ކުޅިވަރު / ކޮކާކޯލާ ޓީއެފްޖީ ލޯންގް ރަން

"ރަން އިން ލާމު": ރޭހުގެ އެކްސްޕޯ މުކުރިމަގުގައި ފަށައިފި

26 ޖެނުއަރީ 2018 - 10:09

ޓީއެފްޖީ އިން ލ. އަތޮޅުގައި މާދަމާ ބާއްވާ "ކޮކޯކޯލާ ރަން އިން ލާމު" ގެ އެކްސްޕޯ ފަށައިފި އެވެ.

މި އެކްސްޕޯ ކުރިއަށްދަނީ މުކުރިމަގު ޕްރީ ސްކޫލް ކުރިން ހިންގި އިމާރާތުގައި ހެނދުނު 9 އިން 11 އަށް އަދި މެންދުރުފަހު 3 އިން ރޭގަނޑު 9 އާ ހަމަޔަށެވެ. އެކްސްޕޯގައި ދުވުންތެރިންނަށް ކިޓް ދޫކުރާނެ އެވެ. ކިޓުގައި ރޭސް ޓީޝާޓާއި ބިބް އޮންނާނެ އެވެ. ކޮންމެ ދުވުންތެރިޔަކަށް ދޭ ބިބުގައި ޓައިމިން ޗިޕެއް ހަރުކޮށްފައި ހުންނައިރު، ދުވުންތެރިޔާގެ ޓައިމިން ވަގުތުން ރެކޯޑް ކުރެވި ބެލޭނެ އެވެ.

އެކްސްޕޯ އަކީ ކޮންމެ ދުވުމުގެ އިވެންޓެއްގެ ކުރިން ވެސް އޮންނަ މުހިއްމު ހަރަކާތެކެވެ. މިއީ ރޭހުގެ ކުރިން ދުވުންތެރިން އެއް ތަނަކުން ބައްދަލުވުވެލައި ރޭހާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދަން ހުޅުވާލާ ފުރުސަތެކެވެ.

އެކްސްޕޯ ކުރިއަށްދާ މުކުރިމަގު ބަނދަރު ސަރަހައްދަކީ ރޭސް ވިލެޖުގެ ގޮތުގައި ޓީއެފްޖީން ކަނޑައަޅާފައިވާ ސަރަހައްދެވެ. އެގޮތުން ރޭހުގެ ސްޓާޓިން ޕޮއިންޓް ވެސް ގާއިމްކޮށްފައިވަނީ އެ ސަރަހައްދުގަ އެވެ.

އެކްސްޕޯގެ އިތުރުން މިއަދު ދެން ކުރިއަށްދާނެ އެންމެ މުހިއްމު އިވެންޓަކީ މިއަދު ހަވީރު އޮންނަ ކުޑަކުދިންގެ ދުވުމެވެ. މިއީ ރޭހާ ގުޅުވައިގެން ކުޑަކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ދުވުމުން ޕްރޮމޯޓްކުރަމަށާއި އެ ކުދިންނަށް އުފާވެރި ހަރަކާތެއް ބޭއްވުމަށް ޓީއެފްޖީން ރާވާ އިވެންޓެކެވެ. މި ދުވުން ވެސް ފަށާނީ މިއަދު ހަވީރު މުކުރިމަގު ބަނދަރު ސަރަހައްދުންނެވެ.

މި ރޭހުގައި މާލޭން 200 އެއްހާ ދުވުންތެރިން ބައިވެރިވެ އެވެ. ގިނަ ދުވުންތެރިން ވަނީ އިއްޔެ ލ. އަތޮޅަށް ގޮސްފަ އެވެ. ލ. އަތޮޅުން ވެސް ސަތޭކައެއްހާ ދުވުންތެރިން ބައިވެރިވާނެ އެވެ. ރޭހުގެ ބައިވެރިންގެ ތެރޭގައި ގިނައީ ދުޅަހެޔޮ ސިއްހަތެއް ހޯދުމަށް، ރިކްރިއޭޝަނަލް ކަމެއްގެ ގޮތުގައި ދުވާ މީހުންނެވެ. އެކަމަކު މަތީ ފަންތީގެ ބައެއް ދުވުންތެރިން ވެސް ރޭހުން ފެންނާނެ އެވެ. ޓީއެފްޖީން މި ރޭސް ޕްރޮމޯޓްކުރަނީ ވެސް މަޖާ މާހައުލެއްގައި ދުވުމުން ހިތްހަމަޖެހުން ހޯދާލަން ބާއްވާ އިވެންޓެއްގެ ގޮތުގަ އެވެ.

އިވެންޓުގައި ހިމެނެނީ ހަތަރު ރޭހެކެވެ. އެއީ ފަސް ކިލޯމީޓަރުގެ ރޭހާއި 10 ކިލޯމީޓަރުގެ ރޭހާއި ހާފް މެރެތަން (21 ކިލޯމީޓަރު) އަދި މެރެތަން (42 ކިލޯމީޓަރު) ރޭހެވެ.

މެންދަމު 3 ޖަހާއިރު 42 ކިލޯމީޓަރުގެ މެރެތަން ރޭސް، މުކުރިމަގު ބަނދަރު ކައިރިން ފަށައިގެން ފުރަތަމަ ދުވަން ޖެހޭނީ އުތުރަށެވެ. އަދި އުތުރުން ފަސް ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރުމަށް ފަހު އަނބުރާލައިގެން ދެކުނު ގޮސް މާންދޫ، ކައްދޫ އަދި ފޮނަދޫ ހުރަސްކޮށް މާންދޫ ކޮޅާ ދިމާލުން އުތުރަށް މިސްރާބު ޖަހާނެ އެވެ. އަދި އެ ދާގޮތަށް ގޮސް ކައްދޫ ކައިރިން ވަށާލައި އެ ސަރަހައްދުގައި ކުޑަ ބުރެއް ފުރިހަމަކުރުމަށް ފަހު އުތުރަށް ގޮސް ރޭސް ނިންމާނީ މުކުރިމަގު ބަނދަރު ސަރަހައްދަށެވެ.

ހެނދުނު 6 ޖަހާއިރު ފާށާ ހާފް މެރެތަން (21 ކިލޯމީޓަރު) ރޭހުގެ ދުވުންތެރިން މުކުރިމަގުގެ ސްޓާޓިން ޕޮއިންޓުން ރޭސް ފަށައިގެން އުތުރަށް 5 ކިލޯމީޓަރު ދުވެފައި އަނބުރާލާނެ އެވެ. އަދި ދެކުނަށް އައިސް ކައްދޫ އެއާޕޯޓް ކައިރިން އަނބުރާލާފައި އުތުރަށް ގޮސް މުކުރިމަގަށް ރޭސް ނިންމާލަށެވެ.

ދިހަ ކިލޯމީޓަރު ރޭސް ފެށުމަށް ހަމަޖެހިފައިވަނީ 7 ޖަހާއިރެވެ. އެ ރޭހުގެ ބައިވެރިން މުކުރިމަގުން ފަށައިގެން އުތުރަށް ގޮސް ގަން ރީޖަނަލް ހޮސްޕިޓަލް ވެސް ހުރަސްކޮށް 4.6 ކިލޯމީޓަރު ކަޑަތައް ކުރުމަށް ފަހު އަނބުރާލާއި ދެކުނަށް އައިސް މުކުރިމަގު ބަނދަރާ ދިމާލަށް ނުކުމެ ރޭސް ނިންމާނެ އެވެ. ފަސް ކިލޯމީޓަރު ރޭސް ޖަހާ ދުވުންތެރިން ރޭސް ފަށައިގެން އުތުރަށް 2.4 ކިލޯމީޓަރު ދުވެފައި އަނބުރާލާފައި ދެކުނަށް އައިސް ބަނދާރާ ދިމާލަށް ނުކުމެ ރޭސް ނިންމާލާނެ އެވެ.

މި ފަހަރު ބައިވެރިންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ ރޭހުގެ ސްޓާޓުން ޕޮއިންޓް ސަރަހައްދުގައި ފާހަނާކުރެވޭނެ އިންތިޒާމް ޓީއެފްޖީން ހަމަޖައްސާފައިވުމެވެ. އަންހެން ބައިވެރިންނާއި ފިރިހެން ބައިވެރިންނަށް ވަކިން އެ އިންތިޒާމް ހަމަޖައްސާފައިވާއިރު ދަބަސް ބެހެއްޓޭނެ ގޮތް ވެސް ޓީއެފްޖީން ހަމަޖައްސާނެ އެވެ.

0 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 0%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454