ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް.-- ފޮޓޯ: މިހާރު
15 ނޮވެމްބަރ 2017 - 15:34
އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ބޯޑު މެމްބަރުކަމުގެ މަގާމަށް ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) އައްޔަންކޮށްފި އެވެ.
ތައިލެންޑުގައި މިހާރު ކުރިއަށްދާ އޭވީސީގެ ކޮންގްރެސްގައި ލަތީފް މި މަގާމަށް އައްޔަނުކުރީ މީގެ ކުރިން އެ މަގާމު ފުރަމުން އައި ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒުގެ ބަދަލުގަ އެވެ. ލަތީފްގެ ދައުރު ހަމަވާނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
މި އަހަރު މާޗު މަހު ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ މުބާރާތުގެ ކުރިން ރިޔާޒް ވަނީ އެ މުބާރާތް ރާއްޖޭގައި ނުބޭއްވޭނެ ކަމަށް ބުނެ އޭވީސީ އަށް ސިޓީ ފޮނުވައިފަ އެވެ. އެކަމުގެ ސަބަބުން ވީއޭއެމުން ވަނީ އޭވީސީ ބޯޑު މެމްބަރުކަމުން ރިޔާޒް ވަކިކޮށްދިނުމަށް އެދި އޭވީސީ އަށް ހުށަހަޅައިފަ އެވެ.
މިދިޔަ އަހަރު އޮކްޓޫބަރު މަހު ވީއޭއެމް ރައީސް ކަމަށް އިންތިހާބުކުރި ލަތީފް ވަނީ ގައުމީ ވޮލީބޯޅަ ޓީމުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅުއްވައި ގިނަގުނަ ކާމިޔާބީތައް ހާސިލްކުރައްވައިފަ އެވެ. ވިޔަފާރިވެރިޔާ ލަތީފް ވަނީ އޭނާ ޑިރެކްޓަރެއްގެ މަގާމް އަދާކުރައްވަމުން އަންނަ ގައުމީ އެއާލައިން ކުންފުނި، އައިލެންޑް އޭވިއޭޝަނުން ވޮލީބޯޅަ ޓީމެއް ނެރެ އެ ޓީމަށް ކާމިޔާބީތައް ހޯދައިދެއްވައިފަ އެވެ.
ވީއޭއެމްއާ ލަތީފް ހަވާލުވި ފަހުން ރާއްޖޭގައި މި އަހަރު ތެރޭ ވަނީ އޭވީސީގެ ދެ މުބާރާތެއް ބާއްވައިފަ އެވެ. މިއީ ވޮލީބޯޅަ ތާރީހުގައި މި ފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބޭއްވީ ބީޗް ވޮލީބޯޅަ މުބާރާތެކެވެ. މީގެ އިތުރުން ލަތީފް ވަނީ ވޮލީބޯޅައިގެ ހިންގުން ހަރުދަނާ ކުރަން އިސްލާހީ މަސައްކަތްތަކެއް ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
16 November 2017
ރޯނުއެދުރު.