ދިވެހި ކުޅިވަރު / ގައުމީ ބާސްކެޓްބޯޅަ މުބާރާތް

ފައިނަލުގައި ކިންގްސް ބަލިކުރެވޭނެ: ޓީރެކްސް

ކިންގްސްގެ އަފްޝަން (ވ) އާއި ޓީރެކްސްގެ ޒަބީރު ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

17 ނޮވެމްބަރ 2017 - 08:35

މި ފަހަރު ގައުމީ ބާސްކެޓްބޯޅަ ލީގާއި ގައުމީ މުބާރާތުގައި ކުޅުނު މެޗުތަކުން ކިންގްސް ބީސީގެ މައްޗަށް ކުރިހޯދިފައި ނުވި ނަމަވެސް މިރޭ ކުޅޭ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކިންގްސް އަތުން ޓީރެކްސް އަށް މޮޅުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އިލްޔާސް އިބްރާހިމް (އިއްލަ) ބުނެފި އެވެ.

ބާސްކެޓްބޯޅައިގައި ދާދި ފަހުން ވާދަކުރަން ފެށި ކިންގްސް ލީގު ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އަދި އެ ޓީމުން ގައުމީ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދީ ފުރަތަމަ ސެމީގައި ޓީރެކްސް ބަލިކުރުމަށް ފަހު އެވެ.

ކުރީގެ ކުޅުންތެރިއާ އަދި މިދިޔަ އަހަރު ޓީރެކްސް ގޮވައިގެން ގައުމީ މުބާރާތް ކާމިޔާބުކުރި ކޯޗު އިއްލަ ބުނީ އުނދަގޫތަކެއް ހުރި ނަމަވެސް ފައިނަލުން މޮޅުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަދިވެސް ކިންގްސް ބަލިކުރެވޭނެއޭ ބުނާނީ. ކިންގްސްއާ ދެކޮޅަށް ޓީރެކްސްގެ އަސްލު ކުޅުން ނުދެއްކިގެން މިއުޅެނީ. އިންޖަރީގައި ތިބި ކުޅުންތެރިން ޕްލަސް ޗިކަނޭ (ހުސެއިން ހަލީމް) ސަސްޕެންޑްވުމުން އޭނާ ނުލައި ފުރަތަމަ ފަހަރަށް ކިންގްސްއާ މި ކުޅެނީ. ކުޅުނަސް ކިންގްސް ބަލިކުރެވޭނެއޭ އަޅުގަނޑު ބުނާނީ. ޓީރެކްސްގެ އަދިވެސް އެ ފެންވަރު އެބަހުރި،" އޭނާ ބުންޏެވެ.

ޓީރެކްސްއާ ފާއިތުވި އަހަރުތަކުގައި އެންމެ ބޮޑަށް ވާދަކުރި ޓީމަކީ ރެޑްލައިން ކްލަބެވެ. އެ ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިން މިހާރު ކުޅެނީ ކިންގްސް އަށެވެ. މިރޭގެ ފައިނަލުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދާނެ ކަމަށް އިއްލަ ގަބޫލުކުރެ އެވެ.

"ކިންގްސް އަކީ ވެސް ގައުމީ ޓީމުގެ ކުޅުންތެރިން ތިބި ވަރުގަދަ ޓީމެއް. އިންޑިވިޖުއަލް ކުޅުންތެރިންނަށް ބަލާއިރު ވެސް ވަރަށް މޮޅު ކުޅުންތެރިން މި ތިބީ. ފޯރިގަދަ ފައިނަލެއް ފެންނާނެ. ފައިނަލަށް ވަރަށް ކޮންފިޑެންސް އެބައޮތް ހަމަ،" އިއްލަ ބުންޏެވެ.

މުބާރާތުގައި މިހާތަނަށް ކިންގްސް އަށް ލިބިފައިވާ އެންމެ ބޮޑު އެޑްވާންޓޭޖަކީ ބިދޭސީ ދެ ކުޅުންތެރިން ތިބުން ކަމަށް ގިނަ ޓީމުތަކުން ފާހަގަކުރެ އެވެ. އަދި އިއްލަ ވެސް އެކަމަށް އެއްބަސްވެ އެވެ.

"އެންމެ ބޮޑު ޑިސެޑްވާންޓޭޖަކީ ޓީރެކްސްގައި އެއް ބިދޭސީ ކުޅުންތެރިއަކު ހުރެފައި. ކިންގްސްގައި ދެ ބިދޭސީ ކުޅުންތެރިން ތިބުން. މިސާލަކަށް ވަރުބަލިވެއްޖިއްޔާމު ޗޭންޖެއް ކޮށްލެވޭނެ އެ ޓީމަށް. ލޯކަލް ކުޅުންތެރިންނަށް ބަލާއިރު އެންމެ ފަހުން ކިންގްސްއާ ކުޅުނު މެޗުގައި ވެސް އަޅުގަނޑުމެންގެ ލޯކަލް ކުޅުންތެރިން މާ މޮޅަށް ކުޅުނު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިވީ ބަލިވުމުން އެކަން ދަސްކޮށްފައި މި މެޗުން ކާމިޔާބު ހޯދާނަން،" އޭނާ ބުންޏެވެ.

ޓީރެކްސް އިން މިދިޔަ އަހަރުގެ ފައިނަލުން މޮޅުވީ ދި ބައުސްއާ ވާދަކޮށެވެ. މި ފަހަރު ފައިނަލަށް ޓީރެކްސް އައީ ތިން ވަނަ ސެމީގައި ބައުސް ކަޓުވާލުމަށް ފަހު އެވެ. ކިންގްސްއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗު އޮންނާނީ މިރޭ 21:30 ގަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454