ކުޅިވަރު

"ރަން އިން ލާމު": މިއީ އެއް ވަނައިގެ ރޫޓެއް!

ޓީއެފްޖީން ލ. އަތޮޅުގައި މިއަދު ބޭއްވި "ކޮކާކޯލާ ރަން އިން ލާމު" ގެ ބައިވެރިންތަކެއް ދުވަނީ. –ފޮޓޯ: ޓީއެފްޖީ

ޓީއެފްޖީން 2013 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ބާއްވަމުން އަންނަ "ލޯންގް ރަން" މުޅި ރާއްޖެ އަށް ފުޅާކުރަން އެ ޖިމުން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި، ހިތްގައިމު މާހައުލުތަކުގައި ދުވުމުގެ ފުރުސަތު ދުވުންތެރިންނަށް ހޯދައިދިނުމެވެ. އެ ސިލްސިލާގެ ދަށުން ލ. އަތޮޅުގައި ބޭއްވި ފުރަތަމަ ރޭސް ކާމިޔާބުކަމާ އެކު މިއަދު ނިންމާލި އިރު އެކަން ވަރަށް ބޮޑަށް ހާސިލްވި އެވެ. ތިން ސަތޭކައެއްހާ މީހުން ދުވި ރޭހަށް ފަހު އެންމެ ކަހަލަ ގޮތަކަށް ފާހަގަކުރީ ލ. އަތޮޅުގައި ދުވި ރޫޓުގެ ފަސޭހަކަމާއި ހިތްގައިމުކަމެވެ.

ލ. އަތޮޅުގެ ގަން، މާންދޫ، ކައްދޫ އަދި ފޮނަދޫ ގުޅުވައިދޭ ލިންކް ރޯޑުގައި ކުރިއަށް ގެންދިޔަ އިވެންޓުގެ މެރެތަން ރޭސް އެންމެ ފުރަތަމަ ނިންމި ރާއްޖޭގެ މަޝްހޫރު އަލްޓްރާ ރަނާ އަހުމަދު އާތިފް ބުނީ ދިގު ރާސްތާ ދުވުންތަކަށް "ލ. އަތޮޅު ވަރެއް ނެތް" ކަމަށެވެ.

"ދުވި މަގުގައި އެއްވެސް އަޑިގުޑަންކަމެއް ނެތް. އަނެއްކާ ސީދަލަށް އޮތް މަގެއް މިއީ. އެއީ ދުވާއިރު ވަރަށް ފަސޭހަވާނެ ކަމެއް. މާނައަކީ ދުވާ މީހާ އިތުރު ކަމަކަށް ކޮންސެންޓްރޭޓްނުކޮށް، ސީދާ ދުވުމަށް ފޯކަސްކޮށްގެންދެވޭނެޔޭ،" އާތިފް ބުންޏެވެ.

ޓީއެފްޖީން ލ. އަތޮޅުގައި މިއަދު ބޭއްވި "ކޮކާކޯލާ ރަން އިން ލާމު" ރޭސް ނިންމި ބައިވެރިޔަކަށް މެޑަލް ދެނީ. –ފޮޓޯ: ޓީއެފްޖީ. –ފޮޓޯ: ޓީއެފްޖީ

އިވެންޓުގެ ހުރިހާ ރޭހެއް ފެށީ ވެސް އަދި ނިންމީ ވެސް މުކުރިމަގު ބަނދަރު މަތިންނެވެ. އެތަނުން ފަށައިގެން ލ. އަތޮޅުގެ ރަށްތައް ގުޅުވައިދޭ މަގަށް އަރައި ދުވުމަށް ފަހު ރޭސް ނިންމަން އަނެއްކާ ވެސް ބަނދަރު ސަރަހައްދަށް އެރީ އެވެ.

ލ. އަތޮޅުގެ މި ރޫޓް، ޓީއެފްޖީގެ "ރަން އިން އައްޑޫ" ގެ ރޫޓަށް ވުރެ ވެސް އެތައް ގޮތަކުން ފަސޭހަކަމަށް ދުވުންތެރިން ބުނެ އެވެ.

ލ. އަތޮޅު ކައުންސިލުގެ ރައީސް އަބްދުﷲ ޝަރީފް ވަނީ ރޭހުގެ ކުރިން ވެސް އެކަން ފާހަގަކޮށްފަ އެވެ. އޭނާ ޔަގީންކަމާ އެކު ބުނީ ދިގު ރާސްތާ ދުވުމެއް ދުވަން މިފަދަ އެހެން އަތޮޅެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ. އެކަން މިއަދު ދުވުންތެރިންނަށް ޔަގީންވި އެވެ.

ޓީއެފްޖީން ލ. އަތޮޅުގައި މިއަދު ބޭއްވި "ކޮކާކޯލާ ރަން އިން ލާމު" ގައި ބައިވެރިޔަކު ދުވަނީ. –ފޮޓޯ: ޓީއެފްޖީ

ރޭހުގެ އިންތިޒާމްތައް ވެސް ވަރަށް ފުރިހަމަ އެވެ. ސްޓާޓިން ޕޮއިންޓުގައި ޑީޖޭ އުމަރުގެ ވަރުގަދަ ބީޓްތަކުން ރޭސް ފަށަން ތައްޔާރުވެފައި ތިބި ދުވުންތެރިންނަށް އާ ހިތްވަރެއް ލިބެމުންދިޔައިރު ރޭސް ނިންމާފައި އައި ބައިވެރިންގެ ލޭ އިތުރަށް ކައްކުވާލި އެވެ.

ޓީއެފްޖީގެ އިންސްޓްރަކްޓަރުންނާއި ލ. އަތޮޅުން ބައިވެރިވި ވޮލަންޓިއަރުގެ މަސައްކަތުން، ދުވުންތެރިންނަށް އެއްވެސް ކަމެއް ދަތިވިޔަކަ ނުދެ އެވެ. ވޯޓާ ޕޮއިންޓްތައް ވެސް އެންމެ ރަނގަޅު ދިމަދިމާގައި ގާއިމްކޮށްފައި ހުރިއިރު ދުވުންތެރިންނަށް ބޭނުންވާ ފާހަގަތައް ޖަހާފައިވަނީ ވެސް ވަރަށް ފުރިހަމަކޮށެވެ. އޮޅުން އަރާ އެއްވެސް ކަމެއް ނެތެވެ.

"އެއްވެސް މައްސަލައެއް ދިމާނުވެ ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަކޮށް ދިޔައީ. މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ އިންތިޒާމް ރަނގަޅު އެއް ރޭހަށް ވާނެ،" ރާއްޖޭގައި ބާއްވާފައިވާ ގިނަ ރޭސްތަކެއްގައި ދުވެފައިވާ ބައިވެރިޔަކު ބުންޏެވެ.

ޓީއެފްޖީން ލ. އަތޮޅުގައި މިއަދު ބޭއްވި "ކޮކާކޯލާ ރަން އިން ލާމު" ގެ ބައިވެރިންތަކެއް ދުވަނީ. –ފޮޓޯ: ޓީއެފްޖީ

މި ރޭހަށް މާލޭން ސީދާ 200 އެއްހާ ބައިވެރިން އައިއިރު ލ. އަތޮޅުން ވެސް ސަތޭކައެއްހާ މީހުން ބައިވެރިވި އެވެ. އޭގެ ސަބަބުން މި އަތޮޅުގައި ދުވުމުގެ ފޯރި ގަދަވާނެ ކަމަށް ޓީއެފްޖީން ދެކެ އެވެ.

ހަމައެކަނި ޒުވާނުންގެ އިތުރުން އުމުރުންދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް ރޭހުގައި ދުވި އެވެ. ކުދިން ގޮވައިގެން މަންމައިންނާއި ބައްޕައިން ދުވިއިރު އާއިލާތައް އެކުގައި ވެސް ދުވި އެވެ. ރޭހަށް ސީދާ ތައްޔާރުވެގެން އައި ދުވުންތެރިން ވެސް ތިއްބެވެ. މިއަދުގެ ރޭހުގައި ތަޖުރިބާކާރުން ދުވުންތެރިން ވެސް ދުވި އެވެ. އެގޮތުން އާތިފްގެ އިތުރުން ރާއްޖޭގެ މެރެތަން ރެކޯޑް ހަދާފައިވާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އާއި ހާފް މެރެތަން ރެކޯޑް ކުރިން ހެދި އަހުމަދު ރިޒާ ވެސް ދުވި އެވެ.

ކޮކާކޯލާ އިން ސްޕޮންސާކޮށްފައިވާ ޓީއެފްޖީގެ "ރަން އިން މޯލްޑިވްސް" ސީރީސްގައި ދެން އޮންނާނީ އެ ޖިމުގެ ރަސްމީ އިވެންޓެވެ. އެއީ އޭޕްރިލް 20 ގައި މަހު ހުޅުމާލޭގައި ބާއްވާ ލޯންގް ރަން އެވެ.

