ރަޝިޔާގެ ކުރީގެ ޖާސޫސްގެ ދަރިފުޅު ޔޫލިއާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން.
30 މާޗް 2018 - 22:53
ލަންޑަން (މާޗް 30) - އިނގިރޭސި ވިލާތުގައި ވިހަ ދީގެން ހާލު ދެރަވި ރަޝިޔާގެ ކުރީގެ ޖާސޫސް ސާގީ ސްކްރިޕަލްގެ އަންހެން ދަރިފުޅު ޔޫލިއާ ސްކްރިޕަލްގެ ހާލު ރަނގަޅުވެ އޭނާ މިހާރު ވާހަކަ ދައްކަން ފަށާފައިވާ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.
ޔޫލިއާ އާއި އޭނާގެ ބައްޕަ ސާގީ ސްކްރިޕަލް އެޑްމިޓްކުރީ ސަލިސްބަރީގައި މި މަހު 4 ވަނަ ދުވަހު ނާވް އެޖެންޓެއްގެ އަސަރުކޮށްގެންނެވެ. ސަލިސްބަރީ ޑިސްޓްރިކްޓް ހޮސްޕިޓަލުން ބުނީ ޔޫލިއާގެ ހާލު ރަނގަޅުވި ނަމަވެސް އޭނާގެ ބައްޕަ ސްކްރިޕަލް އޮތީ ނާޒުކް ހާލަތެއްގައި ކަމަށެވެ. އެކަމަކު އޭނާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށް ބުނެފައިވެ އެވެ.
ޔޫލިއާގެ ހާލު ރަނގަޅުވަމުން އައި ނަމަވެސް ނާވް އެޖެންޓުގެ ސަބަބުން އޭނާ އަށް ފަހުން ލިބިދާނެ ގެއްލުމެއް އަދި ނޭނގެ އެވެ.
ރަޝިޔާގެ ކުރީގެ ޖާސޫސް އާއި އޭނާގެ އަންހެން ދަރިފުޅަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް އިނގިރޭސި ވިލާތުން ބުނެ އެވެ. ރަޝިޔާއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ދަށުން އިނގިރޭސި ވިލާތުން މިހާރު ވަނީ ރަޝިޔާގެ 23 ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ. ރަޝިޔާ އިން ވެސް ވަނީ އިނގިރޭސި ވިލާތުގެ 23 ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ. އަދި އެމެރިކާ އިން ވެސް ރަޝިޔާގެ 60 ޑިޕްލޮމެޓުން ފޮނުވާލުމުމާ އެކު ރަޝިޔާ އިން ވެސް ވަނީ އެމެރިކާގެ 60 ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy