ރައީސް އަބްދުﷲ ޔާމީނާއި އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއާން. - ފޮޓޯ: ރައީސް އޮފީސް
15 މާޗް 2018 - 18:06
އީޔޫ ޕާލަމެންޓުން ރާއްޖެއާ ގުޅޭ ގޮތުން މިއަދު ނެރުނު ގަރާރުގައި ރައްޔިތުން ހާސްވާން ޖެހޭ ކަމެއް ނެތް ކަމަށާއި ގަރާރު ތަންފީޒު ކުރުން ކޮންމެހެން ސަރުކާރަށް ލާޒިމް ނޫން ކަމަށް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިއަދު ވިދާޅުވެއްޖެ އެވެ.
ފްރާންސްގެ ސްޓްރަސްބާގްގައި ބޭއްވި އީޔޫ ޕާލަމެންޓްގެ ބައްދަލުވުމުގައި ނެރުނު ގަރާރުގައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތަކުގައި ބައިވެރިވާ، ސަރުކާރުގެ ވެރިންނާއި ދިވެހި ސަރުކާރާ ގުޅިފައި ތިބި ވިޔަފާރިވެރިންނާ މެދު އީޔޫ ކައުންސިލުން ފިޔަވަޅު އަޅައި ދިނުމަށް ގޮވާލައިފަ އެވެ.
މި މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން ޝިއާން ވިދާޅުވީ އީޔޫ ޕާލަމެންޓްގެ ގަރާރުގައި މައިގަނޑު ގޮތެއްގައި އޮތީ މީގެ ކުރިން ނެރުނު ގަރާރުތަކުގައި ފާހަގަ ކުރި ކަންކަން ކަމަށެވެ. އަދި ގަރާރުގައި ދަތި ކުރުމުގެ ފިޔަވަޅު އެޅުމާ ގުޅޭގޮތުން އިތުރު ކަންކަން ހިމެނުމަށް މަސައްކަތް ކުރި ނަމަވެސް، އީޔޫ ޕާލަމެންޓުން ގަރާރު ފާސް ކުރިއިރު، އެ ކަންކަން ހިމަނާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީޔޫ ޕާލަމެންޓުން ގަރާރެއް ފާސްކުރިޔަސް، ރާއްޖެ އަކީ މިނިވަން ގައުމަކަށް ވާތީ، ދިވެހިންގެ ކަންކަން ނިންމަން ވާނީ ދިވެހިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި، އެކަމަކު އެ މީހުން އަޑު އަހައި، މަޝްވަރާ ކުރާނެ ކަމަށް ޝިއާން ވިދާޅުވި އެވެ.
އޭނާ މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވީ ރާއްޖެއާ މެދު ދަތި ކުރުމުގެ ފިޔަވަޅު އެޅުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އެ ހިސާބަށް ރާއްޖޭގެ ކަންކަން ނުދާ ކަމަށް ވެސް ޝިއާން ވިދާޅުވި އެވެ. އަދި އީޔޫގެ ޕާލަމެންޓުގެ ގަރާރަކީ "ސީރިއަސްކޮށް" ނަގަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އީޔޫ ކައުންސިލުން ރާއްޖެއާ ގުޅޭގޮތުން ކަމެއް ނިންމައިފިނަމަ، އެކަން ސީރިއަސްކޮށް ނަގާނަން. އެކަމަކު، ޕާލަމެންޓުން ނިންމާ ނިންމުން މުހިންމެއް ނޫން،" ޝިއާން ވިދާޅުވި އެވެ.
އީޔޫ ޕާލަމެންޓްގެ ގަރާރުގައި އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ ވެރިންނާއި ސަރުކާރާ ގުޅިފައިވާ ވިޔަފާރިވެރިންގެ މުދާ އީޔޫގެ ގައުމުތަކުން ހިފެހެއްޓުމާއި ދަތުރުކުން މަނާކުރުން ހިމަނާފައިވެ އެވެ. އެކަމަކު، 2015 ގައި ނެރުނު ގަރާރުގައި ގޮވާލީ އީޔޫގެ ގައުމުތަކުން ފިޔަވަޅު އަޅައި ދިނުމަށެވެ. އީޔޫ ޕާލަމެންޓުން މިއަދު ވަނީ ސަރުކާރާ ގުޅިފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ދިނުމަށް ކައުންސިލްގައި އެދިފަ އެވެ.
އެހެންވެ، ސަރުކާރާ ގުޅިފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު މިހާރު އޮތީ އީޔޫ ކައުންސިލަށެވެ.
ޝިއާން ވިދާޅުވީ ޔޫރަޕިއަން ޕާލަމެންޓްގެ ގަރާރުގައި ދައުލަތަށާއި ސަރުކާރަށް ގެއްލުންވާނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ޔޫރަޕިއަން ޕާލަމެންޓްގެ ގަރާރުގައި ފާހަގަ ކޮށްފައި ވަނީ ވަކިވަކި ފަރުދުންގެ މައްޗަށް ފިޔަވަޅު އަޅާ ވާހަކަ ކަން ޝިއާން ވެސް ފާހަގަކުރެއްވި އެވެ. އެކަމަކު، ރާއްޖޭގެ އެއްވެސް މީހަކާ ދެކޮޅަށް އީޔޫ ކައުންސިލުން ފިޔަވަޅު ނާޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އީޔޫ ކައުންސިލުން ކުރިން ނެރުނު ބަޔާނުގައި ވަނީ އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް. އެގޮތުން ތިމާވެއްޓާއި ކައުންޓަ ޓެރަރިޒަމް ދާއިރާ އިން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް. މި އަހަރު ރިޔާސީ އިންތިހާބު އޮންނާތީވެ، މޮނިޓަރިން ކަންކަން ކުރަމުންދާނެ ކަމަށް. ޖުޑިޝަރީ ވަރުގަދަ ކުރުމުގެ ކަންކަން ކުރަމުން މިދަނީ އީޔޫއާ ގުޅިގެން،" ޝިއާން ވިދާޅުވި އެވެ.
ޝިއާން ވިދާޅުވީ އީޔޫ ޕާލަމެންޓުން ދުނިޔޭގެ ބޮޑެތި ގައުމުތަކާ ދެކޮޅަށް ގަރާރުތައް ހުށަހަޅައިގެން ފާސްކޮށްފައި އެބަހުރި ކަމަށެވެ. އެހެންވެ، އެފަދަ ގަރާރުތައް ހުށަހަޅައިގެން ފާސް ކުރަނީ ރާއްޖެއާ ދެކޮޅަށް އެކަނި ނޫން ކަމަށާއި އެ ޕާލަމަންޓުން އެތައް ގަރާރެއް އަބަދުވެސް ފާސްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިއާން ވިދާޅުވި ގޮތުގައި އީޔޫ ޕާލަމަންޓަށް ހުށަހެޅި ގަރާރަށް ބަހުސް ކުރެއްވީ އެ ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ 751 މެމްބަރުންގެ ތެރެއިން މަދު މެމްބަރުންތަކެކެވެ. އެގޮތުން އެ ގަރާރަށް ބަހުސް ކުރިއިރު، ޕާލަމެންޓްގައި ތިއްބެވީ އެންމެ ވިއްސަކަށް މެމްބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އީޔޫ އާއި ރާއްޖެއާ ދެމެދު އޮތީ ގާތް ގުޅުމެއް ކަމަށާއި އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އީޔޫ އޮތީ ރާއްޖެ އަށް އެހީތެރިވެ ދިނުމަށް އަބަދުވެސް ތައްޔާރަށް ކަމަށް ވެސް ސަފީރު ޝިއާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުން
16 March 2018
ޝިއާން، ތީދެން ކޮންތާކުން ތާކުން ނުޖެހޭ ވާހަކަޔެއް؟ ޤަރާރަށް އަމަލުކުރަން ޖެހޭތޯ ނުޖެހޭތޯ އެއީ އަދި މުޅިން އެހެން ކަމެއް. އެކަމަކު އެވަރުގެ ޤަރާރަށް ރާއްޖެއާ ދޭތެރޭ ނެރުނީމަ، އަޅެ ދިވެއްސަކަަށްވެހުރެ ލަދެއް ނުގަނޭތަ؟ ދެން މީ އިސްލާމްދީނޭ، މަރުގެ ހުކުމޭ ކިތަންމެވަރަކަށް ކިޔަސް، އެބަ އެނގޭދޯ އޭއީއެއްނޫންކަން އަސްލު މިޤަރާރު މިނެރެން ޖެހުނު ސަބަބަކީ. ސަބަބަކީ ސަރުކާރު ޤާނޫނު އަސާސީއާ ޚިލާފުހުން. އެކަމަކު ޝިއާން ގެ ވަޒީފާގަ ދެމިހުންނަން އެހެން ބުނެވޭކަށް ނޯންނާނެ. އެހެންވީމަ ދެން ކިޔަން ޖެހޭނީ ދީނޭ ޤައުމޭ ދޯ.
މާޖިދު
16 March 2018
އީޔޫން ޔާމީނާ ދެކޮޅަށް ފިޔަވަޅު އެޅީމަ އެކަން ގައުމާދެކޮޅު އަމަލަކަށް ނުވެފަ ، ދިވެހިރައްޔިތުން ޔާމީން ވެރިކަމުން ބާލުވާށޭ ބުނީމަ އެކަން އިސްލާމް ދީނާ ދިވެހިދައުލަތާ ދެކޮޅު ކަމަކަށްވަނީ ކިހިނެއް.؟
މޫސާ
16 March 2018
މުސްކުޅިން ބުނެއުޅެ އިންސާނުން ލަދުހަޔާތް ހުސްވުމަކީ ޖަނަވާރުންނަށްވުރެވެސް ނުރައްކާތެރިކަމެކޭ އެއީ ބުއެއްދި ހުރެމެ ޖަނަވާރުންގެ ދަރަޖައަށް ނުވަތަ އެއަށްވުރެވެސް ދަށުޖަރަޖައަކަށް ދިއުންދޯ
ޔާންޓޭ
16 March 2018
ލޮލް. އައިއޭމް ޖަސްޓް ސްޕީޗްލެސް ވިތް ދިސް ގަވަރމެންޓ........
ގަމަރު ނިސާ
16 March 2018
މީ ކިހާ ދެރަކަމެެެ
ޓިނު
15 March 2018
ހާސްކަނޑާލާ ބުރޯ!
ހުސެންބޭބެ
15 March 2018
ރާއްޖޭގެ އަގު ވެއްޓުމަކީ ހާސްވާންޖެހޭ ކަމެއް ނޫނޭ ބުނާ ސަފީރުން މަޤާމުން ވަކިކުރަންޖެހޭ. ޔޫރަޕްގައި ރާއްޖޭގެ އަގުވެއްޓުމުގެ އެންމެ ބޮޑު ޒިންމާ ނަގަން ޖެހޭނީ ސަފީރު. މިވަރުމިވަނީ ސަފީރު ކުރަންވާވަރަށް މަސައްކަތް ނުކުރާތީ ނުވަތަ ނާޤާބިލްކަމުން. ސަރުކާރުން ބޭރުގަ ތިބެގެންވެސް އިދިކޮޅު މީހުން މާބާރަށް ފިރޯށިފިރުކަމުން އެގެންދަނީ. އެހެންވިޔަ ދީގެން ނުވާނެ.
މާއިލް
16 March 2018
ފިޔަވަޅަކީ ސީރިޔަސް ވާންޖެހޭ ކަމެއްނޫނޯ. އެކަމް ފިޔަވަޅެއް އަޅައިފިނަމަ ތިމަންނަމެން ސީރިވަސް ވާނަމޯ. މިކިޔަނީ ކީކޭތަ. އީޔޫއިން ތިމަންނަ ގައިގަ ޖެހިޔަސް ހުމެއް ނާންނާނެޔޯ އެކަމް ތިމަންނަ ހުންއަންނާނަމޯ. މީޖޯކުކަމެއްނު.
ޓުކުރި އަޒީ
15 March 2018
ދެވަނަ ސައްހާފު ހަމަ. އަނގަޔަކުން ދެރައެއް ނުވާނެ.
އީ ޔޫ
15 March 2018
އާނ އީޔޫއިން އަންގާފަޔޯއޮތީ ސްޕްރީމްކޯޓުގެ ދެފަނޑިޔާރުން ޖަލައްލުމައްފަހު ވަޒީފާއިންވަކިކުރަން.
މަންނާނު
15 March 2018
އެހެންވީމާ އީޔޫއާއި ގުޅިގެން ޖުޑިށަރީ ރަގަޅު ކުރާތީ ދޯ އުއްތަމަ ފަޑިޔާރު ބަންދުކޮށް ސްޕްރީމް ކޯޓްއަށް އަތްބާނައިގެން ތިއުޅެނީ