"ގޮށްރާޅު" އަކީ ޝިނާން ޑައިރެކްޓް ކުރާ ކްރައިމް ތުރިލާއެއް.
"ގޮށްރާޅު" ގެ ލީޑް އެކްޓަރު ޖުމަލް، ފިލްމުން އަލަށް ތައާރަފުވާ ބައެއް ބަތަލާއިންނާ އެކު.
09 މާޗް 2018 - 08:52
ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ މަހުގެ 5 ގައި ރިލީޒްކުރަން ތާވަލު ކުރި ފިލްމް "ގޮށްރާޅު" ރިލީޒް ކުރުން ފަސްކޮށްފި އެވެ.
ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީ ބުނީ ފިލްމް ލަސްކޮށްލީ، މިހާރު ސިނަމާގައި އޮތް އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމް "ވަކިން ލޯބިން" ގެ ކަންކަމުގައި ބޮޑަށް އުޅެލުމުގެ ގޮތުން ކަމަށެވެ. މި މަހުގެ 5 ގައި އެ ފިލްމް ޕްރިމިއާ ކުރުމަށް ފަހު މިހާރު ވަނީ ރަށްރަށުގައި ވެސް ދައްކަން ފަށައިފަ އެވެ.
"ގޮށްރާޅު" އަކީ 2016 ގައި ފާތުމަތު ނަހުލާއާ ގުޅިގެން ބިރުވެރި ފިލްމް "4426" ގެނެސް ދިން ޑައިރެކްޓަރު އަހުމަދު ޝިނާންގެ އަލަތު ސޯލޯ ޑައިރެކްޝަނެވެ. ކްރައިމް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމަކީ މޫމިން ފުއާދުގެ ސްކްރީންޕްލޭއެކެވެ.
We have decided to delay our next release #GohRaalhu in order to extend #VakinLoabin shows. Will announce the new release date asap.
— Dark Rain Ent (@DarkRainEnt) March 8, 2018
މޮގާގެ ޓްވީޓް.
މި ފިލްމްގެ އެންމެ މުހިއްމު އެއް ތަރިއަކީ ޑާކް ރެއިންގެ ޑާލިން ޖުމައްޔިލް (ޖުމަލް) ނިމާލެވެ. އޭނާއާ އެކު ބޮޑު އާ ކާސްޓެއް ވެސް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވާ އަދި މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގައި ވާދަ ކުރި ހަސަން (ޒަކިއްޓެ) އިރްފާން، އައިޝަތު ތަސްނީމާ، އައިމިނަތު ރަޝްފާ، އަބްދުﷲ އަޒާން އަދި އަހުމަދު ނާޝިތު ހިމެނެ އެވެ.
އަދި ފިލްމްގެ ކާސްޓުންގެ ތެރޭގައި ހަމްދާން ފާރޫގް، މަރިޔަމް ޝަކީލާ އަދި އިސްމާއީލް ރަޝީދު ވެސް ހިމެނެ އެވެ.
"ގޮށްރާޅު" ލަސްކޮށްލި އިރު، މިދިޔަ މަހުގެ އެކެއްގައި ވަނީ ފިލްމްގެ މޯޝަން ޕޯސްޓަރު ވެސް ދައްކާލައިފަ އެވެ.
މޮގާ ބުނީ ފިލްމް ރިލީޒް ކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްލުމާ ގުޅިގެން، މި އަހަރު ދެން ފިލްމް ސިނަމާ އަށް އައުމާ ދޭތެރޭ ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. އެކަމަކު މިދިޔަ އަހަރުގެ ނޮވެމްބަރުގައި ޝޫޓިން ފެށި ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކުރިއަށްދާ ކަމަށް ބުންޏެވެ.
"ގޮށްރާޅު" ގެ މޯޝަން ޕޯސްޓަރު.
"އެކަމަކު ރިލީޒް ކުރާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާން ކުރާނަން،" މޮގާ ބުންޏެވެ. "ފިލްމްގެ އެޑިޓިން ކަހަލަ މަސައްކަތްތައް އެބަދޭ ކުރިއަށްދޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy