25 ނޮވެމްބަރ 2017 - 12:42
މެޑްރިޑް (ނޮވެމްބަރު 25) - އަނިޔާގެ ސަބަބުން ފޯމު ގެއްލިފައިވާ ކަމަށް ބުނެ ރެއާލް މެޑްރިޑަށް ކުޅޭ ވޭލްސްގެ ތަރި ގަރެތު ބޭލް އަށް މީޑިއާގައި ކުރިމަތިކުރުވަމުންދާ ފާޑުކިޔުންތަކަށް ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ރައްދުދީފި އެވެ.
ޓޮޓެންހަމަށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޔޫރޯ ދެއްކުމަށް ފަހު ރެއާލުން ބޭލް ގަތް ފަހުން އޭނާ އެ ޓީމަށް މިހާތަނަށް ކުޅެދީފައިވަނީ 159 މެޗެވެ. އޭނާ ގަންނަން ރެއާލުން ދެއްކި އަގަށް ބަލާނަމަ މެޗަކަށް 1.06 މިލިއަން ޔޫރޯ ޖެހެ އެވެ.
ޒިދާން ބުނީ ފުޓްބޯޅަ އަކީ މި ގޮތަށް ހިސާބު ހަދާނަމަ ވަރަށް ގޯސް މާނަތަކެއް ނެގޭނެ އެއްޗެއް ކަމަށެވެ.
"ފުޓްބޯޅަ އަކީ ހަމައެކަނި ހިސާބަށް ބަލަައިގެން ކުޅޭ ކުޅިވަރެއް ނޫން. ބޭލް އަހަރެމެންނަށް ކުޅޭ ކޮންމެ މެޗެއްގައި ތަފާތު ދައްކާ. އޭނާގެ އަނިޔާގެ މައްސަލަތަކާ ގުޅުވައިގެން ވަރަށް ވާހަކަ މީޑިއާގައި ދައްކާ. އެކަމަކު އެ ހުރިހާ ކަަމަކާ ދެކޮޅަށް ނުކުމެވެސް އޭނާ ކުރާ ހިތްވަރު އަހަންނަށް ފެނޭ،" ޒިދާން ބުންޏެވެ.
ސްޕެނިޝް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި މަލާގާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭލް ވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. ޒިދާން ބުނީ މި މެޗުގެ ސްކޮޑަށް ބޭލް ނެގުމަކީ ރިސްކެއް ކަމަށާއި އެކަން އޭނާ ނުކުރާނެ ކަމަށެވެ.
"މުހިއްމު ކަމަކީ އޭނާ އަހަރެމެންނާ އެކު ހުރުން. ޓްރެއިން ވެސް ކުރުން. މިހުރިހާ ކަމަކާ އެކީ އޭނާ އަށް ކުރިއަށްދާން ހިތްވަރު ލިބޭނެ. ތަދުވަނިކޮށް އޭނާ ކުޅުވައިގެން ހަލާކު ކޮށްލަން އަހަރެން ބޭނުމެއް ނޫން. ވީހާވެސް އޭނާ އަށް ވެސް ކްލަބަށް ވެސް ރަނގަޅު ގޮތަށް އަހަރެން ވިސްނާނީ،" ޒިދާން ބުންޏެވެ.
ޓްރާންސްފާ މާކެޓްގައި ރެއާލުން ބޭލް ވިއްކާލަން އުޅޭ ވާހަކަތައް މީޑިއާގައި ދެކެވޭއިރު، ޒިދާން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ސްޕެނިޝް ލީގުގެ ތިން ވަނައިގައި މި ވަގުތު ރެއާލް އޮތީ ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެ 10 ޕޮއިންޓް ފަހަތުގަ އެވެ. މިރޭ ރެއާލާއި މަލާގާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 20:15 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބޭލްގެ ބައްޕަ
25 November 2017
ބޭލް ގޮވައިގެން ޒިދާން ދޭބަލަ މަަހަށް.