މިދިޔަ އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ފަންނާނުންތަކެއް ސެލްފީއެއް ނަގަނީ.
25 މާޗް 2018 - 06:27
މިހާރު އެއްވެސް މީހަކަށް، ސެލްފީއަކާ ނުލައި އެއްވެސް ކަމެއް ފުރިހަމަ ވޭ ހެއްޔެވެ؟ އެކަމަކު މި އަހަރު ބާއްވާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ސެލްފީ ނެގުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
ފެސްޓިވަލްގެ ޑިރެކްޓަރު ތިއެރީ ފްރެމޯކްސް ބުނީ ކާންސްގެ ރެޑް ކާޕެޓްގައި މި ފަހަރު ސެލްފީ ނެގުމުގެ ފުރުސަތު އެއްގޮތަކަށް ވެސް ނުދޭން ނިންމާފައިވާ ކަމަށެވެ.
ތިއެރީ ބުނީ ރެޑް ކާޕެޓްގައި ސެލްފީ މަނާކުރީ ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ކަމަށެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ވެސް ސެލްފީ ނެގުން ކޮންޓްރޯލް ކުރި އެވެ.
"ނަމަވެސް މި ފަހަރު ސެލްފީ ނެގުން މުޅިން މަނާ ވާނެ ރެޑް ކާޕެޓްގައި. އަސްލު މިގޮތަށް ނިންމަން ޖެހުނީ ބައެއް މީހުން ސެލްފީ ނަގަން އެތައް މިނިޓެއް ރެޑް ކާޕެޓްގައި ހޭދަ ކުރާތީ، ފަހަތުން އަންނަ މީހުންނަށް ވެސް ކުރިއަށް ދާން ދަތިވެ، އެތައް ވަގުތެއް ގެއްލޭތީ،" ތިއެރީ ބުންޏެވެ.
ކާންސް ފިލްމް ފެސްޓިވަލްގެ ޑިރެކްޓަރު ތިއެރީ ފްރެމޯކްސް.
ވެނިޓީ ފެއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކާންސްގައި މި ފަހަރު ސެލްފީ މަނާކުރުމުގެ އިތުރަށް ފެސްޓިވަލްގައި ކުރިން އާންމުކޮށް ދުވާލުގެ ގަޑިތަކުގައި ނޫސްވެރިންނަށް ހާއްސަކޮށްގެން ބާއްވާ ފިލްމްތަކުގެ ޕްރެސް ސްކްރީނިން، މި ފަހަރު ފިލްމްތަކުގެ ގާލާ ޕްރިމިއާގެ ކުރިން ނުބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.
އެހެންވެ މީޑިއާތަކަށް ފިލްމްތައް ދައްކައިލާނީ ގާލާ ޕްރިމިއާތަކަށް ފަހު އެވެ.
ކާންސް ފިލްމް ފެސްޓިވަލް އިންތިޒާމު ކުރާ ފަރާތުން ނިންމާ ނިންމުންތަކަށް ބައެއް ފަހަރު ވަރަށް ބޮޑެތި ފާޑު ކިޔުންތައް ވެސް އަމާޒުވާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން 2015 ގައި އަންހެންވެރިން ފެސްޓިވަލަށް ދާން ޖެހޭނީ ހައި ހީލްސްގައި ކަމަށް ނިންމުމުން ފެސްޓިވަލްގެ އިންތިޒާމް ކޮމެޓީ ހޫނު ފެނަށް ވެއްޓުނެވެ.
އަންނަ މެއި މަހުގެ 8-19 އަށް ކުރިއަށްދާ މި އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގެ ޖޫރީ ރައީސަކީ އޮސްޓްރޭލިއާގެ ބަތަލާ ކޭޓް ބްލެންޝެޓް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy