ޖޯޑަންގެ ރަސްގެފާން އަބްދުﷲ، އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސްއާ އައްމާނުގައި ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
22 ޖެނުއަރީ 2018 - 10:55
އައްމާން (ޖެނުއަރީ 22) - ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަތުމުން ހުރި ކަންބޮޑުވުންތައް އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް އަށް ޖޯޑަންގެ ރަސްގެފާން އަބްދުﷲ ހިއްސާ ކުރައްވައިފި އެވެ.
ޓްރަމްޕުގެ ނިންމެވުމާ ގުޅިގެން އަރަބި ދުނިޔޭގެ ރުޅިވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ޕެންސްގެ މެދުއިރުމަތީ ދަތުރު ވެސް ވަނީ ފަސްކުރަން ޖެހިފަ އެވެ. މީގެ ކުރިން ހަމަޖެހިފައިވާ ބައެއް ބައްދަލުވުންތައް ވެސް ވަނީ ކެންސަލް ކުރަން ޖެހިފަ އެވެ.
ޕެންސްއާ ބައްދަލު ކުރެއްވުމަށް ފަހު އަބްދުﷲ ވިދާޅުވީ ގުދުސް އަކީ ހުރިހާ މުސްލިމުންގެ ތަނެއް ކަމަށާއި އެއީ މެދުއިރުމަތީގެ ސުލްހަ އަށް ވެސް މުހިންމު ތަނެއް ކަމަށެވެ.
އިޒްރޭލުން ހުޅަނގު އައްސޭރި ހިފީ 1967 ވަނަ އަހަރު އެވެ. އޭގެ ފަހުން ވަނީ އިރުމަތީ ގުދުސް އިޒްރޭލުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ.
މިސްރަށާއި ޖޯޑަން އަށް ވަޑައިގަތުމަށް ފަހު ޕެންސް އިއްޔެ ވަނީ އިޒްރޭލަށް ވަޑައިގެންފަ އެވެ. ޖޯޑަން އާއި މިސްރަކީ އިޒްރޭލާ އެކު ސުލްހައިގެ މުއާހަދާ ގާއިމްކޮށްފައިވާ ހަމައެކަނި އަރަބި ދެ ގައުމެވެ.
ޕެންސް ވިދާޅުވީ ގުދުސްއާ ބެހޭ ގޮތުން ޓްރަމްޕް ނިންމަވާފައި ވަނީ ތާރީޚީ ނިންމެވުމެއް ކަމަށާއި އެކަމަކު ފަލަސްތީނުގެ މުގައްދަސް ތަންތަނުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ޖޯޑަންގެ އިހްސާސްތަކަށް އިހްތިރާމް ކުރާ ކަމަށެވެ. އަބްދުﷲ ވިދާޅުވީ މެދުއިރުމަތީގެ މައްސަލަ އަށް ހައްލު ހޯދުމަށް އެމެރިކާ އިން މަސައްކަތް ކުރާތީ ހިތްވަރު ލިބޭ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮކްތެރެޕީ
22 January 2018
ދެޔަހޫދީން ކަނޭގެ.
މަފާޒު
22 January 2018
"އަބްދުﷲ ވިދާޅުވީ މެދުއިރުމަތީގެ މައްސަލަ އަށް ހައްލު ހޯދުމަށް އެމެރިކާ އިން މަސައްކަތް ކުރާތީ ހިތްވަރު ލިބޭ ކަމަށެވެ." މި ޖުމްލަ ކިޔާލުމުން އުއްމަތުގެ އަދުގެ ޙާލަތު ތަސައްވަރު ކުރެވޭ!!