17 ޖެނުއަރީ 2018 - 10:02
ލަންޑަން (ޖެނުއަރީ 17) - ކޯޗު އެންޓޯނިއޯ ކޮންޓޭގެ އެދުމުން ވެސްޓް ހޭމް ޔުނައިޓެޑުގެ އިނގިރޭސި ފޯވާޑް އެންޑީ ކެރޯލް އަށް ބިޑްކުރަން ޗެލްސީން ނިންމައިފި އެވެ.
އެންމެ ފަހުން ޗެލްސީ ކުޅުނު ތިން މެޗުން އެ ޓީމު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އެއާ އެކު ޗެލްސީގެ ކުރިއަށްކުޅޭ ސްޕެއިނުގެ އަލްވާރޯ މޮރާޓާ އާއި ބެލްޖިއަމްގެ މިޝީ ބަޓްޝުއާޔީ އަށް ވަނީ ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.
ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ޗެލްސީން ވަނީ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ގެންނާނެ ކުޅުންތެރިންނާ ގުޅޭގޮތުން ކޮންޓޭއާ މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުމުގައި ކޮންޓޭ އެދުނީ ހަ މަސް ދުވަހުގެ ލޯނަކަށް ކެރޯލް ގެންނާށެވެ. އެހެން ނަމަވެސް އެ ގޮތަށް ބޯޑުން އެއްބަހެއްނުވުމުން ކޮންޓޭ އެދުނީ ކެރޯލް ގަންނާށެވެ.
ވެސްޓް ހޭމް އިން އުމުރުން 29 އަހަރުގެ ކެރޯލް ވިއްކަން ކިޔާ އަގަކީ 20 މިލިއަން ޕައުންޑެވެ. އެހެން ނަމަވެސް ޗެލްސީ ކެރޯލް އަށް ހުށަހަޅާނެ ކަމަށް ރިޕޯޓްތައް ބުނަނީ 15 މިލިއަން ޕައުންޑާ ގާތްކުރާ އަދަދެކެވެ.
ޗެލްސީން ކެރޯލް ގެންނަން ބޭނުންވަނީ ބަޓްޝުއާޔީ އެ ޓީމު ދޫކޮށްލަން ބޭނުންވާތީ އެވެ. ޖޫން މަހު ފަށާ ވޯލްޑް ކަޕަށްދާ ބެލްޖިއަމް ޓީމުން ޖާގަހޯދުމަށް ކުޅުމުގެ ފުރުސަތު ގިނައިން ހޯދުމުގެ ގޮތުން ބަޓްޝުއާޔީ ވަނީ ސެވިއްޔާ އަށް ބަދަލުވުމަށް އެ ކްލަބާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ސެވިއްޔާ އިން ބޭނުންވަނީ ބަޓްޝުއާޔީ ހަ މަސް ދުވަހުގެ ލޯނަކަށް ގެނައުމަށް ފަހު އޭނާ ކުޅުން ކަމުގޮސްފިނަމަ ގަނެވޭ ގޮތަށް ޗެލްސީއާ އެކު އެއްބަަސްވުމެއް ހަދާށެވެ.
ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބަޓްޝުއާޔީ ގެންނަން ސެވިއްޔާ އިން ކުރާ މަސައްކަތްތަކުގައި ކުރިއެރުމެއް ނުލިބިއްޖެނަމަ އެ ޓީމުން ކެރޯލް އަށް ހުށަހެޅުމުގެ ފުރުސަތު ވެސް އެބައޮތެވެ. ވެސްޓް ހޭމްގެ ކޯޗު ކަމާ ޑޭވިޑް މޮއިސް ހަވާލުވި ފަހުން ކެރޯލް އަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބެނީ މަދު ފަހަރަކު އެވެ.
ނިއުކާސަލް ޔުނައިޓެޑުން ވިދާލި ކެރޯލަށް ގިނަ ބަޔެއްގެ ލޯ އަމާޒުވީ 2011 ވަނަ އަހަރު ލިވަޕޫލުން 35 މިލިއަން ޕައުންޑަށް އޭރު އެ ކްލަބުގެ ރެކޯޑް އަގަކަށް އޭނާ ގަތުމުންނެވެ. އެހެން ނަމަވެސް ލިވަޕޫލްގައި ކެރޯލް އަށް އޭނާގެ މޮޅު ކުޅުން ނުދެއްކުނެވެ. ނަތީޖާ އަކަށްވީ 2012 ވަނަ އަހަރު ކެރޯލް ވެސްޓް ހޭމް އަށް ބަދަލުވުމެވެ. ވެސްޓް ހޭމްގައި ކެރޯލްގެ ކުޅުން ކޮންމެވެސް ވަރަކަށް ފެނުނު ނަމަވެސް އަނިޔާގެ ސަބަބުން އޭނާ އަށް ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy