ނިއު ރޭޑިއަންޓް ކޯޗު އޮސްކާ ބްރުޒޮން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
06 ޑިސެމްބަރ 2017 - 09:02
މި ސީޒަނުގެ މިހާތަނަށް ނިއު ރޭޑިއަންޓްގެ އެންމެ ބޮޑު ވާދަވެރިއެއްގެ ގޮތުގައި ފެނިފައި ވަނީ ޓީސީ ސްޕޯޓްސް ކްލަބް ކަމަށާއި އެ ޓީމާ ދެކޮޅަށް އެފްއޭ ކަޕް ފައިނަލުގައ މިރޭ ކުޅޭ މެޗަކީ ވަރަށް ހާއްސަ ފައިނަލަކަށް ވެގެންދާނެ ކަމަށް ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.
ނިއު އިން ވަނީ މި ސީޒަނުގެ މިހާތަނަށް ޓީސީއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. އޮސްކާ ނިއުއާ ހަވާލުވި ފަހުން ޓީސީއާ ދެކޮޅަށް ކުޅުނީ ދެ މެޗެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުން ނިއު ވަނީ ޓީސީ 3-2 އިން ބަލިކޮށްފަ އެވެ. އޮސްކާ ބުނީ އެ މެޗަށް ވުރެން މި މެޗު ހުރިހާ ގޮތަކުން ވެސް އުނދަގޫވާނެ ކަމަށެވެ.
"ވަރަށް ވަރަށް އުނދަގޫވާނެ މި މެޗު. ޓީސީ އަކީ މި ސީޒަނުގައި އަހަރެމެންގެ ވާދަވެރިން. ހުރިހާ މުބާރާތެއްގައި ވެސް އެކަން ފެނިއްޖެ. ނަސީބު ވެސް އެހީވުމާ އެކު އަހަރެމެންނަށް ދިވެހި ޕްރިމިއާ ލީގު ލިބިއްޖެ. އަހަންނަށް ޔަގީން ފައިނަލުގައި ޓީސީ ވަަރަށް ރަނގަޅު ފައިޓެއް ދޭނެކަން،" އޮސްކާ ބުންޏެވެ.
އޭނާ ބުނީ ޓީސީގެ އެޓޭކް ވަރުގަދަ ކަމަށާއި އެހެން ނަމަވެސް އެ ޓީމުގައި ވެސް ބަލިފައިތަކެއް އެބަހުރި ކަަމަށެވެ.
"ޓީސީގެ އެބައޮތް އެޓޭކަށް ބަލާއިރު ވަރަށް ވަރުގަދަ ޓީމެއް. އެޓީމުގެ އެޓޭކިން ސްޓްރެންތު ވަރަށް ވަރުގަދަ. އެހެން ނަމަވެސް ކޮންމެވެސް ވަރެއްގެ ބަލިކަށިކަމެއް އެބަހުރި އެ ޓީމުގެ ޑިފެންސުގައި،" އޮސްކާ ބުންޏެވ
އޮސްކާ ވަނީ ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ރޭވުންތެރިކަން ރަނގަޅުކަން މީގެ ކުރިން ވެސް ފާހަގަކޮށްފަ އެވެ. ޓީސީން ކުރިއަށް ޕްރެސްކޮށްގެން ކުޅޭ އެޓޭކިން ފުޓްބޯޅަ ހުއްޓުވަން އުނދަގޫތަކެއް ދިމާވާ ކަމަށް ބުންޏެވެ.
"އަހަރެމެން ވަރަށް ވިސްނައިގެން ކުޅެން ޖެހޭ މެޗެއް މިއީ. އެމީހުންނަށް ގޯލު ޖަހާނެ ފުރުސަތެއްދީގެން ނުވާނެ. އަހަރެމެން އަތުގައި ކޮންޓްރޯލް އޮންނަ ވަގުތު ފަރުވާ ކުޑަކޮށްލައިގެން ލަނޑެއް ލިބިދާނެ ކަހަލަ މެޗެއް މިއީ،" އޮސްކާ ބުންޏެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި ޓީސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިދިޔަ އަހަރުގެ ރަނަރަޕްގެ ހައިސިއްޔަތުން މި ފަހަރުގެ އެފްއޭ ކަޕް ގުރުނެގިއިރު ޓީސީ އަށް ވަނީ ސެމީ ފައިނަލުގެ ސީދާ ޖާގައެއް ދީފަ އެވެ. އެއީ މުބާރާތުގައި ޓީމުތަކުން ބައިވެރިވި އަދަދު މަދުވުމުންނާއި އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ ނުކުޅޭތީ އެވެ.
އޮސްކާ ބުނީ ޓީސީ ފައިނަލަށް ދިޔައީ ނިއު އަށް ވުރެން މަދުން އެއް މެޗު ކުޅެގެން ކަމަށް ވިޔަސް އެ ޓީމަށް އޭގެއިން ނެގޭނެ މާ ބޮޑު އެޑްވާންޓޭޖެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.
"ޓީސީ ކުޅުނީ އަހަރެމެންނަށް ވުރެން މަދު މެޗެއް މި މުބާރާތުގައި. ރިކަވަރީ އަށް ރަނގަޅު ވަގުތެއް މިއީ. އެކަމަކު އަހަރެމެން މިއޮތީ ރަނގަޅު ފޯމެއްގައި. ރަނގަޅު ވިނިން ސްޓްރީކެއްގައި. ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދެވިއްޖެ އެއީ ވެސް ޕޮޒިޓިވް ކަމެއް،" އޮސްކާ ބުންޏެވެ.
އެފްއޭ ކަޕް ފައިނަލުގައި މިރޭ ނިއު ވާދަކުރާއިރު އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު 14 މެޗުން މޮޅުވެފަ އެވެ. މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ސެމީ ފައިނަލުން ނިއު ކެޓީ ޓީސީ އަތުންނެވެ. އެ ފަހަރު ނިއު އަށް ލިބުނީ މުބާރާތުގެ ތިން ވަނަ އެވެ. މިއީ އެފްއޭ ކަޕް 11 ފަހަރު ހޯދި ނިއު 2014 ވަނަ އަހަރަށް ފަހު މި މުބާރާތުގެ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ.
މިރޭގެ ފައިނަލް މެޗު ފަށާނީ 9 ޖަހާއިރު އެވެ. މިއަދު ހަވީރު 4 ޖަހާއިރު ކުޅޭނީ މުބާރާތުގެ ތިން ވަނަ ހޮވާ މެޗެވެ. ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި މާޒިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޯއްވަޅި
06 December 2017
މީ ކޮންރަށެއްގަ ބާއްވައިގެންއުޅޭ މުބާރާތެއްތަ.
ޒަހީންް
06 December 2017
ނިއުގެ ސަފޯޓަރުން އޮތްކަން މިރޭ އިދިކޮޅު ޓީމްތަކަށް ދައްކާލާނަށް.
ކުދު ރޭޑިއޯ
06 December 2017
ވޯޓްލާން ދާގޮތަށް ކުލީކާރުން ބަލާދިޔަސް މިހާރު ސަތޭކަވެސް ހަމަނުވާނެ. 80 ގެ އަހަރުތަކުގެ ފޮޓޯއެއް ގެންނަން ޖެހޭނީ.
ހޯރަ
08 December 2017
ރަނގަޅު ވާހަކައެއް މިއީ 08ގެ އަހަރުތަކެއްނޫން މިއަދު 2017 އާހަމައަށް އާއިރު ފޭސްބުކް އޮފިޝިއަލް ޕޭޖްއާ ސަޕޯޓަރުންގެ އަމިއްލަ ފޭން ގުރޫޕްތަކުގަ ތިިބި މެމްބަރުންގެ އަދަދު ބަލާލީމަ 100 ހަމަނުވާކަން އެބަ އެނގޭ، ފޭސްބުކް އޮފިޝިއަލް ޕޭޖްގަ 58000 މީހުން ލައިކްސް، ފޭނން އަމިއްލައަށް ހިންގާ ފޭން ގްރޫޕެއްގަ 16000އަށްވުރެ ގިނަ މެމްބަރުން އެބަތިބި
ފްރޭ
06 December 2017
މިރޭ ޓީސީ ކޮޅަށް ޖަހާނެ 7 ގޯލް. ނިޒާމްބެ 4 ތަނުން ކެކޭ ފްރެސަރ އުދުނަކަށް ހަދާލާނަށް
އޮކާޗާ
06 December 2017
ތީ ހީވާގޮތް! ހުދުގަމީހަކާ މަޖީދީމަގުގެ ފިހާރަތަކުން ވިއްކާ އެންމެ ޒަމާނީ ފަޓްލޫނު ލަފައި ރީތިކޮށް ޑްރެސްކޮށްފައި ހުންނަ ނިޒާމްބެ ހިތަށް ނާރާނެ ކަހެރިވަކެކޭވެސް. އޮންނާނީ ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ހޯދާފަ. ދެން ލަލަލާ.
