ފުލިދޫ ޑައިވްގެ ވީޑިއޯ އިން ނަގާފައިވާ ސްކްރީންޝޮޓެއްގައި މިއުރާޖު އޭނާ ސަލާމަތްކުރި ވެލަ އާއި މިޔަރުގައި ދެ އަތުން ހިފަހައްޓައިގެން.
13 ޖެނުއަރީ 2018 - 05:40
ރާއްޖޭގައި ވެލާ ކަހަނބު ފަދަ ކަނޑުގެ ދިރުންތައް ސަލާމަތްކުރާ މަންޒަރު ސޯޝަލް މީޑިއާ އިން ދޭތެރެ ދޭތެރެ އިން ފެނުނަސް އާ ކޮންމެ ވީޑިއޯއަކަށް ވެސް އެތައް ބައެއްގެ ސަމާލުކަން ހުއްޓެ އެވެ. އާއްމުކޮށް ޑައިވަރުން ކުރާ އެފަދަ ކަންކަމަށް ދިވެހިންނާއި އަދި ވަކިން ޚާއްސަކޮށް ރާއްޖެ އިން ބޭރުގެ ގިނަ އަދަދެއްގެ މީހުންގެ ތައުރީފް ލިބެ އެވެ.
ފޭސްބުކްގައި އެންމެ ފަހުން ވައިރަލްވެގެން ދިޔަ ވީޑީއޯއާ އެކު ވެސް މީހުންގެ ޝުއޫރުތައް ހުރީ އެ ގޮތަށެވެ. އެކަމަކު، ދަލެއްގައި ޖެހިފައި އޮތް ދެ މިޔަރާއި ވެލައެއް ސަލާމަތްކުރި އަލީ މިއުރާޖު ބުނަނީ، އޭނާއަކީ "ހީރޯ"އެއް ނޫން ކަމަށެވެ.
އަންހެނުންނާ އެކު ވ. ފުލިދޫގައި ޑައިވް ސެންޓަރެއް ހިންގާ ޑައިވަރު ގަބޫލުކުރާ ގޮތުގައި އޭނާ އަދާކުރީ ޒިންމާއެކެވެ.
"ޑައިވަރުންނަކީ މޫދާއި ކަނޑުގެ އެމްބެސެޑަރުން. އެހެންވީމާ މި ދިރުންތަކަށް ހިމާޔަތްދިނުމަކީ ކޮންމެ ޑައިވަރެއްގެ ވެސް ޒިންމާއެއް،" ޑައިވްކުރާތާ 13 އަހަރުވެފައިވާ ޅ. ނައިފަރު ޒުވާނާ ބުނެލި އެވެ.
ވ. އަލިމަތާ ރިސޯޓުގެ އުތުރުގައި، "މިޔަރު ކަނޑު"ގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ކަނޑުއޮޅި އަށް މިދިޔަ އަންގާރަދުވަހު ޓޫރިސްޓުންގެ ބަޔަކު ގެންގޮސް ޑައިވެއް ނިންމާލައި ދޯންޏަށް އެރި ތަނުން، އޮޔާދާ އެއްޗެއްގެ ވަށައިގެން ކޯމަސްތަކެއް ފުމޭ މަންޒަރު މިއުރާޖުމެންގެ ލޮލުގައި އަޅައިގަތެވެ. ކައިރި އަށް ގޮސް ބަލާލި އިރު އެނގުނީ އެއީ މަސް ހިފާ ދަލެއް ކަމެވެ. ވެގެން އުޅެނީ ކިހިނެއްތޯ ބަލައިލަން ކެމެރާ ހިފައިގެން މިއުރާޖު ،29، ފުންމާލި އެވެ.
ވެލައަކާއި ދެ ވައްބޯ މިޔަރު ދަލުގައި ޖެހި ތާށިވެފައި ތިބި ތަން ފެނުމާ އެކު މިއުރާޖު ފުރަތަމަ ހީކުރީ މިޔަރުތައް ތިބީ މަރުވެފައި ކަމަށެވެ. އެހެންވެ، ފްރީ ޑައިވްކޮށްފައި އޭތި ފެނުން މައްޗަށް ނަގަން އޭނާ މަސައްކަތް ފެށީ ވެލާ ސަލާމަތްކުރުމުގެ އަމާޒުގަ އެވެ. އެކަމަކު އޮއި ބާރުކަމުންނާއި ދަލުގައި ޖެހިފައި އޮތް ވާވޮށި ވެލާ (އޮލިވް ރިޑްލީ) ބިރުން ތެޅެން ފެށުމުން އެކަން ކުރެވޭ ގޮތެއް ނުވި އެވެ. މިއުރާޖަށް އަނެއްކާވެސް ފުރުސަތެއް ލިބުނީ ދާގަނޑު ދަމަމުން ވެލާ ނޭވާލާން މައްޗަށް އެރުމުންނެވެ. އަދި ހަމަ އެ ވަގުތު، މިޔަރުތައް މަރު ނުވާކަން ވެސް އެނގުނެވެ.
ކަނޑުއަޑިން މިއުރާޖު ނެގި ވީޑިއޯގައި، ދެ މިޔަރާއި ވެލާ ދަލުގައި ޖެހި ތާށިވެފައި
އެންމެ ފުރަތަމަ މިޔަރުތައް ސަލާމަތްކުރުމަށްޓަކައި މިއުރާޖު ހެދި ގޮތަކީ ވެލާ ދޯންޏަށް ނަގައި އޭއްޗަށް ހަރަކާތް ނުކުރެވޭނެހެން ހިފެހެއްޓީ އެވެ. ގާތްގަނޑަކަށް 1.5 މީޓަރު ހުރި ދެ މިޔަރުގެ ތެރެއިން ފުރަތަމަ އެތި ވަރަށް ފަސޭހަ އިން ދަލާ ވަކިކޮށްލެވުނެވެ. ދެވަނަ މިޔަރު ތާށިވެފައި އޮތް ތަން ވަޅިން ކަނޑާލަން އުޅެނިކޮށް ވެލާ ތެޅިގަތުމާ އެކު އަތުން ދޫވީ އެވެ. އެކަމަކު އަނެއްކާވެސް މަސައްކަތްކޮށް އެ މިޔަރު ވެސް މިނިވަންކުރި އެވެ. އެންމެ ފަހުން ސަލާމަތްކުރީ ވެލަ އެވެ. އެއާއެކު މިއުރާޖާއި ދޯނީގައި ތިބި ޓޫރިސްޓުން އުފާފާޅުކުރާ ތަން ވީޑިއޯ އިން ފެނެ އެވެ.
ވެލަ އާއި މިޔަރުތައް ސަލާމަތްކުރުމަށް ފަހު، މިއުރާޖު، އޯކޭ ސިގްނަލް ދައްކާލަނީ
މިއުރާޖު ބުނިގޮތުގައި އޭނާގެ އަންހެނުން އަޑެލް އެޑިޓްކޮށްފައިވާ ވީޑިއޯ "ފުލިދޫ ޑައިވް އެންޑް ވޯޓަ ސްޕޯޓްސް"ގެ ފޭސްބުކް ޕޭޖަށް ލުމުގެ އެންމެ ބޮޑު ބޭނުމަކީ މީހުން ހޭލުންތެރިކުރުމެވެ. ބޭރު ގައުމުތަކުގެ މަސްވެރިން މަސް ހިފަން ގެންގުޅެނިކޮށް އަތުން ދޫވެގެންދާ މިފަދަ ދާތައް ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު ރާއްޖެ އިން ފެންނަކަން ފާހަގަކޮށް އޭނާ ބުނީ އެފަދަ ދާތަކުގެ ނުރައްކާތެރިކަން މީހުންނަށް އެނގެން ޖެހޭ ކަމަށެވެ.
ޚާއްސަކޮށް ބޭރު މީހުންނަށް މިއުރާޖުމެންގެ އިލްތިމާސަކީ ދާ ޖަހައިގެން ހިފާ މަސް ގަތުމުގެ ބަދަލުގައި ދިވެހި މަސްވެރިން ކޮށް އުޅޭ ދޮށީގެ މަސްވެރިކަން ފަދަ، ތިމާވެއްޓާ ރައްޓެހި ގޮތުގައި ބާނާ ބާވަތްތައް ބޭނުންކޮށް ދެމެހެއްޓެނިވި މަސްވެރިކަމަށް އެހީތެރިވެދިނުމެވެ. ދޯނީގައި އެ ވަގުތު ތިބި ޓޫރިސްޓުންގެ ތެރޭގައި ދެ ޓްރެވަލް ބްލޮގަރަކު ހިމެނުމަކީ އެ މީހުންގެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެ ދެ ލިޔުންތެރިންގެ ފަރާތުން އެ މެސެޖު ބޭރު ދުނިޔެ އަށް ލިބިގެންދާނެ ކަމަށް މިއުރާޖުމެން ދެކެ އެވެ.
