17 ފެބުރުއަރީ 2018 - 11:10
ލަންޑަން (ފެބްރުއަރީ 17) - އިނގިރޭސި އެފްއޭ ކަޕުގައި ރޭ 4-0 އިން ހަލް ސިޓީ ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދިއިރު، ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އަންގާރަ ދުވަހުގެރޭ ބާސެލޯނާއާ ދެކޮޅަށް ކުޅުމުގެ ކުރިން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ބޮލުގެ ރިހުމެއް ކުރިމަތިވެއްޖެ އެވެ.
ހަލް ކޮޅަށް ރޭ ޗެލްސީން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލު ޖެހީ ބްރެޒިލްގެ ވިންގް ވިލިއަން އެވެ. އަނެއް ދެ ލަނޑު ކާމިޔާބުކުރީ އޮލިވިއޭ ޖިރޫ އާއި ޕެޑްރޯ ރޮޑްރިގޭޒް އެވެ.
ރޭގެ މެޗުގައި ވިލިއަން އާއި އޮލިވިއޭ ޖިރޫ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ލަނޑު ޖެހުމުގެ އިތުރުން ޖުމްލަ ގޮތެއްގައި މި ދެ ކުޅުންތެރިން ކުޅުނީ އެ ޓީމުގެ ކޯޗު ކޮންޓޭ އެންމެ ބޭނުންވާ ގޮތަށެވެ.
"ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހިފައި އޮތް މުހިއްމު މެޗުގެ ކުރިން. މި މެޗަށް ފަހު އަހަރެން ގެޔަށް މި ދަނީ ވަރަށް ބޮޑު ބޮލުގެ ރިހުމަކާ އެކު. އެއީ އަހަރެން ބާސެލޯނާއާ ދެކޮޅަށް ނެރޭނީ ކޮން ފުރަތަމަ 11 ކުލުންތެރިންނެއްތޯ. އެކަމާ މެދު އުފެދިފައިވާ ސުވާލުތަކެއް،" ރޭގެ މެޗަށް ފަހު ކޮންޓޭ ބުންޏެވެ.
ބާސެލޯނާއާ ދެކޮޅަށް ކުޅޭ ދެ ލެގުގެ މެދުތެރެއިން އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ކުޅެން ޖެހެނީ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީއާ އެވެ. ކޮންޓޭ ބުނީ މި މެޗުތަކާ ކުރިމަތިލެވޭނެ ކަމަށެވެ.
"އަހަރެމެން މި ދައްކަނީ ވަރަށް ބޮޑު ޓީމެއްގެ ވާހަކަ. ބާސެލޯނާ އަކީ އަހަރެން ދެކޭ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު އެއް ޓީމު. އެ ޓީމާ ދެކޮޅަށް ކުޅެން ޖެހޭނީ ވަރަށް ކޮންފިޑެންސާ އެކު. މި ލެވެލްގައި ކުޅޭއިރު ހުރިހާ ހާލަތަކަށް ތައްޔާރުވާން ޖެހޭނެ. އަހަރެން މިހުރީ ތައްޔާރަށް،" ކޮންޓޭ ބުންޏެވެ.
އެފްއޭ ކަޕްގައި ރޭ ކުޅުނު އަނެއް މެޗުން ލެސްޓާ ސިޓީން ވަނީ 1-0 އިން ޝެފީލްޑް ޔުނައިޓެޑް އަތުން މޮޅުވެ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. މި މެޗުގައި ލެސްޓާ އަށް ކުޅޭ އަލްޖީރިއާގެ މިޑްފީލްޑަރު ރިޔާދު މާރޭޒް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން މޮޅު ކުޅުމެއް ދައްކައިފަ އެވެ. ލެސްޓާ އިން ޖެހި ގޯލު ޖޭމީ ވާޑީ ކާމިޔާބުކުރިއިރު، އެ ބޯޅަ ތަނަވަސްކޮށްދިނީ މާރޭޒް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީގް ވޮޗް
17 February 2018
ޗެލްސީ ދޭބަލަ މަހަށް.
ސުޒޭން
17 February 2018
ކިހާ ދެރަކަމެއްތަ، ދެން ކޮންޓޭ އަރާ ކުޅެބަލަ. ޗެލްސީއަކު ނެތް ތިބުނާހަ މޮޅު 11 ކުޅުންތެރިންނެއް.