16 ފެބުރުއަރީ 2018 - 11:59
އެންމެންނަށް ވެސް ފެންނާނީ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ހުޅުވާލި ދުވުމުގެ ޕްލެޓްފޯމެވެ. އެ ޖިމުން 2013 ވަނަ އަހަރު ލޯންގް ރަންގެ ނަމުގައި ފެށި އިވެންޓަކީ ހަގީގަތުގައި ވެސް ރާއްޖޭގައި ތިބި ދުވަން ޝައުގުވެރިވާ މީހުންނަށް ހުޅުވާލަދިން ރަނުގެ ފުރުސަތެކެވެ. އެކަމަކު އޭރުން ފެށިގެން ވެސް ޓީއެފްޖީން އައީ ދުވަން ބޭނުންވާ މީހުންނަށް ވެސް ފުރުސަތު ދެމުންނެވެ. އެއްވެސް އަގެއް ނުނަގައި ތަމްރީންކޮށްދީގެންނެވެ. ކުންފުނީގެ އިޖްތީމާއީ ޒިންމާގެ ދަށުން ކުރާ އެ މަސައްކަތް މި ފަހަރު މިވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ.
އެންމެ ފުރަތަމަ އަހަރަކު ވެސް އެކި ދިމަދިމާލުން މީހުން ހޯދައިގެން ދުވަން ތަމްރީންދީގެން މުޅިން އަލަށް އެތައް ބަޔަކު ލައްވައި ރޭހެއް ފުރިހަމަކުރުވުމުގެ އުފާ ޓީއެފްޖީން ހޯދި އެވެ. އޭޕްރިލް 20 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ މި އަހަރުގެ "ކޮކާކޯލާ ލޯންގް ރަން" ބޯމަތިވަމުން އަންނައިރު ޓީއެފްޖީން އަންނަނީ ދުވުން އިންތިޒާމްކުރުމާ އެއްވަރަށް ދުވުންތެރިން ތަމްރީންކުރަން ވެސް އިސްކަންދެމުންނެވެ. މި ފަހަރުގެ ތަފާތަކީ ކޮބާ ހެއްޔެވެ؟
"އަޅުގަނޑުމެންގެ ސީއެސްއާރް ޕްރޮޖެކްޓުގެ ދަށުން 300 ދުވުންތެރިން ތަމްރީންކުރަން ދޮރު ހުޅުވާލިން. ވަރަށް ފަހުރުވެރިކަމާ އެކު އަޅުގަނޑު ބުނަން ބޭނުންވޭ ޖުމްލަ 423 ފަރާތަކުން އެކަމަށް ކުރިމަތިލީކަން، އޭގެ ތެރޭގައި ބައެއް ކުންފުނިތަކުގެ މުވައްޒަފުން ވެސް ހިމެނޭ،" ޓީއެފްޖީގެ ޑިރެކްޓަރު އަދި މާސްޓާ ޓްރެއިނަރު ހުސެއިން ޒިނާން ވިދާޅުވި އެވެ.
ޒިނާން ވިދާޅުވީ 2018 ވަނަ އަހަރު ރާއްޖޭގައި އިޖްތިމާއީ ޒިންމާގެ ދަށުން ފިޓްނަސްގެ އެންމެ ބޮޑު ޕްރޮޖެކްޓް ހިންގާ ބަޔަކާށް ޓީއެފްޖީ ވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ޓީއެފްޖީން ދުވުންތެރިން ތަމްރީންކޮށްދެނީ 10 ކިލޯމީޓަރު، ހާފް މެރެތަން އަދި މެރެތަން އަށެވެ. ބާރަ ހަފުތާގެ މި ތަމްރީންގައި ބައިވެރިވާ ގިނަ ބައިވެރިންނަކީ ދިގު ރާސްތާ ދުދުވުމުގެ އަލަށް ދުވުމުގެ ތެރެއަށް ނުކުންނަ ފަރާތްތަކެވެ.
"އަޅުގަނޑުމެން 2013 ވަނަ އަހަރު ލޯންގް ރަން ފެށިއިރު އިވެންޓުގައި ދުވީ 200 މީހުން. އެ 200 މީހުން ހޯދީ އެކި ތަންތަނަ ހިނގައިގެން، އެކި މީހުންނާ ވާހަކަދައްކައިގެން. އެކަމަކު މިއަދު އަޅުގަނޑުމެން ހަ ވަނަ އަހަރާ ކުރިމަތިލާއިރު ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން 300 ދުވުންތެރިން ހިލޭ މި ތަމްރީންކޮށްދެނީ،" ޒިނާން ވިދާޅުވި އެވެ.
ޓީއެފްޖީގެ ތަމްރީން ޕްރޮގްރާމުގެ ބައިވެރިން ކަސްރަތުކުރަނީ. --ފޮޓޯ: ޓީއެފްޖީ
އޭނާ ފާހަގަކުރެއްވި ގޮތުގައި ޓީއެފްޖީގެ ހުރިހާ ވެސް މަގުސަދަކީ ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކުރުމެވެ. ކޮންމެ ބައިވެރިޔެއްގެ މޫނުމަތިން ފެންނަ އުފާވެރިކަމަކީ، ޓީއެފްޖީ އަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ސީއެސްއާރް ޕްރޮގްރާމަކީ ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ކަމެއް. އެތަކެއް މަސްތަކެއް ވަންދެއް ތަމްރީންކޮށްދޭ ބައިވެރިން ރޭސް ނިންމުމުން އެ ބައިވެރިންގެ މޫނުމަތިން އެ ފެންނަ އިހުސާސްތައް ދެކިލުމަށް ކޮންމެ އަހަރަކު ވެސް އަޅުގަނޑުމެން ޓްރެއިނަރުން އަޒުމްކަނޑައަޅާ،" ޒިނާން ވިދާޅުވި އެވެ.
ޖުމްލަ 1500 ދުވުންތެރިންނަށް ފުރުސަތު ހުޅުވާލާފައިވާ ރޭހުގެ ފަސް ބައިކުޅަ އެއް ބަޔަކަށް ވުރެ ވެސް ގިނަ ބައިވެރިން ވެގެންދާނީ ޓީއެފްޖީން ތަމްރީންކުރާ ދުވުންތެރިންނަށެވެ.
ޒިނާން ވިދާޅުވީ ރާއްޖޭގެ ފިޓްނަސް މާކެޓަށް ނަޒަރު ހިންގާލައިފި ނަމަ ފެންނާނީ ޓީއެފްޖީން އުފެއްދި ޓްރޭނަރުން ކަމަށާއި، ހަމަ އެގޮތަށް ދިގު ރާސްތާ ދުވުމަށް ބަލާއިރު ކޮންމެ އަހަރަކު އެތައް ބަޔަކު އެކަމަށް ވެސް ޓީއެފްޖީން ނެރޭ ކަމަށެވެ.
"މިއީ މުޖުތަމައަށް ކޮށްދޭ ކަމެއް،" ރާއްޖޭގެ ދިގު ރާސްތާ ދުވުމުގެ އިވެންޓްތަކަށް ޓައިމިން ޓެކްނޮލޮޖީ ތައާރަފްކުރި ކުންފުނީގެ ފަރާތުން ޒިނާން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy