ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖްޑެމޮން. --ފޮޓޯ:އޭއެފްޕީ
26 މާޗް 2018 - 11:47
ބާލިން (މާޗް 26) - ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުޖްޑެމޮންގެ ބަންދާ މެދު ގޮތެއް ނިންމަން ޖަރުމަނުގެ ކޯޓަކަށް މިއަދު ހާޒިރު ކުރަން ނިންމައިފި އެވެ.
ޖަރުމަން ފުލުހުން ޕުޖްޑެމޮން އިއްޔެ ހައްޔަރު ކުރީ ޑެންމާކުން ޖަރުމަނަށް ވަދެ އެ ގައުމުގެ ހައިވޭއެއްގައި ދަތުރު ކުރައްވާފައި ވަޑައިގަންނަވަނިކޮށެވެ. ޕުޖްޑެމޮން ހައްޔަރު ކުރީ ޔޫރަޕިއަން އެރެސްޓް ވޮރެންޓެއްގެ ދަށުންނެވެ.
ޕުޖްޑެމޮން ހައްޔަރު ކުރީ އޭނާއާ ދެކޮޅަށް ސްޕޭނުގެ ޕްރޮސެކިއުޓަރުން އަމުރު ނެރުނުތާ ފަސް މަސް ފަހުންނެވެ. ޕުޖްޑެމޮން ހައްޔަރުކޮށްފައި ވަނީ ބެލްޖިއަމަށް ވަޑައިގަތުމުގެ ދަތުރުގައި އުޅުއްވަނިކޮށެވެ. މިދިޔަ ހުކުރު ދުވަހު އޭނާ ވަނީ ފިންލޭންޑަށް ވަޑައިގެންފަ އެވެ. އެއީ ޔުނިވާސިޓީއެއްގައި ތަގްރީރު ކުރެއްވުމަށާއި ވަކީލުންނާ ބައްދަލު ކުރެއްވުމަށެވެ.
ބާސެލޯނާގެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ
ޖަރުމަނުގެ ކޯޓަކަށް ޕުޖްޑެމޮން ހާޒިރު ކުރަނީ އޭނާގެ އައިޑެންޓިޓީ ޔަގީން ކުރުމަށާއި އޭނާ ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށެވެ.
ޕުޖްޑެމޮން ހައްޔަރު ކުރުމާ ގުޅިގެން ކެޓަލޯނިއާގައި ވަނީ ހަމަނުޖެހުންތައް ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހަމަނުޖެހުން ހިންގި މީހުން މައިތިރި ކުރުމަށް ސްޕޭން ފުލުހުން ރޭ ވަނީ ބާރުގެ ބޭނުން ކޮށްފަ އެވެ. ބާސެލޯނާގެ ހަމަނުޖެހުންތަކުގައި ވަނީ 90 މީހުން ޒަޚަމްވެފަ އެވެ. އޭގެ ތެރޭގައި 22 ފުލުހުން ވެސް ހިމެނެ އެވެ.
ޕުޖްޑެމޮން ހައްޔަރު ކުރަން ކުރިން ނެރުނު އަމުރު ސްޕޭނުގެ ފަނޑިޔާރަކު ޑިސެމްބަރު މަހު ވަނީ އުވާލައިފަ އެވެ. އެއީ ޕުޖްޑެމޮން އަނބުރާ ސްޕޭނަށް ވަޑައިގަންނަވަން ބޭނުންކަން އޭނާ ހާމަކުރައްވާފައިވާތީ އެވެ. އެކަމަކު ސްޕޭނުގެ ކޯޓަކުން މީގެ ތިން ދުވަސް ކުރިން ވަނީ އެ އަމުރު އަލުން ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަފީޤާ
26 March 2018
އިދިކޮޅު ލީޑަރު ހައްޔަރުކޮށްގެން ކޯޓަށް ގެންދާއިރު އެއްކަލަ އީޔޫ ޗުއްޕުވެސް ނުބުނޭ. އަނެއްކޮޅުން ފުލުހުން އެޔޮގެން ރައްޔިތުންނަށް އަނިޔާކުރަނީ. ކޮބާ އީޔޫ ޕާލެމެންޓުން ރިސޮލިއުޝަނެއް ނެރޭކަށް ނުވޭބާ
ދޮޅަސް
27 March 2018
އަިދިކޮޅުލީޑަރެއްނޫން އޭނައަކީ ސުޕޫނުގެ ސަރުކާރުދަށުން ވަކިވެ. ވަކިގައުމެއް ގެ ގޮތުގަ ބާސެލޯނާ ހިމެނޭ ކުޓީނިއޯ ހަދާ ވަކި ދައުލަތެއް ގާއިމު ކުރުމައް މަސައްކަތް ކުރެއްވި ކުޓީނިއޯގެ ލީޑަރެއް..ޔޫރަޕިއަން ޔުނިއަންއިން ކުޓީނިއޯގެ ދައުލަތް ބަލާގަންފަނުވޭ..އިދިކޮޅުލީދަރުން އައްވާނީ ކުޓީނިއޯގެ އެހެން ސިޔާސީޕާޓީތަކުގެ ލީޑަރުން. ޕުޖްޑެމޮން އަކީ ކުޓީނިއޯގާ މިނިވަންކަން އިއުލާނުކުރި އެއްކޮޅު ލީޑަރު
ހަސީނާ
26 March 2018
ކޮބާ އީޔޫ.
ދޮޅަސް
27 March 2018
އީޔޫގެ ވޮރަންޓެއް ގެ ދަށުން ހައްޔަރު ކުރީ.. ވާނުވާގަދޯ