ފްރާންސްގެ ކުރީގެ ރައީސް ސަރްކޯޒީ (ވ) އާއި ލީބިއާގެ ލީޑަރު ގައްޒާފީ. --ފޮޓޯ:އީޕީއޭ
22 މާޗް 2018 - 12:52
ޕެރިސް (މާޗް 22) - ލީބިއާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ފަރާތުން ކެމްޕޭނަށް ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސަރްކޯޒީގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
ދެހާސް ހަތް ވަނަ އަހަރުގެ ކެމްޕޭނުގައި ލީބިއާ ސަރުކާރުގެ ފައިސާ ބޭނުންކުރި ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ސަރްކޯޒީއާ ވަނީ ދެ ދުވަސް ވަންދެން މި ހަފުތާގައި ސުވާލުކޮށްފަ އެވެ. އޭނާ ދޫކޮށްލީ އިއްޔެ އެވެ. އެ ތުހުމަތުތައް ސަރްކޯޒީ، 63، ދޮގު ކުރައްވަ އެވެ. ސަރްކޯޒީ ވަނީ 2012 ވަނަ އަހަރުގެ އިންތިޚާބުގައި ފްރާންސްވާ އޮލަންޑާއާ ވާދަކުރައްވާ ނާކާމިޔާބުވެފަ އެވެ.
ސަރްކޯޒީ ވިދާޅުވީ އޭނާގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވާފައި ވަނީ 2011 ވަނަ އަހަރު ގައްޒާފީގެ ސަރުކާރާ ދެކޮޅަށް ކުރި އިހްތިޖާޖުގައި ފްރާންސްގެ ހަނގުރާމަ މަތީ ބޯޓުތައް ލީބިއާ އަށް ފޮނުވުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.
ސަރްކޯޒީ ވަނީ 2014 ވަނަ އަހަރު ވެސް ހައްޔަރުކޮށްފަ އެވެ. އެއީ ކެމްޕޭނަށް ހޯދި ފައިސާ ނުހައްގު ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޥެސްޕާ
22 March 2018
ކޮބައިތަ އީޔޫ؟