"މިފަދަ ދާތަކުގައި ޖެހި ކޮންމެ އަހަރަކު ވެސް އެތަކެއް ހާސް ޖަނަވާރު މަރުވޭ،" މިހާރު ވެސް ބައި ލައްކަ އަށް ވުރެ ގިނަ ވިއުސް ލިބިފައިވާ ވީޑިއޯގައި ބުނެފައިވެ އެވެ.
މިއުރާޖުމެން ގަބޫލުކުރާ ގޮތުގައި އެ މީހުންނަށް އެންމެ ފުރަތަމަ އެ ފެނުނީ ކޯމަސްތައް އަނެއް ތިން ޖަނަވާރު އެ ދަލުން ސަލާމަތްކުރެވޭތޯ މަސައްކަތްކުރަމުން ދިޔަ މަންޒަރެވެ. އަދި އޭނާ ލަފާކުރަނީ ވެލާ ދަލުގައި ޖެހިފައި އޮއްވާ ފެނިގެން އޭތި ކާން އުޅުމުގެ ތެރޭގައި ދެ މިޔަރު ވެސް އޭގައި ޖެހުނީ ކަމަށެވެ.
"ވެލަ އަށް ގެއްލުން ލިބި ވަރަށް ބޮޑަށް ލޭ ވެސް އައިސްފައި ހުރީ. ބޮޑަށް ހީވަނީ މިޔަރު ދަތް އަޅާފައި ހުރީ ހެން،" އޭނާ ކިޔައިދިނެވެ.
ސަލާމަތްކުރުމުގެ ތެރޭގައި މިޔަރުތައް އޭނާ އަށް ވެސް ގެއްލުމެއް ދީފާނެކަން މިއުރާޖަށް އެނގެ އެވެ. އަދި އޮއި ބާރުކަމުން ބޮޑު ގޮންޖެހުމަކަށް ވެސް ވި އެވެ. އެކަމަކު އޭނާގެ ޒިންމާއެއް ކަމަށް ދުށް އެ ކަންތައް ނުކޮށް ދޫކޮށްލާކަށް ބޭނުމެއް ނުވި އެވެ.
"ހަގީގަތުގައި މިޔަރު ދަތް އަޅާފާނެތީ ވަރަށް ބިރު ގަތް. ފުރަތަމަ ވަރަށް ބޮޑަށް އެ ސަރަހައްދު ޗެކްކޮށްފައި އެކަމާ އުޅުނީ ވެސް. އެއީ، އާއްމުކޮށް އެކަހަލަ ހާލަތްތަކުގައި ވަރަށް ބޮޑެތި މިޔަރު ވެސް ކައިރީގައި އުޅޭނެ. އަނެއްކޮޅުން އޮއި ވެސް ވަރަށް ބާރު. ކަނޑުއޮޅި ތެރޭގައި ވައި ހުރި ގޮތުން ފަރުމައްޗަށް ދޯނި ލައްވަނީ،" މިއުރާޖު ބުންޏެވެ.
"އެކަމަކު ވެސް އަހަންނަށް އެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރެވުނު. ވަލެއްގައި ދާ ހަރުކޮށްފައި ހުރި އިރު ދޯނީގެ ކައްޕި ހުރީ ވަލުގައި ހިފަހައްޓައިގެން. އިތުރު މީހެއްގެ އެހީތެރިކަމަށް ބޭނުންވި ނަމަ އެހެން މީހުން ވެސް އެހީތެރިވެދޭނެ. އެކަމަކު އެކަހަލަ ހާލަތެއްގައި މިޔަރުތަކަކާ ކައިރިވާން މީހުން ޖެހިލުން ވެސް ވާނެ."
