ސެރީނާ ވިމްބެލްޑަން ޝީލްޑާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
10 ޖުލައި 2016 - 09:33
ލަންޑަން (ޖުލައި 9) - ހަތް ވަނަ ފަހަރަށް ވިމްބެލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށް ދުނިޔޭގެ އެއް ވަނަ އަންހެން ޓެނިސް ކުޅުންތެރިއާ ސެެރީނާ ވިލިއަމްސް، ކުރީގެ ކުޅުންތެރިޔާ ސްޓެފީ ގްރާފް 22 ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްގެން ހަދާފައިވާ ރެކޯޑާ ހަމަކޮށްފި އެވެ.
ވިމްބެލްޑަންގެ އަންހެން ބައި އުމުރުން 34 އަހަރުގެ ސެރީނާ ކާމިޔާބުކުރީ އިއްޔެ ކުޅުނު ފައިނަލު މެޗުގައި ޖަރުމަނުގެ އެންޖަލިކް ކާބާ ބަލިކުރުމަށް ފަހު އެވެ. ސެރީނާ ސެޓުތައް ގެންދިޔައީ 7-5 6-3 އިންނެވެ.
ކާބާ ވަނީ މިއަހަރު ޖެނުއަރީ މަހު އޮތް އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ސެރީނާ ބަލިކޮށްފަ އެވެ. ސެރީނާ އެންމެ ފުރަތަމަ ފަހަރަށް ވިމްބެލްޑަން ޝީލްޑް އުފުލާލީ މީގެ 14 އަހަރު ކުރިންނެވެ. އޭނާ މި ފަހަރުގެ މުބާރާތް ކާމިޔާބުކުރިއިރު، ކުޅުނު ހުރިހާ މެޗަކުން ގެއްލުނީ އެންމެ ސެޓެކެވެ.
ސެރީނާ ބުނީ މިއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށާއި ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ.
"މިއީ ވަރަށް ބުރަ މަސައްކަތުގެ ނަތީޖާ. އެކާވީސް ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރެވުމާ އެކު 22 ވަނަ ގްރޭންޑް ސްލޭމް ހޯދުމަށް މަސައްކަތް ފަށައިފިން. ވިމްބެލްޑަން އަކީ އަހަރެންގެ ކެރިއަރަށް ބެލިޔަސް ވަަރަށް ހާއްސަ މުބާރާތެއް. މި މުބާރާތުގެ ޝީލްޑާ އެކު ރެކޯޑަކާ ހަމަކުރެވުމަކީ ލިބުނު އިތުރު ކާމިޔާބެއް،" ސެރީނާ ބުންޏެވެ.
ކާބާ ބުނީ ސެރީނާގެ ފަރާތުން މި މުބާރާތުގައި ފެނުނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ކަމަށާއި އެހެން ކަމުން އޭނާގެ މައްޗަށް ކުރިހޯދަން ފަސޭހަނުވީ ކަމަށެވެ.
ސެރީނާގެ ކޯޗު ޕެޓްރިކް މޫރަޓޮގްލޫ ބުނީ ސެރީނާ ދެން ޓާގެޓްކުރާނީ އޯޕަން އިރާގެ ކުރިން އޮސްޓްރޭލިއާގެ މާގަރެޓް ކޯޓްގެ ރެކޯޑާ ހަމަކުރުމަށް ކަމަށެވެ. ކޯޓް ވަނީ 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy