ޒިނާން ސްޕާޓަން ރޭހުގައި ވާދަކުރަނީ
03 ޑިސެމްބަރ 2017 - 10:05
ޓީއެފްޖީއޭ ބުނުމުން ދިވެހިންނަށް އިތުރު ތައާރަފެއް ބޭނުމެއް ނުވާނެ އެވެ. އަދި އެތަން ހިންގާ ހުސައިން ޒިނާން އަކީ ވެސް، ކަސްރަތު ކުރުމުގެ ދާއިރާގައި ދިވެހިންނަށް އާ ނަމަކަށް ނުވާނެ އެވެ. ދައްކަން މިއުޅެނީ ޓީއެފްޖީ ނުވަތަ ޒިނާންގެ ކާމިޔާބީގެ ވާހަކައެއް ނޫނެވެ. ނަމަވެސް ޒިނާން އިސްވެ ހުރެ އެތަނުން ދިވެހި ދުވުންތެރިންނާއި، ކަސްރަތު ކުރުން ބަދަލުކޮށްލި ގޮތުގެ ވާހަކަ އެވެ.
ކަސްރަތު ކުރުމުގެ އިންޑަސްޓްރީ އަކީ ވަރަށް ބާރަށް ބަދަލުވެ، އަބަދުވެސް އާ ގޮތްތައް ތައާރަފް ވަމުން އަންނަ އިންޑަސްޓްރީއެކެވެ. އެގޮތުން 1990ގެ މެދުތެރޭގައި އިންޑަސްޓްރީ ބޮޑަށް އޮތީ އަންހެނުންނާ ފިރިހެނުންގެ ވާދަވެރި "މުބާރާތަކަށް" ވެފަ އެވެ. އޭރު ބޮޑަށް ފިރިހެނުން ޖިމްތަކަށް ދާއިރު އަންހެނުން ދަނީ ގްރޫޕް ކަސްރަތު ކުލާސްތަކަށެވެ.
އޭގެ ފަހުން ދެން އައީ މިހާރު މި ފެންނަ ކަހަލަ ޖިމްތައް އާންމުވެގެން ދިޔަ ދުވަސްވަރެވެ. އަދި ހެލްތު އެންޑް ފިޓްނަސް ތައާރަފްވެ، ބަރު އުފުލުން ފަދަ ކަންކަން މަގުބޫލުވެގެން ދިޔަ އެވެ. މިއާ އެކު ރާއްޖެ އަށް ބޭރުގެ ޕްރޮގްރާމްތައް އަންނަން ފަށައި، ރަނގަޅު ޓްރެއިނަރުން ބޭނުންވި އެވެ.
ސްޕާޓަން ރޭހެއްގައި އހެނެް ބައިވެރިންނާ އެކު ޒިނާން (ވ-4).
ޓީއެފްޖީ އުފެދުނީ މިހާ ހިސާބުން، 2010 ވަނަ އަހަރު އެވެ. ޓީއެފްޖީ އުފެދުނީ ވެސް އާ ކަމަކާ އެކުގަ އެވެ. އެއީ ރާއްޖޭގެ ފްރެންޗައިޒް ފިޓްނަސްގެ ފެށުމެވެ. އަދި ދިގު ދުވުން އާންމުންގެ މެދުގައި މަގުބޫލުކުރީ ވެސް ޓީއެފްޖީންނެވެ.
"ކުރިން ވެސް ދިރާގު ރޯޑް ރޭސް އޮވޭ. އެކަމު އަޅުގަނޑުމެން ފެށީ ދިގު ދުވުންތަކަށް މީހުން ހޭލުންތެރި ކުރުވައި، ޓްރެއިން ކުރުވަން. އެކަން ޓްރެންޑަކަށް ހެދީ އަޅުގަނޑުމެން،" ޒިނާން ބުންޏެވެ.
ޓީއެފްޖީން ދިގު ދުވުންތައް ފެށުމުގެ އިތުރުން، ރާއްޖޭގައި އަލަށް ދުވުމުގެ މުބާރާތްތަކުގައި ޓައިމިން ޓެކްނޮލޮޖީ ބޭނުން ކުރަން ފެށި އެވެ. އަދި މުބާރާތް ނިންމާ ފަރާތްތަކަށް މެޑަލް ދޭން ފެށީ ވެސް ޓީއެފްޖީންނެވެ. ދިގު ދުވުންތަކަށް އާންމުންގެ ތަރުހީބު ލިބެން ފެށީ މި ކަންކަމާ އެކުގަ އެވެ.
"މިއިން ކޮންމެ ކަމެއް ކުރުމަށް އަޅުގަނޑަށް ބާރު ލިބިގެން ދިޔައީ، މިއީ ސިއްހަތަށް ދުޅަހެޔޮކަން ގެނެސްދޭ ކަމަކަށް ވުމުން. މި މަސައްކަތުގެ ބޭނުމަކީ ވެސް ވީހާ ވެސް ގިނަ ބަޔަކު ސިއްހަތަށް ފަރުވާތެރި ވުމަށް ބާރު އަޅުން،" ޒިނާން ބުންޏެވެ.
ޒިނާން ސަވައިވަލް އޮފް ފިޓަސްޓް ރޭހުގައި.
ޒިނާންގެ ވިސްނުން ދުވުމުގެ އެހެން ބަޔަކަށް މިހާރު ވަނީ ދަތުރުކޮށްފަ އެވެ. މިއީ ވަރަށް ތަފާތު ކަމެކެވެ. ނަމަ ވެސް ދިވެހިންގެ ތެރޭގައި މަގުބޫލުވާނެކަން އޭނާއަށް ޔަގީނެވެ.
ދިގު ދުވުންތަކުގައި މީހާގެ ހަކަތަ އެއްކޮށް ހުސްވެ، ކަށިން ހިތްވަރު ނެރެން ޖެހޭ ވަގުތުތައް ކުރިމަތިވާނެ އެވެ. ނަމަވެސް ދެން މިއޮތީ މީހާގެ ފިޒިކަލް ޓެސްޓް ކޮށްލުމުގެ އިތުރުން މެންޓަލީ ވެސް މުޅިން އާ ޓެސްޓަކާ ހަމައަށް ގެންގޮސްދޭނެ ކަމެކެވެ: އޮބްސްޓަކަލް ރޭސިން އެވެ.
އޮބްސްޓަކަލް ރޭސިން އަކީ ދިގު ދުވުމަކަށް ފަހު، ރޭސް ނިންމުމުގެ ކުރިން ބުރަ ކަންކަން ކުރަން ޖެހޭ ރޭހެކެވެ.
"މިސާލަކަށް 10 ކިލޯމީޓަރު ދުވެފައި އައިސް ޖެހިދާނެ ރޭސް ނިންމަން އިތުރު ފަސް ކިލޯމީޓަރު ދުވަން. އެ ފަސް ކިލޯމީޓަރުގައި ހުންނާނެ އޮބްސްޓަކަލްތައް. ޖެހިދާނެ ބަކެޓަކަށް ހިލަ އަޅާ ފުރައިގެން އެ ހިފައިގެން ފަރުބަދައެއްގެ މަތިން ވަކި ހިސާބަކަށް ގޮސް އަނެއްކާ އަނބުރާ އައިސް އެ ހިލަތައް ހުސްކޮށްފައި ދުއްވައިގަންނަން،" ޒިނާން ކިޔައިދިނެވެ.
ޒިނާން ސްޕާޓަން ރޭހުގައި އެއްޗެއް އުފުލަނީ: ވަރަށް ބޮޑު ހިތްވަރެއް ކުރަން ޖެހޭ
އެ ރޭޙުގެ ތެރެއަށް ޒިނާން ފުރަތަމަ ވަނީ މި އަހަރުގެ ކުރީ ކޮޅެވެ. އެއީ ސަވައިވަލް އޮފް ފިޓަސްޓް ރޭހުގެ ތެރެއިންނެވެ. އެ ރޭހާ އެކު ދުނިޔޭގެ އެންމެ ވަރުގަދަ އޮބްސްޓަކަލް ރޭސް ކަމަށްވާ ސްޕާޓަން ރޭހުގައި ވެސް ޒިނާން ބައިވެރިވި އެވެ.
މިއަދާ ހަމައަށް ޒިނާން ވަނީ ފަސް ސްޕާޓަން ރޭހުގައި ބައިވެރިވެ، ސްޕާޓަން ޓްރީފެކްޓާ ހާސިލް ކޮށްފަ އެވެ. އަދި ސްޕާޓަން ރޭސްތަކަށް މީހުން ތަމްރީން ކުރާ ސެޓިފައިޑް ޓްރެއިނަރަކަށް ވެސް ވަނީ ވެފަ އެވެ.