މިއުރާޖު ގަބޫލުކުރާ ގޮތުގައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ މުހިއްމުކަން އާއްމުންނަށް ވަރަށް ބޮޑަށް ވިސްނެން އެބަ ޖެހެ އެވެ. އެއީ އެ އެއްޗެއްސާއި އިންސާނުންގެ ދެމެދުގައި އޮތީ ދެ ފަރާތަށް ވެސް ފައިދާހުރި ގުޅުމަކަށް ވާތީ އެވެ.
"މިސާލަކަށް މިޔަރު ހުސްވެއްޖެއްޔާ ފިޝް ލައިފް އެއްކޮށް ހަލާކުވެގެން ދިޔައީ. އޭގެ ސަބަބުން މަސްވެރިކަން ވެސް އަދި ޑައިވިން ވެސް ނެތި ޓޫރިޒަމަށް ވެސް އަސަރުކުރާނެ،" މިއުރާޖު ބުންޏެވެ.
"ދިވެހިރާއްޖޭގައި ވަރަށް ގަދަ އަށް ވެލާ ނަގައިފި. ނެގީމާ މި ވީ ގޮތަކީ ވަރަށް ގިނަ ފަޅުތަކުގައި ފެހި ޖަހައި މޫދުވިނަ ކޮންޓްރޯލް ނުކުރެވޭ ވަރަށް ފެތުރިގެން ދިޔައީ. މި އޮތްހާ ދުވަހު ވެލާ އެ އެއްޗެހި ކައިގެން ފެތުރުނަ ނުދީ މި ބެލެހެއްޓީ. މިހާރު ރިސޯޓުތަކުން ވެސް މި ޖެހެނީ އެތަކެއް ހާސް ޑޮލަރު ދީގެން ހައި މާކުތައް ބޭނުންކޮށްގެން އެ އެއްޗެހި ނަގަން."
މިއުރާޖު ގަބޫލުކުރާ ގޮތުގައި މޫދާއި ކަނޑުގައި އުޅޭ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބުނަ ނުދޭން ޑައިވަރުން އަބަދުވެސް ބޭނުން ވަނީ މި ކަންކަން ވިސްނޭތީ އެވެ. އޭނާ ފަދަ މީހުންނަށް އެންމެ މުހިއްމު ކަމަކީ ކަނޑުއަޑީގެ ދިރުންތަކުގެ މިނިވަންކަމެވެ. އެ މިނިވަންކަން ނެތި ނުރައްކަލެއްގައި އުޅޭ ތަން ފެންނަ ކޮންމެ އެއްޗެއް ވެސް ސަލާމަތްކޮށްދޭނީ ޖެހިލުމެއް ފިކުރެއް ނެތި އެވެ.
"އެއްޗެއް މި ގޮތަށް ދަލެއްގައި ޖެހިފައި އޮންނަ ތަން ފެނުނީމާ ކުރެވެނީ އަމިއްލަ ދަރިއަކު އެ ގޮތަށް ޓްރެޕްވެފައި އޮތް ކަމުގެ އިހުސާސް،" މިއުރާޖު ބުނެލި އެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ހޭލި އިރު ވެސް މިއުރާޖުގެ ސިކުނޑި އަށް އެންމެ ފުރަތަމަ އައީ މިޔަރުތައް ދަލުގައި ޖެހިފައި ތިބި ގޮތެވެ. އޭނާގެ އުއްމީދަކީ އެފަދަ މަންޒަރެއް ދެން ދުވަހަކު ވެސް ނުފެނުމެވެ.
މިއުރާޖު ދެ މިޔަރާއި ވެލާ ސަލާމަތްކުރި ގޮތުގެ ވީޑިއޯ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހތެދު
14 January 2018
ރާއްޖޭގެ ވަރަށް ގިނަރަށްރަށުގައި ވެލާ ހިފައިގެން ކައި އުޅޭ އަދިވެސް އެކަމެއް ނުހުއްޓުވޭ. ޚާއްޞަކޮށް އދ އަތޮޅުގެ ރަށްތަކުގެ މީހުން ވަރަށް ގިނައިން ވެލާ ހިފާ. މިކަމަށް ޤާނޫނާއި، ޤަވާޢިދު ތަންނުދޭއިރު މިކަން ބަލާނެ ބަޔަކުވެސް ނެތް. މިއުރާޖު ތިކުރިކަމަކީ ބޭކާރު ކަމެއް އެމީހުންނަށް ތިވެލާ ފެންނައިރަށް ހިފައިގެން ކާލާނެ.
