް ޖަހަން ދަގަނޑޭ ފޮނުވާލި ބޯޅަ ދަނޑިކައިރިން ބޭރަށް ދިޔައިރު، ގަލާޑޯ ފޮނުވާލި ހަމަލާ ކީޕަރު ޔަޒީދު ވަނީ މަތަކޮށްފަ އެވެ.

މެޗަށް ފަހު ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ކުޑަހުވަދޫ އިން ވަރަށް ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗު އަތުންދޫވީ ގޯސް ޕެނަލްޓީއެއް ދެއްކުމުން ކަމަށެވެ.

"ކުޅުންތެރިން ކުރި މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ. ވަރަށް ޑިިސިޕްލިންކޮށް ކުޅެފި. މި ބުރުގައި ވަރަށް ބޮޑު އިމްޕްރޫވްމަންޓެއް ފެނިއްޖެ. ދެން ތިބޭފުޅުންނަށް ވެސް ފެންނާނެ މި ކަހަލަ ޕެނަލްޓީ އެއްޗެހި ލިބުނީމަކާ ނޯންނާނެ ކުރާނެ ކަމެއް. މޯރަލީ ދަށްވާނެ ކުޅުންތެރިން. ފައުލް ފައުލެކޭ އެއް ނޫން. ފައުލަކަށް ވިޔަސް އޭރިއާ ބޭރުން ވެއްޖިއްޔާ ޕެނަލްޓީ އަކަށް ނުވާނެ،" މޯހަން ބުންޏެވެ.

ނިއުގެ ކޯޗު އޮސްކާ ބުނީ ފުރަތަމަ ހާފުގައި ދަށްކޮށް ދިޔަ ނަމަވެސް ދެ ވަނަ ހާފުގައި ދެއްކި ހިތްވަރުން ބޭނުންވާ ނަތީޖާ ނެރެވުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

"ވަަރަށް އުނދަގޫ ފުރަތަމަ ހާފެއް. ވަރަށް ރަނގަޅަށް ޑިފެންސްކޮށްގެން އަހަރެމެންނަށް ޖާގައެއް ނުދީ އެ ޓީމުން ކުޅުނު. އަހަރެން ކިޔައިދިނިން ފުރަތަމަ ހާފު ނިންމާފައި. އެ ގޮތަށް ކުޅުންތެރިން ކުރި މަސައްކަތް މިއީ،" އޮސްކާ ބުންޏެވެ.

އޭނާ ބުނީ ލީގުގައި ކުރިއަށް އޮތީ ވަރަށް މުހިއްމު މެޗެއް ކަަމަށާއި ބޭނުންވަނީ ޓީސީ ބަލިކޮށްފައި ލީގު ޗެމްޕިއަންކަން ހޯދުމަށް ކަމަށެވެ.

7 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 3%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗިކާޔާ

06 November 2017

ކޮބާތަ އަދުހަމް އޭނަވެސް ބޭނުންކޮއްބަލަ ތަފާތު ދައްކާނެ

The name is already taken The name is available. Register?

ރަދީފް

06 November 2017

މަރުހަބާ ނިއު.ސާބަހޭ އަހަރުމެންގެ ޓީމް.ޓިސީ ބޮޑު ތަފާތަކުން ބަލިކުރުން އެއީ އެދޭގޮތް.އޭރުން ޖޫނިއަރ ޖޯޖް ޖެހޭނީ މަހަަށްދާން.ވ.ވެދުން

The name is already taken The name is available. Register?