"ފުރަތަމަ އޮބްސްޓަކަލް ރޭހުގައި ބައިވެރިވީ ސިންގަޕޫރުގައި. އޭގެ ފަހުން މެލޭޝިޔާ، ތައިލޭންޑް، ހޮގްކޮންގް އަދި ދުބާއީގައި އޮތް ރޭސްތަކުގައި ބައިވެރިވިން. ސަވައިވަލް އޮފް ފިޓަސްޓްގައި ބައިވެރިވީ އިނގިރޭސި ވިލާތުގައި،" ޒިނާން ބުންޏެވެ.
ޒިނާން ސްޕާޓަން ރޭހުގައި ފަރުބަދައަކަށް އަރަނީ
އޭނާ އަށް އަލަށް ވަދެވުނު މި ރޭހުގައި މިހާރު ޓީއެފްޖީގެ ފަރާތުން އިތުރު މީހުން ވެސް ގެންދަނީ ބައިވެރި ކުރަމުންނެވެ. އެގޮތުން ޒިނާންގެ ތަމްރީނުތަކާ އެކު ތައިލޭންޑަށް ހަ މީހުންގެ ޓީމެއް ވަނީ އޮބްސްޓަކަލް ރޭސިން އަށް، ސެޕްޓެންބަރު މަހު ގޮސްފަ އެވެ. އަދި 15 މީހުންގެ ޓީމެއް، އޮބްސްޓަކަލް ރޭސިން އަށް މެލޭޝިޔާ އަށް ފޮނުވަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ދިގު ދުވުންތައް ރާއްޖޭގައި މަގުބޫލުވެގެން ދިޔަ ގޮތަށް، އޮބްސްޓަކަލް ރޭސިން ވެސް މަގުބޫލުވާނެ ކަމަށް ޒިނާން ގަބޫލުކުރެ އެވެ. އެގޮތުން އެކަން ރާއްޖޭގައި ތައާރަފް ކުރުމަށް ޓީއެފްޖީން އަންނަނީ ތައްޔާރުވަމުންނެވެ. ޓީމުތައް ބޭރަށް ފޮނުވުމުގެ ބަދަލުގައި ކުރު މުއްދަތެއްގެ ތެރޭގައި ޓީއެފްޖީން އެ ރޭސް ރާއްޖޭގައި ވެސް ބާއްވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުނިމާ
04 December 2017
މީނަ އަކީ ފަރީދީމަގުގަ ހުންނަ ފަތަހަ ފިހާރަ ގާމަތިން ވަރަށް ދެކުނު މީހެއް، . މިފަދިމީހެއްކަން އެގުނުނަމަ ސަލާމް ކޮއްލީމުސް. މަރުހަބާ!
ޙިސާން
03 December 2017
ޓީއެފް ޖީ އިންނެއް ނޫން ފުރަތހަމަ ފިނިޝާ މެޑަލް ދޭން ފެޝީ، އަދި އޮފިސަލް ޓައިމިން ވެސ ް އިލެކްޓްރޯނިކް ކުރީވެސް ދިރާގުން،،،،،،،،،
ބުޅި
04 December 2017
ދިރާގަކުން ނޫން. އޮޅުމެއްތީ،
އުމާ
03 December 2017
ވަރަށް ހިތްހެޔޮ މީހެއްމީ. އަމީރު އަހްމަދު ސުކޫލް ކައިރިންދިމާވި.
ަެއެހެނަސް
03 December 2017
ވަރަށްވެސް ރަގަޅު، މީނާ އަކީ ހުރިހާ އިންސްޓްރަކްޓަރުން އުފެއްދި މީހާ.
ޢިފާ
03 December 2017
ޒިނާން ގެ ކާމިޔާބީ އަށް މަރުހަބާ
ދޮން އާމިރު
03 December 2017
ޒިހާން ބޮޑީއަށް އެހާ ޗޭންޖްނައަންނަނީ ކީއްވެ.
ސީރިއަސް
03 December 2017
ޒިނާންއަކީ ކަސްރަތުގެ އާކަންކަން ތައާރަފް ކުރާ މީހެއް. ޢަދި އެކަންކަމަކީ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ކަންކަން. ޢެކަމުގެ ހެއްކެއް ޒިނާނު ތައާރަފް ކުރާ ކަންކަން ޓްރެންޑްއަށްވެ އެހެން މީހުން އެކަންކަން ކޮޕީކުރުން.
ހަބީ
03 December 2017
އަސްލަކީ ޒިނާންވެސް ބޭނުންވަނީ ބްރޭންޑެއް ހަދަން
ަިއަހަރެން
03 December 2017
ޓީ.އެފް.ޖީ އެކިޔަނީ ބްރޭންޑައް. މޮޔަވެދާނެ!!