މިސްރުގެ އަހުރާމްތަކުގެ މަތިން ސޯލާ މަތިންދާ ބޯޓު ދަތުރުކޮށްފައި ދަނީ. --ފޮޓޯ:ބީބީސީ
13 ޖުލައި 2016 - 13:13
ގާހިރާ (ޖުލައި 13) - އަވިން ދުއްވާ މަތިންދާ ބޯޓު ސޯލާ އިމްޕަލްސް 2 ސްޕޭނުގެ ސެވިއްޔާ އިން ފުރައިގެން 48 ގަޑިއިރުގެ ދަތުރަކަށް ފަހު މިސްރުގެ ގާހިރާގައި މިއަދު ޖައްސައިފި އެވެ.
ދެން އޮންނާނީ، މިދިޔަ އަހަރުގެ މާޗް މަހު އަބޫ ދާބީން ފުރި މަތިންދާ ބޯޓު ދުނިޔެ ވަށާ ޖަހާ ބުރުގެ ފަހު މަންޒިލެވެ. ސެވިއްޔާ-ގާހިރާ ސްޓޭޖުގައި ބޯޓުގެ ދަތުރު ފުރިހަމަ ކުރީ ޕައިލެޓް އަންދަރު ބޯޝްބާގު އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރު ކުރާނީ ބޯޓުގެ އަނެއް ޕައިލެޓް ބާޓްރޭންޑް ޕިކާޑެވެ.
ސޯލާ އިމްޕަލްސް މަތިންދާ ބޯޓު ސެވިއްޔާ އިން ނައްޓާލައިގެން ދަތުރުކޮށްފައި ދަނީ. --ފޮޓޯ:ބީބިސީ
މިޝަން މެނޭޖަރުން ބުނީ މިސްރަށް ޖައްސަން ކައިރިވެފައި ވަނިކޮށް ބޯޓުގެ ބެޓްރީ ލެވެލް ފުރަތަމަ ފަހަރަށް ވަނީ 30 ޕަސެންޓަށް ވުރެ ދަށްވެފަ އެވެ. ގާހިރާގައި ބޯޓު އޮންނަ އިރު ބޯޓުގެ ސޯލާ ސެލްތައް މާ ހޫނަށް އެކްސްޕޯޒް ނުކުރުމަށް ތަޖްރިބާކާރުން ބުނެ އެވެ.
ވައިގެ ދަތުރުގެ ތާރީޚުގައި އެންމެ ދިގު ދަތުރެއްކޮށް، ސޯލާ އިމްޕަލްސް 2 ވަނީ ވެސްޓަން އެޓްލާންޓިކް ހުރަސް ކޮށްފަ އެވެ. އެ ދަތުރަށް ހަތަރު ދުވަހާއި 21 ގަޑިއިރު ހޭދަވި އެވެ. އެކަމަކު އެ ދަތުރުގައި ބޯޓުގެ ބެޓަރީ ހަލާކުވުމުން މަރާމާތަށް 10 މަސް ހޭދަވި އެވެ. ބޯޓުގެ ފިޔަގަނޑުގައި ވަނީ އަވިން ހަކަތަ ރައްކާ ކުރުމަށް 17،000 ސެލް ހަރުކޮށްފަ އެވެ. ދުނިޔެ ވަށާ ބުރު ޖެހުމުގެ ރެކޯޑް ހެދުމަށް ބޯޓުގެ ދަތުރު އަބޫ ދާބީން ފެށީ މިދިޔަ އަހަރުގެ މާޗު މަހުގެ 9 ވަނަ ދުވަހު އެވެ. ސާފު ހަކަތަ ޕްރޮމޯޓް ކުރަން ކުރާ މި ދަތުރުގައި ބޭނުންކުރާ ބޯޓުގެ ފިޔަގަނޑު ބޯއިން 747 ގެ ބޯޓެކޭ އެއްވަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy