ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ނިއުއާ އެއްވަރުވެ ޓީސީ އަށް ފުރުސަތު ގެއްލިއްޖެ

ނިއު އާއީ ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: ނިއުގެ ވެލިޗްކޯ (ވ) ކައިރިން ޓީސީގެ އަލީ ފާސިރު (ސެންޓޭ) ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

11 ޖުލައި 2016 - 01:44

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާ 1-1 އިން އެއްވަރުވެ ލީގުގެ ދެ ވަނަ އަށް އަރަން ލިބުނު ފުރުސަތު ޓީސީ ސްޕޯޓްސް ކްލަބަށް ގެއްލިއްޖެ އެވެ.

މިރޭގެ މެޗާ އެކު ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު މާޒިޔާ އެއް ވަނައިގައި އޮތީ ހަތް މެޗުން 14 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އީގަލްސް 13 ޕޮއިންޓާ އެކު އޮތްއިރު، ތިން ވަނައިގައި ޔުނައިޓެޑް ވިކްޓަރީ އޮތީ 12 ޕޮއިންޓް ހޯދައިގެންނެވެ. ޓީސީ ހަތަރު ވަނައިގައި އޮތީ ފަސް ވަނައިގައި އޮތް ވެލެންސިއާއާ އެއްވަރަށް 11 ޕޮއިންޓް އޮތް ނަމަވެސް ފައިދާ ލަނޑުން އެ ޓީމަށް ކުރި ލިބޭތީ އެވެ.

ހަ ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު ނިއު އެވެ. ހަތް ވަނައިގައި އޮތް ވިކްޓަރީ އަށް ތިން ޕޮއިންޓް ލިބިފައި އޮތްއިރު، އެންމެ ފުލުގައި ބީޖީ ސްޕޯޓްސް އޮތީ ދެ ޕޮއިންޓް ހޯދައިގެންނެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފެށިގެން ނިއު އިން ރަނގަޅަށް ކުޅެ ގާތްގާތުގައި ދެ ފުރުސަތެއް ތަނަވަސްކުރި އެވެ. އެ ޓީމުގެ އިއްޒަތު އަބްދުލް ބާރީ އަށް ލިބުނު ފުރުސަތުތަކުން އޭނާ ފޮނުވާލި ފުރަތަމަ ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. ދެ ވަނަ ބޯޅަ އަމާޒުވީ ޓީސީގެ ކީޕަރު މުހައްމަދު އިމްރާން އަތަށެވެ.

ޓީސީން ކުޅުން ރަނގަޅުކޮށް ނިއު އަށް ނުރައްކާ ކުރަން ފެށި އެވެ. މެޗުގެ 15 ވަނަ މިނިޓްގައި ކައުންޓަ އެޓޭކެއްގައި ޝަމްވީލް ގާސިމް (ބޮންޑާ) އަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ހަމަލާ ނިއުގެ ބިދޭސީ ކީޕަރު އަބޫ ސުލައިމާން މަތަކުރި އެވެ.

ޓީސީން ލީޑުނެގީ މެޗުގެ 17 ވަނަ މިނިޓްގައި އަލީ ނާފިއު (ކަޅޭ) ޖެހި ލަނޑުންނެވެ. ލިބުނު ކޯނަރަކުން ނިއުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނާފިއު ވަނީ ފަސޭހަކަމާ އެކު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

ނިއު އިން އެއްވަރުކުރީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގަ އެވެ. އެޓީމުގެ ލަނޑު ޖެހީ ބިދޭސީ ޑިފެންޑަރު ސެގުން މައިކަލް އެވެ. ކޯނަރަކުން އޭރިއާ ތެރެއިން ބޯޅަ ހޯދުމަށް ފަހު އަބްދުﷲ ހަނީފް (ބެންޖޯ) ނަގައިދިން ހުރަހަކުން މައިކަލް މި ލަނޑު ޖެހީ ބޮލުންނެވެ.

ދެ ވަނަ ހާފް ފެށިގެން ނިއު އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ ލީޑުނަގަން ނިއުގެ އަހުމަދު ނިޔާޒް (ނިޔާ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ 47 ވަނަ މިނިޓްގައި އިއްޒަދު ދިން ބޯޅައަކުން ޓީސީ އޭރިއާ ތެރެއަށް ވަދެ ނިޔާ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

ދެ ވަނަ ހާފްގައި ޓީސީން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅެން މަސައްކަތް ކުރި ނަމަވެސް ލަނޑު ޖަހަން އެ ޓީމަށް މާގިނަ ފުރުސަތުތަކެއް ނުލިބެ އެވެ.

މި ހާފްގައި ނިއުގެ އަހުމަދު ސުހެއިލް (ބަމްޕުޗު) އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ޓީސީ ކީޕަރު އިމްރާން އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ބަމްޕުޗު ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރުންނެވެ.

މެޗުގެ އިތުރު ވަގުތުގައި ދެ ވަނަ ރީނދޫ ކާޑާއެކު ޓީސީގެ ކެޕްޓަން ޔާމިން އިބްރާހިމް (ޔާމްބެ) އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.

ލީގުގެ ފުރަތަމަ ބުރު ނިމުމާ އެކު ޓްރާންސްފާ މާކެޓް ވަނީ ހުޅުވިފަ އެވެ. ލީގުގެ ދެ ވަނަ ބުރުގެ ކުޅުން ފަށަން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

0 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 52%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454