ވިސްނާލީމާ

06 November 2017

އުންމީދަކީ ލީގު ޗެންޕިއަންކަން ނިއުރޭޑިއަންޓަށް ލިބުން! ހަގީގަތުގާވެސް އިއްޔެ ނިއުރޭޑިއަންޓުގެ ކުޅުން އެހާ ސަޅިއެއްނޫން! އެހެންވީވެސް މެޗުގެ ކުރީކޮޅު ލިބުނު ދެތިން ފުރުސަތު ގެއްލުން! ޖަހާ ކޮންމެ ބޯޅައެއް ދަނޑީގާ ޖެހެންވީމާވެސް ހިތްވަރެއް ނުހުންނާނެ! ކުރީދުވަހުގެ މެޗާބަލާފާ ދަގޭއަކަށްވެސް މާ އެދެވޭ ކުޅުމެއް ނުދެއްކުނު! ހީވަނީ މެޗުގެ ކުރީކޮޅު ރެފްރީއާ ދަގޭއާ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހުނުހެން! އޭގެފަހުން ދަގޭގެ ކުޅުން ގޯސްވެއްޖެ! އަބަދު ހުންނަނީ ރުޅިއައިސްފަ! ރުޅިއައިސްހުރެގެން މެޗެއް ނުކުޅެވޭނެކަން އެންމެ ބޮޑަށް އެނގޭނީވެސް ދަގޭއަށް! މެޗް ލިބުނީމާ އުފާވިޔަސް، ހިތްހަމަޖެހޭ ކުޅުމެއް ނިއުގެ ފަރާތުން ނުފެނުނީމަ ދެރަވޭ! ވެދިޔަކަންތައް ވެ ހިނގައްޖެ! ދެންއޮތީ ޓީސީ މެޗަށް ތައްޔާރުވުން! އިރާދަކުރެއްވިއްޔާ އުންމީދަކީ އަދި ބޮޑު ބޭނުމަކީ، ޓީސީ މެޗުން ނިއުރޭޑިއަންޓަށް ލީގު ޗެންޕިއަންކަން ކަށަވަރުވުން! -އިބްރާހީމް-

The name is already taken The name is available. Register?

ކާޑުބޭ

05 November 2017

ރާއްޖެ އައިސް އުޅޭ ގެސްޓުންތަކެއް ރެފްރީނަށް އެރުވީމަ ވާނީ މިހެން... އޭރިޔާ ބޭރުން ފައުލް ކުރީމަވެސް ޕެނަލްޓިީ... މާލޭ ޓީމްތައް މޮޅު ކުރަން ޖެހޭ ކޮންމެ ގޮތަކުންވެސް... ކުޑަހުވަދޫ ތި ދައްކާ ކުޅުމަށް ހަމަ ސާބަސް... ޒުވާން ކުޅުންތެރިން ލައިގެން ނިއު ކަހަލަ ޓީމަކަށް ޕެނަލްޓީ އެއް ދީގެން މޮޅު ކުރާ ހިސާބައް ދިޔައިމަ ހިތްވަރު ކުރެވިއްޖެ....

The name is already taken The name is available. Register?

ބަންގާޅު

05 November 2017

ބަންގާޅު ޗެންޕިއަން އަތުން މޮޅުވެގެން ލީގް ނެގީމަ މިވަގުތު އެންމެ އުފާވާނީ. އެ ކޯޗް އަށް ނޭގެ އަންހެނުންވެސް ހިމެނޭ ގޮތަށް އެފް.އޭ.އެމް ފެއިލް ވީމަ ކަން މިލަންދޫ ޓީމް ލިސްޓް އެފް.އޭ.އެމްގައި ރެގިސްޓރީ ވާނީ ރިލީސް ނެތް ކުޅުންތެރިޔާ ހިމަނިގެން،

The name is already taken The name is available. Register?

ޓޮޓީ

05 November 2017

ޓީސީ ބަލިކޮށްފަ ލީގު ނެގީމަ އެއްމެ އުފާވާނި. ޓީސީ އަކީ މާ މޮޅު ޓީމެއް ނޫން ރޭވެސް ސަލާމަތް ވީ ކިރިޔާ. ދެން ކޯޗު އުޅޭނި އަބަދުވެސް މަސްލަގަޑެއް ޖަންސާގެން ފޮއިންޓެއް އިތުރުވޭތޯ

The name is already taken The name is available. Register?

ފަރީށާ

06 November 2017

ތިބުނީ ވަރައް ބޮޑު ތެދެއް. ވަރައް މައްސަލަ ބޮޑު ފިރިހެނެއް އެއީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454