އައިޒޯލް ކޮޅަށް ދަގަނޑޭ (ވ) މިއަދު ދެ ވަނަ ލަނޑު ޖަހަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު
14 މާޗް 2018 - 21:16
އޭއެފްސީ ކަޕުގައި މިއަދު ހަވީރު އިންޑިއާގެ އައިޒޯލް އެފްސީ އަތުން 3-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި އެ ޓީމުގެ ފަރާތުން ވެސް އަދި އޭނާގެ ފަރާތުން ވެސް ފެނުނީ އެންމެ މޮޅު ކުޅުން ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި މިއަށް ވުރެ ރަނގަޅުވާނެ ކަމަށް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.
މިއަދުގެ މެޗުގައި ހެޓްރިކް ހެދި އުމުރުން 32 އަހަރުގެ ފޯވާޑް ބުނީ ފުރަތަމަ ހާފުގައި ފެނުނީ ދަށް ކުޅުމެއް ކަމަށާއި އެކަމަކު ދެ ވަނަ ހާފުގައި އެންމެންގެ ހިތްވަރުން އެކަން ބަދަލުކުރި ކަމަށެވެ.
"އެންމެ ވަރުގަދައަށް އަދި ހިތްވަރެއް ނުކުރެވޭ. އަޅުގަނޑުގެ އެންމެ ބެސްޓެއް ވެސް ނުދެވޭ އަދި. އެކަމަކު އަދި އެކަން ވަރަށް ބޮޑަށް ރަނގަޅުވާނެ. މިއަދުގެ މި މޮޅަކީ ޓީމުގެ މަސައްކަތް،" ދަގަނޑޭ ބުންޏެވެ.
ނިއު މިއަދު މޮޅުވީ އިންޑިއާގެ ލީގު ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދި އައިޒޯލުން ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރަ އެވެ.
ދަގަނޑޭ ލަނޑު ޖެހުމަށް ފަހު ނިއުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު
ދަގަނޑޭ ބުނީ ހެޓްރިކް ހެދުނު ނަމަވެސް އެންމެ އުފާވަނީ ޓީމު މޮޅުވުމުން ކަމަށާއި އެ ޓީމުގެ އަމާޒަކީ އޭއެފްސީ ކަޕުގެ ހުރިހާ މެޗެއް ކާމިޔާބުކުރުން ކަމަށެވެ.
"ކޮންމެ މެޗަކަށް ވެސް ނުކުންނާނީ މޮޅުވާން. ކޯޗުގެ (ރޭވުމާއެކު) ބެންގަލޫރު މެޗުން ވެސް ތިން ޕޮއިންޓް ހޯދަން ނުކުންނާނީ،" ދަގަނޑޭ ބުންޏެވެ.
އިންޑިއާ އާއި ރާއްޖޭގެ ފުޓްބޯޅައިގެ ވާދަވެރިކަމުގައި އިންޑިއާގެ މައްޗަށް ކުރި ހޯދުމަކީ އަބަދުވެސް ފުޓްބޯޅައިގައި ދިވެހިންނަށް ލިބޭ އުފަލެކެވެ. އެކަމަކު ދަގަނޑޭ ބުނީ ވަކި އިންޑިއާ ޓީމަކަށް ވުމުން ހާއްސަ ނުވާ ކަމަށާއި ކޮންމެ ޓީމެއްގެ އަތުން ވެސް ތިން ޕޮއިންޓް ލިބިއްޖެ ނަމަ ފުދޭނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޓޭ
15 March 2018
ހިތާމަ އަކީ އަދިވެސް ދަގަނޑޭ ރީޕްލޭސްކުރެވޭ ވަރުގެ ކުޅުންތެރިއެއް ނެތީމަ...!!! އަދިވެސް ދަގޭ ވަރެއް ނެތް...!! ސާބަހޭ މޭން އޮފް ސްޓީލް...!!
ފުންއަސަރު
15 March 2018
މިފަހަކަށް އައިސް ދަގޭގެ ފަރާތުން ނުފެންނަވަރުގެ ކުޅުމެއް އިއްޔެގެ މެޗުގާ ފެނުނު. އެކަމަކު އަދިވެސް ކުރީގެވަރާ ގާތަށްވެސް ނުދޭ. މަރްހަބާ ދަގޭ.
މާލު
14 March 2018
އަހަރަމެން ނަށްވެސް އިގޭ ދަނގޭ ގެ އަސްލްކުޅުން ކުޅެފިންޔާ އިދިކޮޅު ޓީމް ދަނޑްން ފައިބާނި ބައިކޮޅަށް 10 ވަރަށް ލަނޑް ވަދެގެންކަން.