5 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 10%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލ.އަތޮޅު

28 January 2018

ލ. ގަން، ފޮނަދޫ ލިންކު ރޯޑަށްވުރެ އެތްލީޓުން ދުވެލަން ފުރިހަމަ، ހިތްގައިމު މަގެއް މި ރާއްޖޭގައި ވަކިން ކޮބާ ހެއްޔެވެ.!

The name is already taken The name is available. Register?

ލާމު އަތޮޅޭ

28 January 2018

މިދުވުން އިތުރަށް ފުރިހަމަވީސް ލާމު އަތޮޅުން ބައިވެރިވާންބޭނުންވި އެންމެނަށް ފުރުޞަތު ދެވުނުނަމަ، އަތޮޅުކުދިންނަށް ލިބުނީ މާލޭ ބޭފުޅުން ނަގާފަ ބާކީ ހުރި ޖާގަތައް. ލާމުއަތޮޅުން ބައިވެރިވިކަމަށްބުނާ 100 އެއްހާމީހުނަކީވެސް އުމުރުންދުވަސްވީ ބަޔާއި ކުޑަކުދިންގެ ބައިގައި ބައިވެރިވި ފަރާތްތައް. ދުވުމުގެ ފޯރިއެރުމަށްވުރެ ފޫހިކަންބޮޑުވީ.

The name is already taken The name is available. Register?

މަ މަ

28 January 2018

'ރާއްޖެތެރެ' ގައި ހުންނަ ފަޅުރަށްތަށް ރިސޯޓް ހަދަން ކަމު ނުގޮސްގެންތަ މާލޭ ކައިރީގައި ފަޅު ހިއްކައިގެން ރިސޯޓް ހަދަން އެ މަސައްކަތް ކުރަނީ؟ ނޫން. ވަކިބަޔަކު، ވަކި މަގުސަދެއް ހާސިލް ކުރަން މާލެ ވިލިގިނލި ވެސް އާބާދު ކުރީ. ހަމަ އެގޮތަށް ހުޅުމާލެވެސް. ރާއްޖެތެރެއަކީ ހުރިހާގޮތަކުންވެސް މާލެއަށްވުރެއް ހިތްގައިމު ތަނެއް. އެކަން ވެރިކަމުގައި ތިބޭ ބަޔަކު ގަބޫލުކުރަން ބޭނުން ނުވަނީ. ބޭނުންނުވަނީ މާލެއިން ބޭރުގައި އެހެން ހަރަކާތެއް ބާއްވަން.

The name is already taken The name is available. Register?

އަސީލް

27 January 2018

ހާމަ333 ހާދަ ފަހަތުގަ! އަހަރެންމީ ދުނިޔޭގެ އިންޓަރނޭޝަނަލް ދުވާ ޓްރެކްތައް ބަލާ އެޓުރެކްތަކު ދުވެފަހުރި މީހެއް އެކަމަކު ލާމު ގަން ފޮނަދޫ ގުޅުވައިދޭ ލާމު ލިންކުރޯޑާ ގާތްވެސް ނުކުރޭ! ލާމު ލިންކުރޯޑު ރީތިވެފަ ފުރިހަމައީ ދުވެލަން ފަސޭހައީ މިދައްކަނީ އިންޓަނޭޝަނަލް މަގެއްގެ ވާހަކަ!

The name is already taken The name is available. Register?

ހާމަ333

27 January 2018

ދުނިޔޭގެ ކޮންތާކުން ސީދަލަށް އޮތް މަގެއްގައި ދުވަނީ...އަޑިގުޑަން އޮވެފަ ބެންޑް އޮންނަލެތް މާގިނަވާނެ ބޭރުގައުމުތަކުގަ...އާނ ސީދަލަށް އޮތް މަގެއްގަ ކަނުމީހަކަށްވެސް ނޫނީ ނިދާފަހުރެގެންވެސް ދުވާލެވޭނެ ކަކުނި ސްޕީޑުގަ....އެއީތަ ފަސޭހަވެގެން ތިއުޅޭކަމަކީ...ނިކަން އިންޓަރނޭޝަނަލް ދުވާ ޓްރެކްތައް ބަލާބަ...ދިވެހިން ވިސްނުން މިހުންނަނީ ކިހިނެތް?

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454