ޖަމަލޭ
06 December 2017
ނިއުއަކީ ވަރަށް ފަސޭހައިން ޕްރެޝަރަށް ދާ ޓީމެއް. ފުރަތަމަ ހާފުގެ 30 މިނެޓްތެރޭ އެމީހުންނަށް ލަނޑެއް ނުޖެހިއްޖެއްޔާ ޓީސީއަށް އެއޮތީ ރަނުގެ ފުރުސަތެއް ލިބޭ ފުރުސަތެއް ބޭނުންކޮށް ލަނޑުޖަހަން. އަސްލު ދަނގަޑޭ ހުރީ ނިއުރޭޑިއަންޓްގައި ކަމަށް ވިޔަސް ޓީސީގެ ދާދުއަކީ މިހާރުގެ ދަނގަޑޭ. ވަރަށް އިތުބާރާއެކު ލަނޑު ޖަހާ ކުޅުންތެރިއެއް. އޭނައަށް ފުރުސަތު ފަހިކޮށްދޭންވީ. އޭރުން ތީ ޓީސިގެ ތައްޓެއް.
ދަގޭ
06 December 2017
ތިބުނާ ދާދު އެންމެ ފަހުން ލަނޑެއް ޖެހި މެޗެއް ބުނެބަަލަ
ނިޒާމްބެ
06 December 2017
ދާދު އެންމެ ފަހުން ލަނޑެއް ޖެހީ އެންމެ ފަހުން ކުޅުނު މެޗުގައި މާޒިޔާ ކޮޅަށް. އެއީ އެފްއޭކަޕްގެ ސެމީ. ދެން އިންޝާﷲ ދާދު ލަނޑު ޖަހާނީ ނިއުކޮޅަށް. ދާދުއާ ދިމާކުރަން ނިއުގެ ސަޕޯޓަރުން ލަދު ގަންނަން ޖެހޭނެ، ކޮންޓްރެކްޓް ހަމަ ނުވަނީސް މިހާރުވެސް ލާރި ހިފައިގެން ނިއުގެ މީހުން އެބަދުވޭ ދާދު ފަހަތުން
ހޯރަ
07 December 2017
ދިވެހިރާއްޖޭގަ މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަދި ދިވެހިންގެ ފަޚުރު ކަމުގައިވާ ޢަލީ އަޝްފާޤް (ދަގަނޑޭ) އާ ދިމާކުރަން ޓީސީ އާއި އެނޫން އެހެން ޓީމުތަކުގެ ސަޕޯޓަރުން މާބޮޑަށް ލަދު ގަންނަން ޖެހޭނެ. ކޮންޓްރެކްޓް ހަމަނުވިޔަސް ކުޅުންތެރިންނާ ނެގޯޝިއޭޓް ނުކުރެވޭނެކަމަށް އެއްވެސް ޤާނޫނެއް އަދި ޤަވާއިދެއްވެސް ނޯންނާނެ. އެހެންވީމާ މިހާރުވެސް ދާދު ހޯދަން މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތް.
ަޤާރީބެ
06 December 2017
ދިވެހި ފުޓްބޯޅައިގާ މިވަގުތު އެންމެ ރީތި ކުޅުމެއްކުޅޭ 2 ޓީމު.
މާމަ
06 December 2017
ތިވެސް ކޮމެންޓެއް؟