މެދުމިން
14 January 2018
ދީނުގެ މަދު އެއްޗެއް ފިޔަވާ ހުރިހާ އެއްޗެއް ކެއުން ހުއްދައޭ ކިޔާފަ މިހާރު މުސްލިމުން ކޮންމެ ދުވަހަކު މަސް(އެއްގަމާ ކަނޑުގެ) ތިން ހަތަރު ފަހަރު ކެއީމަ ހިތަށާ އުޅުމަށް އަންނާނެ ބަދަލު ފަހުމް ވޭބާ؟. ދީނުގެ އަންގަވާފައިވާ ގޮތަށް އުޅެވޭނީ ވެސް ހިތާ ހަށިގަނޑު "ވަރަށް" ރަގަޅަށް ހުރެގެން.
ބޮލައްތުރާ
14 January 2018
ސާބަހޭ މިއުރާޖު. އަަސްލު ހީރޯއިންނަކީ މޫދަށް ކުނިނާޅާ މީހުން..
ޔާމިނު
13 January 2018
ވަރައގިނަ އަދަދަކައް ތެޔޮލީކުވެފަ މިހާރުވެސް އެއޮތީ
ނިޔާސާ
13 January 2018
މޮޔަ ނުގޮވަނަލަ. ކިތެއްމެ ވަރަކައް ހިފިޔަސް މަރު ވިއަސް ހުހެއްނުވާނެ ފަދައިން ﷲ ސވއ އެ އެއްޗެހި އިންސާނުން ނައް މިދުނިޔޭގައި ލެއްވެވީ.
އަލްޖިބްރާ
13 January 2018
"ޑައިވަރުންނަކީ މޫދާއި ކަނޑުގެ އެމްބެސެޑަރުން. އެހެންވީމާ މި ދިރުންތަކަށް ހިމާޔަތްދިނުމަކީ ކޮންމެ ޑައިވަރެއްގެ ވެސް ޒިންމާއެއް،" ޑައިވްކުރާތާ 13 އަހަރުވެފައިވާ ޅ. ނައިފަރު ޒުވާނާ ބުނެލި އެވެ. މިޤައުމުގެ ވެރިންވެސް މިގޮތަށް ވިސްނުން ގެންގުޅޭނަމަ ނަތީޖާ ވަރަށް ރަގަޅުވާނެ !
އާބިދާ
13 January 2018
ސަލާމަތްކޮށްދިނަސް ހީކުރާނީ ސަލާމަތްވެވުނީކަމަށް.
1234
13 January 2018
މިވީޑިޔޯ ނެޝަނަލް ޖިއޮގްރަފީއަށް ފޮނުވާލަބަލަ ކޮންމެން ކުއްޖަކު.
ާައަގީދާ
13 January 2018
ފޯކަސް ކުރަނީ މީހާއަަށް. މެސެޖް ގެއްލޭ.
ހިނިގަނޑު
13 January 2018
ތި މަސައްކަތް ރަގަޅު. ތިކަަހަލަ ރެސްކިއު އަކީ ޒަމާނުއްސުރެ ރާއްޖޭގަ ކުރާކަމެއް. މަސްވެރިޔަކާ ސުވާލު ކޮއްލިއްޔާ ތީގެ އެތައް ވާހަކައެއް އަޑުއިވޭނެ. ވީޑިއޯކުރަން ހަދާންވެސް ނުހުންނަނީ...
ހަސަން112
13 January 2018
މިއުރާޖު ގަބޫލުކުރާ ގޮތުގައި މޫދާއި ކަނޑުގައި އުޅޭ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބުނަ ނުދޭން ޑައިވަރުން އަބަދުވެސް ބޭނުން ވަނީ """ ކީއްވްތަ ބިމުގައި ލެއްވި ނިކަމެތި އިންސާނުންނަށް އެހީވާން ގިނަ މީހުން އިސްނުނަގަނީ!!!
ބޮލައްތުރާ
14 January 2018
ގައުމުގަ ނޫންވީމަ އަޅާ ނުލާށޯ.