ލަނޑު ޖެހުމަށް ފަހު ޑީބަލާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
21 ޑިސެމްބަރ 2017 - 09:21
ޓިއުރިން (ޑިސެމްބަރު 21) - ޔުވެންޓަސް އަށް ކުޅޭ އާޖެންޓީނާގެ ތަރި ޕައޮލޯ ޑީބަލާ އަށް އަމާޒުވެފައިވާ ފާޑުކިޔުން އިންސާފުވެރިއެއް ނޫން ކަމަށް އެ ޓީމުގެ ފޯވާޑް ގޮންޒާލޯ ހިގައިިން ބުނެފި އެވެ.
ފާއިތުވި މެޗުތަކުގައި ޑީބަލާ އަށް ރަނގަޅު ކުޅުމެއް ނުދެއްކޭތީ މީޑިއާ އިން އޭނާ އަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ކުރިމަތި ކުރުވައިފަ އެވެ. އިޓާލިއަން ކަޕުގެ ގަދަ 16 ޓީމުގެ ބުރުގައި ރޭ ޔުވެންޓަސް އިން 2-0 އިން ޖެނޯއާ ބަލިކުރިއިރު، ލަނޑުތައް ޖެހީ ޑީބަލާ އާއި ހިގައިން އެވެ.
"ޑީބަލާ އަށް އަމާޒުކުރެވިފައިވާ ފާޑުކިޔުން އިންސާފުވެރިއެއް ނޫން. އަހަރެން އުފާވޭ އަހަންނަށް ލަނޑު ޖެހުމުން. އަދި ޑީބަލާ އަށް ވެސް ލަނޑު ޖެހުމުން އޭނާ އަށް ޓަކައި ވެސް އުފާކުރަން. ފާއިތުވި ހަފްތާތަކަކީ ޑީބަލާ އަށް ވަރަށް އުނދަގޫ ދުވަސްތަކެއް. ފާޑުކިޔުމަކީ އޮންނަން ޖެހޭ ކަމެއް. އެކަމަކު ކޮންމެ ކަމެއްގައި ވެސް ވަކިވަރެއް އޮންނަން ވާނެ،" ހިގައިން ބުންޏެވެ.
މި ސީޒަނަށް ފަހު ޑީބަލާ ޔުވެންޓަސް ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް ހިގައިން ވަނީ އެކަން ދޮގުކޮށްފަ އެވެ. ޑީބަލާ ހޯދަން މަސައްކަތްކުރާ ކްލަބްތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑް ހިމެނެ އެވެ. އެތުލެޓިކޯ އިން ޑީބަލާ ބޭނުންވަނީ އެންޓޮއިން ގްރީޒްމަންގެ ބަދަލުގަ އެވެ.
ރޭ ޖެނޯއާ އަތުން މޮޅުވުމުން ޔުވެންޓަސް އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ޓޮރިނޯއާ އެވެ. ޓޮރިނޯ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ވަރުގަދަ ރޯމާ ކަޓުވާލުމަށް ފަހު އެވެ. ރޯމާ ދަނޑުގައި ކުޅުނު މި މެޗުން ޓޮރީނޯ މޮޅުވީ 2-1 އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy